15 Nov 2021, 07:18
ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އާލިއާ ބަޓާއި ރަންބީރް ކަޕޫރު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެެއް ފާއިތުވެ ހިނގައްޖެއެވެ.
އާލިއާ އޭނާގެ ދުވަހުގެ ތާވަލު އަންގައިދޭ ވީޑިއޯއެއް އޭނާގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަނީ ގެނެސްދީފައެެވެ. އަދި އެ ވީޑިއޯގައި އޭނާ ދިޔައީ އޭނާގެ ފޭނުން އޭނާއާ ކޮށްފައި ހުރި ބައެއް ސުވާލުތަކަށް ޖަވާބު ދެމުންނެވެ.
އެގޮތުން އާލިއާ ކައިވެނި ކުރާ ތާރީހާ ބެހޭގޮތުން ވަރަށް ގިނަ ފޭނުން ސުވާލުކޮށްފައި ހުރި ނަމަވެސް އޭނާ ޖަވާބު ދީފައިވަނީ ޔަގީން ކަމަކާނުލައެވެ. އަދި އެ ސުވާލުގެ ޖަވާބުގައި އޭނާ ބުނެފައިވަނީ ހަމައެކަނި ނޭނގޭކަމަށެވެ. ނަމަވެސް ދިވާލީގެ މުނާސަބަތުގައި އާލިއާ ވަނީ އިންސްޓަގްރާމްގައި ލޯބިވެރިޔާ ރަންބީރާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު އޭނާގެ ފޭނުން ވަނީ އެ ފޮޓޯއަށް ވަރަށް ތައުރީފުކޮށްފައެވެ.
View this post on Instagram
އާލިއާގެ ދުވަހުގެ ތާވަލު އަންގައިދޭ ވީޑިއޯއިން ފުރަތަަމަ ފެނިގެންދަނީ އިޝްތިހާރެއްގެ ޝޫޓިންއަކަށް ދާ މަންޒަރެވެ. އަދި ސުވާލުތަކަށް ޖަވާބުދިނުމުގައި އާލިއާގެ އެންމެ ގާތް އެކުވެރިޔާ އަކަންޝާ ރަންޖަން ކަޕޫރުވެސް ވަނީ ބައިވެރިވެފައެވެ.
އާލިއާގެ ފޯނުގެ ސްކްރީން ސޭވާ ދައްކަން ބުނުމުން އޭނާވަނީ ފޭނުންނަށް ފޯނުގެ ސްކްރީން ވެސް ދައްކައިފައެވެ. ސްކްރީންގައި ވަނީ އޭނާއާއި ރަންބީރްގެ ފޮޓޯއެކެވެ. ފޭނުންވަނީ ތަފާތު ސުވާލުތައް އާލިއާއާ ކުރިމަތި ކުރުވައިފައެވެ. އެގޮތުން ޝޫޓިންގައި އުޅޭއިރު ކުރެވޭ ތަޖުރިބާތަކާއި ދިމާވާ އުނދަގޫތަކުން އަރައިގަންނަ ގޮތާމެދުވެސް ސުވާލު އުފައްދާފައިވެއެވެ.