ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން އައްޑޫ ސިޓީގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ކުރިއަށް ގެންދިޔަ "އެމްޑަބްލިޔުއެސްސީ ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓް 2021" މުބަރާތް ނިންމާލައިފިއެވެ.

އެމްޑަބްލިޔުއެސްސީ އިން ސްޕޮންސާ ކޮށްގެން ބޭއްވި އެބުރާތުގައި ފަސް ސްކޫލަކުން 150 ދަރިވަރުންނާއި 80 މުދައްރިސުން ބައިވެރިވި އެވެ. އަދި ހަތަރު ކްލަބަކުން 20 އެތުލީޓުންވެސް މުބާރާތުގައި ވާދަކުރިއެވެ.

އެ މުބާރާތް ނިންމާލުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހުއެވެ. އަދި މުބާރާތުން ވަނަތައް ހޯދި ބައިވެރިންނަށް ހަނދަނީ ލިޔުމާއި މެޑަލް ހަވާލުކޮށްދެއްވީ ޝާހުއެވެ.

އެ ރަސްމިއްޔާތުގައި ބިލެތްދޫ ދާއިރާގެ ކުރީގެ މެންބަރު އަލްއުސްތާޒު އަހުމަދު ހަމްޒާއާއި އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފްގެ އިތުރުން ރޯވިން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އަހުމަދު ހަބީބު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސްކޫލުތަކުގެ އިސް ބޭފުޅުންނާއި ދަރިވަރުން ބައިވެރިވެފައިވެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ މުބާރާތުގެ މަގްސަދަކީ ރޯވިން ނުވަތަ ފަލި ޖެހުމުގެ އާދަ ކުޑަ ކުދިންނަށާއި ޒުވާނުންނަށް ދަސްކޮށްދިނުމާއި އެކަން އާލާކުރުން ކަމަށެވެ. އަދި މި މުބާރާތުގެ ސަބަބުން ވާދަވެރި ހުނަރުވެރި ޒުވާޏުންނާއި ކުދިން އުފެދުމުގެ އިތުރުން އެކުދިންނަށް ބައިނަލްއަގުވާމީ މުބާރާތްތަކުން ފުރުސަތު ފަހިވެގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ހަމައެއާއެކު، ފަލި ޖެހުމުގެ ހުނަރު ދިރުވައި ގައުމީ ރެކޯޑް ރޭންކް ކޮށް، ގައުމީ ޓީމް އެކުލަވާކުމަށް މިފަދަ މުބާރާތްތަކުން މަގުފަހިކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން މިއީ އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ އޭޝިއަން ކޯސްޓަލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެއް ކަމަށްވެސް އެމްޑަބްލިޔުއެސްސީން ފާހަގަކުރިއެވެ.