04 Mar 2012, 10:31
ރައްޔިތުންގެ މަޖިލީސް ހުޅުވަން އޮތް، މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީ އިން ކުރި މުޒާހަރާތަކުގެ ތެރޭގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުގެ ލައިންތައް ފަޅާލުމަށް ފަހު، ފުލުހުންނަށް ހަމަލާދީ ނުކިޔަމަންތެރިކަން ދެއްކުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހަކު މަސްތުވާތަކެއްޗަށް ޕޮސިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ކުރާގޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، ފުލުހުންގެ ލައިންތައް ފޫއަޅުވާފައި އެތެރެއަށް ވަނުމުން ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން މަސްތުވާތަކެއްކަށް ޕޮޒިޓިވްވި ކަމަށް ފުލުހުން ތުހުމަތު ކުރާ ހަތަރު މީހުންނަކީ، ހަސަން އަބްދުﷲ ގދ. ވާދޫ އަސަރީގެ 38، އާއި މުހައްމަދު ނާއިފް ކ. މާލެ ހ. ވީސަންގެ 26، އާއި ޝިނާޒް މޫސާ އއ. އުކުޅަސް ވާރޭވިލާ 25، އަދި މުހައްމަދު ސަދުރީ ކ. މާލެ މއ. ކުޑަދުންމާރިގެ 41 އެވެ.
އޮފިޝަލް ވިދާޅުވީ އެ މީހުންގެ މައްސަލަތަކުގެ ތަހުގީގު ނިންމުމަށް ފަހު ވަރަށް އަވަހަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.