ފެބުރުއަރީ ހަތް ވަނަ ދުވަހު ވެރިކަން ބަދަލުވުމާއެކު ހިޔާލުތަފާތުވެ އުފެދުނު ކޯޅުންތައް ފިނި ކަމެއް ގެނައުމަށް ސަރުކާރުން ރޯޑްމެޕެއް އިއުލާން ކުރި އެވެ. ދެބަސްވުންތަކަށް ފިނިކަން ގެނެވޭނީ ރޯޑްމެޕަކަށް އެންމެން ވާހަކަ ދައްކައިގެން ކަމަށް ބުނެ ރޯޑް މެޕްގެ ވިލަރެސް ވެރިޔަކަށް ބޮޑުފެންވަޅުގޭ އަހުމަދު މުޖުތަބާ، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ހަމަޖެއްސައި ހުރިހާ ޕާޓީތަކެއް އެއްމޭޒެއްގެ ކައިރީގައި އިށީނުނުގެ މަސައްކަތްތައް ފެށުނެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ފުރޮޅުމަކަށް ގޮސް ރައީސް ވަހީދުގެ ސަރުކާރާއެކު އައި ރާއްޖެ ހަލަބޮލިކަމުން އަމާން މަންޒިލަކަށް ގެންދިއުމަށް އެންމެން ވެސް އުންމީދު ކުރީ "އޯލް ޕާޓީ ޓޯކްސް" ނޫނީ ސުލްހައިގެ ވާހަކަތަކެވެ. ނަމަވެސް މިހާތަނަށް ކަން ހިނގައި ދިޔަ ގޮތަށް ބަލާއިރު އުންމީދު އެ ހުޅުކޮޅު ވެސް ކަނިވެ ގާތްގަނޑަކަށް ނިވެން ދަނީ އެވެ. ސުލްހައިގެ ވާހަކަތައް ފެށި އިރު އެމްޑީޕީ "ބޮޑާހޭކުމެއްގައި" ގައި ތިބި ނަމަވެސް ފަހުން ވާހަކަ ދިޔައީ ވާހަކަ ދެކެވެމުންނެވެ. ނަމަވެސް މިދިއަ ބުރާސްފަތި ދުވަހު އެމްޑީޕީން ރައްޔިތުންގެ މަޖިލީސް ހުއްޓުވުމުން އިއްތިހާދުވެފައިވާ މައި ސިޔާސީ ޕާޓީތަކުން ވަނީ ސުލްހައިގެ މޭޒުން އެއް ފަރާތްވެގެންފަ އެވެ. ފުރަތަމަ ޑީއާރްޕީ އެވެ. ދެން ޕީޕީއެމެވެ. ފަހަތުން އަދާލަތެވެ. މިއީ އިއްތިހާދުގައި ނަގާކިޔާ ތިން ގުނަވަނެވެ.

"އެގޮތަށް އެމްޑީޕީން މަސައްކަތް ކުރީމަ އަޅުގަނޑުމެންނަށް [މަޖިލިސް ހުއްޓުވުމުން] އެނބުރި ސުލްހައިގެ މޭޒުދަށައް ދެވޭނީ [އަލުން] މަޖިލިސް ހިނގައިގަތުމުން. އަޅުގަނޑުމެންގެ ކައުންސިލުން އެ އޮތީ އެގޮތަށް ނިންމާފައި. ދެންވެސް ދާނީ ކައުންސިލަށް އެނބުރި އެވާހަކަތަކަށް ދަންޏާވެސް،" މަޝްވަރާތަކުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވި އެވެ.
ސުލްހައިގެ ވާހަކަތަކާ ފެއަށް ޖެހުމަށް ޕީޕީއެމްއެކޭ އެއްގޮތަށް ޑީއާރްޕީއާއި އަދާލަތުން ވެސް ދައްކާފައި ވަނީ އެއް ބަހަނާއެކެވެ. އެ އެންމެންގެ ވެސް ވާހަކައަކީ އެމްޑީޕީގެ އަމަލުތައް ހުރި ގޮތުން ސުލްހަ ވާން ވާހަކަދެއްކޭނެ އަދި ދިމާވެފައިވާ މައްސަލަތަކަށް ސިޔާސީ ހައްލެއް ހޯދޭން އެކަށީގެންވާ މާހައުލެއް ނެތެވެ.

"މަޝްވަރާތަކެއް ކުރިއަށް ގެންދެވޭނީ ދޫދިނުންތަކެއް އޮވެގެން. އެހެންވެ މަޖިލިސްގެ މަސައްކަތް އަލުން ފެށިގެން ދަންދެން އޯލްޕާޓީ ޓޯކުސްތަކުން ޑިއާރުޕީންވެސް ވަކިވީ،"ޑީއާރްޕީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާ ޑެޕިއުޓީ ލީޑަރު އަދި އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވި އެވެ.

ސުލްހައިގެ ވާހަކަތަކުގެ އެޖެންޑާ ތަރުތީބުގައި އެންމެ ފުރަތަމަ ވެސް އަވަސް އިންތިހާބެއްގެ ވާހަކަ ބާއްވަން މަސައްކަތް ކުރާ އެމްޑީޕީގެ ވިސްނުން ހުރީ ތަފާތުކޮށެވެ. އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕްގެ ނައިބު ރައީސް، ދިއްދޫ ދާއިރާގެ އަހުމަދު ސަމީރު ވިދާޅުވި ގޮތުގައި އިއްތިހާދުވެފައިވާ ޕާޓީތަކުގެ މަގުސަދަކީ ސުލްހަ ވުމެއް ނޫނެވެ. ސުލްހައަށް އެދުނު ނަމަ މަޖިލިސް ހުޅުވުމުގެ ދުވަސް، މާޗް އެއް ވަނަ ދުވަހުގެ ކުރިން ތިބީހީ އިންތިހާބުގެ ތާރީހަކަށް އެއްބަސްވެގެނެވެ.

"އަޅުގަނޑުމެން މިބުނަނީ އެއީ ޣައިރު ގާނޫނީ ގޮތުން އޮތް ސަރުކާރެކޭ! އެގޮތަށް އުފެދިފައި އޮތް ސަރުކާރެއްގެ ރައީސަކަށް މަޖިލީހުގައި ބަޔާނެއް ނީއްވޭނޭ. މިހާރު އެމީހުން [ޕާޓީތަކުން] އުޅެނީ ހީލަތްތެރި ގޮތެއްގައި މަޖިލީހަށް ވައްދައިގެން ކަންތައްތަކެއް ކުރަން، އެގޮތަށް އެކަން ކުރަން. ދެން ކޮށް ސުލްހަ އެއްތޯ އޮންނާނީ! އެހެންނަމަ މާޗް އެކެއްގެ ކުރިން ތާރީހަކަށް އެއްބަސްވީސް، އެކަމަކު އެބޭފުޅުން ބޭނުމެއް ނުވޭ،" ސަމީރު ވިދާޅުވި އެވެ.

އެމްޑީޕީން ސުލްހައިގެ މަޝްވަރާތަކުގައި އަބަދުވެސް ބާރުއަޅަނީ އިންތިހާބެއްގެ ތާރީހު ކަޑައެޅުމާ މެދު ބަހުސް ކުރުމަށެވެ. އިންޑިޔާ ވަނުމުން މިހާތަނަށް ވެސް ހޫނުގަނޑެއްގެ ތެރޭގައި ކުރިޔަށް ދިޔަ ސުލްހައިގެ ވާހަކަތަކުގައި މިހާތަނަށް ކުރިއެރުމެއް ލިބިފައި ވާނަމަ އެ ކުރިއެރުމަކީ އެޖެންޑާ އައިޓަމްތަކެއް އެކުލަވައިލެވިފައި އޮތުމެވެ. ފަސް ބައްދަލުވުމެއް ބޭއްވިފައިވާއިރު އެޖެންޑާ އައިޓަމްތަކުގެ ތަރުތީބަށް އެއްބަސްވެވޭ ގޮތެއް އަދި އޮތީ ނުވެފަ އެވެ. އޭގެ ފަހުން އައީ މަޖިލިސް ހުޅުވުމެވެ. އޭގެ ފަހަށް ވާހަކަތަކުން ޕާޓީތައް ފުލުފުލުގައި ވަކިވާން ފެށުމެވެ.

"ތިބޭފުޅުންނަށް އަޅުގަނޑަށް އެންމެ ފަހު ދުވަހު ދަންނަވާލި ވަރަށް އޮތީ! އޭގެ ފަހުން އިތުރު މަޝްވަރާތަކެއް ނުބޭއްވޭތީ ކުރިއަކަށް ނުދޭ. ހަމަ އެވަރަށް އޮތީ،" މުޖުތަބާ ރޭ ވިދާޅުވި އެވެ. ސުލްހައިގެ ވާހަކަތަކާ ބެހޭ ގޮތުން ވިލަރެސްވެރިޔާ ހަމައެކެނި ވިދާޅުވި ވާހަކައަކީ މިއީ އެވެ.

ރާއްޖޭގެ ސުލްހައިގެ ވާހަކަތަކާ ގުޅިގެން ކޮމަންވެލްތް އަދި ޔޫއެން ވެސް ބުނެފައި ވަނީ ޝަރުތަކާ ނުލައި މަޝްވަރާ ކުރުމަށެވެ. ނަމަވެސް އެކަން ކުރަން ތިބި ޕާޓީތައް އޮތީ ދޫކުރާގޮތަކަށް ނޫނެވެ. އެންމެން ވެސް ތިބީ ޝަރުތުތަކާއެކު އެވެ.

އިލްހާމް ވިދާޅުވި ގޮތުގައި މަޖިލިސް ހުޅުވުމަށް ޖާގަ ނުދޭން މަސައްކަތްކުރުމާއި އެމްޑީޕީގެ ސަޕޯޓަރުން ފުލުހުންނާ ސިފައިންނަށް ކުރާ އަނިޔާތައް ހުއްޓާ ނުލާނަމަ ސުލްހައިގެ ވާހަކަތަކަށް ދާނެ އެއްގޮތްވެސް މަގެއް ނެތެވެ.

"މީގެ ކުރިން ހެދިހާ ގޮތެއް ހެދިގެން އުޅުނު ޒަމާން ގޮސްފި. އަޅުގަނޑު ބުނާނީ ސޮރީއޭ! އެކޮޅުން ދޫ ނުދެންޏާ އަޅުގަނޑުމެން ކީއްކުރަންތޯ ދޫ ދޭންވީ. އަޅުގަނޑުމެން މި ބުނަނީ އިންތިހާބެއްގެ ޑޭޓަށް ތައްޔާރޭ، އެކަމަކު އޭގެ ކުރިން ގާނޫނަށް ގެންނަން ޖެހެއޭ ބަދަލުގެންނަން،" އިލްހާމް ވިދާޅުވި އެވެ.


އަންޑޭ ވިދާޅުވި ގޮތުގައި ބުރާސްފަތި ދުވަހު އެމްޑީޕީން މަޖިލީހުގައި ދައްކައިދިން މަންޒަރަކީ މަޝްވަރާ ކުރަން ބޭނުން ނުވުމެވެ. އަދި ސުލްހައިގެ ވާހަކަތައް ކިލަނބުވެފައިވާ ކަމަށާއި މަޝްވަރާއަށް އޮތް ފުރުސަތު އެމްޑީޕީން ނަގާލާފައިވާ ކަމަށެވެ.

"އެމްޑީޕީގެ އިހުލާސްތެރިކަމެއް ނެތްކަން، ގަދަބާރުން ކަންކަން ކުރަން ބޭނުން ވަނީ. އެހެންކަމުން މީގައި [އޯލްޕާޓީ ޓޯކުސް]ގައި ބައިވެރިމުގެ މަގްސަދެއް ނެތް،" އަންޑޭ ވިދާޅުވި އެވެ.

އެއްވެސް ޕާޓީއަކުން ތިބީ ގޮތްދޫކުރާގޮތަކަށް ނޫނެވެ. އިންޑިއާ އާއި ހުދު ރައީސް ވަހީދަށް ވެސް ސުލްހައިގެ ވާހަކަތަކުގައި ޕާޓީތައް އެއްގަލަކަށް އަރަން މަސައްކަތް ކުރެއްވިއްޖެ އެވެ. މަޖިލީސް ހުއްޓުވުމުގެ ނަތީޖާއެއްގެ ގޮތުން ސުލްހައިގެ ދޮރު ވަނީ ގާތްގަނޑަކަށް ބަންދުވެފަ އެވެ. ނަމަވެސް ސަރުކާރުން އަދިވެސް އުންމީދު ކަނޑައެއްނުލަ އެވެ.

"ގައުމުގެ އިންޓަރެސްޓުގައި ގައުމަށް ގޮތްތަކެއް ނިންމައިގެން ކުރިއަށްދާން ހުރިހާ ބޭފުޅުން ވެސް މަސައްކަތްޕުޅު ކުރެއްވާނަމަ އަދިވެސް ފުރުސަތު އެބައޮތް،" ރައީސްގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވި އެވެ.