14 Nov 2021, 21:54
އަންނަ އަހަރަށް ލަފާ ކުރާ މިނިވަން މުވައްސަސާތަކުގެ ބަޖެޓު ބޮޑުކޮށްދިނުމަށް މުވައްސަސާތަކުން އެދުނު ނަމަވެސް، ބަޖެޓު އިތުރުކޮށްދެވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ބަޖެޓު ހުށަހަޅައިފައިވާއިރު، ބައެއް މިނިވަން މުވައްސަސާތަކުން ވަނީ ބަޖެޓު އިތުރުކޮށްދިނުމަށް އެދިފައެވެ.
ބަޖެޓު ބޮޑުކޮށްދިނުމަށް އެދި 17 މިނިވަން މުވައްސަސާއަކުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީއާ ބައްދަލުކުރަމުން އަންނައިރު، ބަޖެޓާ ގުޅޭ މައުލޫމާތު ދެއްވުމަށް ފިނޭންސް މިނިސްޓަރު އަމީރު ވަނީ މިއަދު ކޮމިޓީ ބައްދަލުވުމަށް ވަޑައިގެންފައެވެ.
ކޮމިޓީ ބައްދަލުވުމުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ މިހާރު ހުށަހަޅައިފައިވަނީ އިގްތިސޯދު އޮތް ހާލަތަށް ބަލާއިރު، ސަރުކާރުން ހުށަހެޅޭނެ އެންމެ ބޮޑު ބަޖެޓު ކަމަށެވެ.
"2021 ވަނަ އަހަރަށް ފާސްކުރި ބަޖެޓުން ފެށިގެން ގޮސް، 2023 ނިމެންވާއިރަށް އަޅުގަނޑުމެން ބަލައިލައިފިނަމަ ދައުލަތަށް ގާތްގަނޑަކަށް 36 ނުވަތަ 40 ބިލިއަނެއް ހާ އާމްދަނީ ސީދާ ޑައިރެކްޓް ކޮށް ގެއްލިފަ މިއޮތީ،" އަމީރު ވިދާޅުވިއެވެ.
ބަޖެޓުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު އިތުރަށް ވިދާޅުވީ މިނިވަން މުވައްސަސާތަކާއެކުގައި ވެސް އެ ކަންކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި މި މުވައްސަސާތަކަށް އިތުރަށް ބަޖެޓު އަޅުގަނޑުމެން ބޮޑުކުރުމަކީ އަޅުގަނޑުމެންނަށް މި ދަނޑިވަޅުގަ ދަތި ކަމަކަށްވާނެ،" އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އާމްދަނީ އިތުރުކުރަން ބޭނުން ނަމަ ޖެހޭނީ ޓެކްސް އިތުރުކުރަން ކަމަށެވެ.
"ޓެކްސްގެ ގޮތުގައި ޖީއެސްޓީއާއި ޓީޖީއެސްޓީ މި އަންނަ އަހަރު ލިބޭނެ އާމްދަނީ މިއޮތީ ބަޖެޓުގައި އަންދާޒާ ކޮށްފަ، ދެން އޭގެ ބޭރުން އާމްދަނީއެއް ނުލިބޭނެ، ޖެހޭނީ ދަރަންޏަށް ފައިސާ ނަގަން،" އަމީރު ވިދާޅުވިއެވެ.
ދަރަންޏަށް ފައިސާ ނެގިނަމަވެސް ކެޕޭސިޓީއަށް ބަލައި، ނަގަން ޖެހޭނީ ފިސްކަލް ސްޓްރެޓެޖީއާ އެއްގޮތް ވާ ގޮތަށް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.