15 Nov 2021, 07:42
ރޭގަނޑުގެ ނިންޖަކީ ދުޅަހެޔޮ ސިއްހަތަކަށްޓަކައި ނުހަނު މުހިންމު ކަމެކެވެ. ފައިދާ ހުރި ކާނާ ކެއުމާއި ކަސްރަތުކުރުން މުހިންމުވާ ފަދައިންނެވެ.
ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ކޮންމެ ދުވަހަކު 6-8 ގަޑިއިރުގެ ނިދި އިންސާނާއަށް ބޭނުންވާނެއެވެ. އަދި ރޭގަނޑުގެ ނިދި ހަމަ ނުކޮށްފިނަމަ ތަފާތު ސިއްހީ މައްސަލަތައް ދިމާވެ، އިންސާނާ ބަލިކަށިކޮށްލައެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު ދިރިއުޅުމުގެ ޒިންމާތައް އަދާކުރަމުން ނިދި ހަމަ ކުރާނޭ ވަގުތުވެސް އަދުގެ ޒުވާނުންނަށް ނުވެއެވެ. ނަމަވެސް ނިދީގެ މުހިންމުކަން އެނގޭނަމަ ކަނޑއެޅިފައިވާ މިންވަރަށް ނުނިދާ ދޫކޮށްނުލާނޭކަން ޔަގީނެވެ.
ރަނގަޅަށް ނުނިދައިފިނަމަ ބަރުދަން އިތުރުވޭ
އެކަށިީގެންވާ ވަރަށް ވުރެ މަދުން ނިދުމަކީ މީހާގެ ބަރުދަން އިތުރުވެދާނެ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުން ރަނގަޅަށް ނުނިދާ މީހުންގެ ބަރުދަން، ރަނގަޅަށް ނިދާ މީހުންނަށް ވުރެ ބަރެވެ. އަދި ނުނިދުމަކީ މީހާ ފަލަ ބައްޔަށް ހުށަހެޅިގެންދާނޭކަމެކެވެ.
އެމެރިކާގައި 2015 ވަނަ އަހަރު އެކި އުމުރުގެ ގިނަ އަދަދެއްގެ މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ނިދި ހަމަ ނުކުރާ މީހުންގެ ޖުމުލަ 89 އިންސައްތައިގެ ތެރެއިން 55 އިންސައްތައަކީ ފަލަ ބަލި ޖެހިފައިވާ މީހުންނެވެ.
އެހެންކަމުން ބަރުދަން ލުއިކުރަން ބޭނުންކަމުގައިވާނަމަ ނިދި ހަމަކުރަން އާދަކުރަން ޖެހެއެވެ.
ރަނގަޅަށް ނިދާ މީހުން ހީވާގިވެ، ކަންކަމަށް ޝައުގުވެރިވޭ
ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި ނިދި ހަމަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ނިދި ހަމަކުރުމުން ސިކުނޑީގެ ޒިންމާތައް ފުރިހަމަކަމާއެކު އަދާކުރުމަށް ވަރަށް ބޮޑަށް ބާރުއެޅިގެންދެއެވެ. ކަންކަމަށް ޝައުގުވެރިވުމާއި މަސައްކަތްކުރުންފަދަ ކަންކަމަކީ ސިކުނޑީގެ ދުޅަހެޔޮކަމާއެކު ކުރާ ކަންކަމެވެ.
ސިއްހީ ލަފާދާރުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި 24 ގަޑިއިރު ނުނިދާ މަސައްކަތްކުރާ 36 އިންސައްތަ މީހުންނަކީ ނުރައްކާތެރި ބައްޔެއް ތަހައްމަލު ކުރަމުންދާ މީހުންނެވެ.
ނުނިދާނަމަ ހިތުގެ ބަލިތައް ޖެހުމަށް މަގުފަހިވޭ
ރަނގަޅަށް ނުނިދާނަމަ ސިއްހީ ނުރައްކަލުގެ ތެރެއަށް މީހާ ހުށަހެޅިގެންދެއެވެ. ދިރާސާތަކުން ބުނާގޮތުން ދުވާލަކު އަށް ގަޑިއިރުގެ ނިދި ހަމަކުރާމީހުންނަށްވުރެ ހަމަނުކުރާމީހުންނަށް ހިތުގެ ތަފާތު މައްސަލަތަކާއި ސްޓްރޯކް ޖެހޭ މިންވަރު ގިނައެވެ. އެހެންކަމުން ހިތުގެ ދުޅަހެޔޮކަމަށްޓަކައިވެސް ބަރާބަރަށް ނިދަން އާދަކުރުމީ މުހިންމު ކަމެކެވެ.
ވީމާ، ދުޅަހެޔޮ ސިއްހަތަކަށްޓަކައި ސިއްހީ މާހިރުންގެ ލަފަޔާ އެއްގޮތަށް ކޮންމެ ދުވަހަކު އަށް ގަޑިއިރުގެ ނިދި ހަމަކުރާށެވެ. ކުރަންހުރި މަސައްކަތްތައް ގިނަ ކަމުގައި ވީނަމަވެސް ނިދުމަށްޓަކައި އަށް ގަޑިއިރު ހުސްކުރާށެވެ. ނޫންނަމަ ސިއްހީ ނުރައްކަލުގެ ތެރެއަށް މީހާ ހުށަހެޅިގެން ހިނގައިދާނެއެވެ.
ނޯޓު: މިއީ ހެލްތުލައިން.ކޮމް އިން ނަގާފައިވާ ލިޔުމެކެވެ.