15 Nov 2021, 07:52
ވައި ތަޣައްޔަރުވުމުން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އުފެދިފައިވާ ދުމުގެ ސަބަބުން އެ ތަނުގެ ސްކޫލުތައް އެއް ހަފްތާއަށް ބަންދު ކޮށްފިއެވެ.
މިކަމާ ގުޅިގެން ނިއު ދިއްލީގެ އޮފިޝަލުން ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި "ޕޮލިއުޝަން ލޮކްޑައުން"އަކަށް ދާން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
މީގެ އިތުރުން، ނިއު ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވަލް ވިދާޅުވީ ޖައްވުގެ ތެރެއިން ކުދިންގެ ހަށިގަނޑު ތެރެއަށް ނުސާފު ވައި އެތެރެވާން ނޭދޭ ކަމަށާއި އެހެންކަމުން، ސްކޫލުތައް ބަންދު ކުރަން ނިންމީ ކަމުގައެވެ. އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތްތައްވެސް ހަތަރު ދުވަހަށް ހުއްޓާލުމަށް ވަނީ ނިންމާފައެވެ.
ހަމައެއާއެކު ޗީފް މިނިސްޓަރު ވަނީ ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ބާރު އަޅުއްވައި، އަމިއްލަ ތަންތަނުގައި މަސައްކަތް ކުރާ މީހުންވެސް ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.
އިންޑިއާގެ ނިއު ދިއްލީއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އެންމެ ވައި ނުސާފު އެއް ތަނެވެ.
މިދިޔަ ހޮނިހިރު ދުވަހު ނިއު ދިއްލީގެ ސުޕުރީމް ކޯޓުން ވަނީ "ޕްލިއުޝަން ލޮކްޑައުން"އެއް އިއުލާން ކުުރމަށް ގޮވައިލައިފައެވެ. ނިއު ދިއްލީގެ ޗީފް މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން އެގޮތަށް އަމަލު ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.
"މީގެ ކުރިން ޕޮލިއުޝަން ލޮކްޑައުން އެއް ކޮށްފައެއް ނުވޭ. މިއީ ވަރުގަދަ ފިޔަވަޅަކަށް ވާނެ،" އޭނާ ވިދާޅުވިއެވެ.
ދިއްލީގައި ވައި ތަޣައްޔަރުވެ، ދުން ބޯވާ މައްސަލަަ ހައްލު ކުރާނެ ކަމަށް ދިއްލީގެ ސަރުކާރުން މީގެ ކުރިން ބުނެފައިވީ ނަމަވެސް އެ މަސައްކަތް ކާމިޔާބުވެފައި ނުވެއެވެ.
ދިއްލީގައި ކޮންމެ އަހަރަކުވެސް މިދުވަސްވަރު އާދަޔާ ހިލާފަށް ދުން ބޯވާ ސަބަބުތަކުގެ ތެރޭގައި ދިއްލީގެ އަވަށްޓެރި ޕަންޖާބާއި ހަރިޔާނާ ސްޓޭޓުގައި ގޮވާން ކަނޑާފައިވާ ދަނޑުތައް އެންދުމާއި ބަޑިބޭހުގެ ކުޅިވަރުތައް ކުރިއަށް ގެންދިޔުން ހިމެނެއެވެ.