02 Mar 2010, 15:32
19:00
ސަރުކާރު މުވައްޒިފުންގެ މުސާރަ އިއާދަކޮށްފައިނުވާ މައްސަލައިގައި ފިނޭންސް މިނިސްޓްރީގެ މައްޗަށް ސިވިލްސާވިސް ކޮމިޝަނުންކުރާ ދައުވާގައި މުސާރައާ މެދު ކޮމިޝަނުން ނިންމާފައިވާ ނިންމުމެއް ބާތިލްކުރުމުގެ ފުރުސަތު އެހެން ފަރާތަކަށް ލިބިގެންނުވާ ކަމަށް ބުނެ ދައުލަތަށް އެ ކޮމިޝަނުން ރައްދުދީފި އެވެ.
ސިވިލްސާވިސް ކޮމިޝަނުން ކުރާ ދައުވާއަށް ދައުލަތުން އިންކާރުކޮށް ހުށަހެޅި ޖަވާބަށް، މަދަނީ ކޯޓުގައި މިއަދު އޮތް ޝަރީޢަތުގެ މަޖިލީހުގައި ސިވިލްސާވިސް ކޮމިޝަނުން ރައްދު ދެއްވަމުން އެ ކޮމިޝަނުގެ ވަކީލު އަދި ކުރީގެ ޖަސްޓިސް މިނިސްޓަރ ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވީ، ސިވިލް ސާވަންޓުގެ މުސާރައަށް ބަދަލު ގެނައުމުގެ ބާރު ސިވިލް ސާވިސްގެ ގާނޫނުން ހަމައެކަނި ލިބިގެންވަނީ އެ ކޮމިޝަނަށް ކަމަށެވެ. އަދި އެފަދަ ގާނޫނީ ބާރެއް ނުގުޅައިގަތުމަށް ނުވަތަ ގާނޫނާ ހިލާފް ވުމަށް އެއްވެސް ފަރާތަކަށް އެ ކޮމިޝަނަށް ފިއްތުންތައް ކުރިމަތިނުކުރެވޭނެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލެއްވީ ދެންއޮންނަ ޝަރީއަތުގެ މަޖިލީހެއްގައި، ކޮމިޝަނުގެ ވާހަކަތަކަށް ޖަވާބު ދިނުމަށް ދައުލަތަށް ފުރުސަތު ދެއްވުމަށްފަހު އެވެ.
މިކަމާބެހޭ އިތުރު މައުލޫމާތު ދެއްވަމުން ކޮމިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުއްނާސިރު ވިދާޅުވީ އެ ކޮމިޝަނުން ނިންމާފައިވާ ނިންމުންތަކާއި އަދި މުވައްޒަފުންގެ މައްޗަށް އަމުރުކުރުމުގެ ބާރު ގާނުން ލިބިދީފައި ވަނީ އެ ކޮމިޝަން މުސްތަގިއްލު ކޮމިޝަނަކަށް ވާތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ސިވިލްސާވިސް މުވައްޒަފުންނަށް މުސާރަ ކަޑައަޅުއްވާފައިވާއިރު، އެކަމުގައި އެ ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރައްވަން މަޖިލީހުން އަންގާފައިވާ އުސޫލުތަކާއި ނިންމެވުންތައް ސާފުކޮށް ދިނުމަށް އެދި ހުށަހެޅުއްވި ރިޕޯޓުގައި ބުނެފައިވާނެ ކަމަށް ވަކީލު އަބްދުއްނާސިރު ވިދާޅުވި އެވެ.
މި މައްސަލައިގައި ދައުލަތުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.