14 Nov 2021, 17:10
ކެންބެރާ (14 ނޮވެމްބަރު) : އޮސްޓްރޭލިޔާގައި ކޮވިޑް-19 ފެތުރޭމިންވަރު ވީހާވެސް ކުޑަ ކުރުމަށްޓަކައި ކުޑަކުދިންނަށް ކޮވިޑް ވެކްސިން ޖެހުމާބެހޭ އިލްމީ ދިރާސާތަކެއް ކުރަމުން ގެންދާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
އޮސްޓްރޭލިއާގެ ސިއްހަތާބެހޭ ވަޒީރު ގުރެގް ހަންޓް ވިދާޅުވިގޮތުގައި އޮސްޓްރޭލިޔާގެ ކުޑަކުދިންގެ ތެރެއިން އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ދިނުން ރައްކާތެރިތޯ ނުވަތަ ނޫންތޯ ބެލުމުގެ ދިރާސާތަކެއް މިހާރުވަނީ ފަށާފައެވެ. މިދިރާސާގެ ނަތީޖާ ޕޮޒިޓިވްކޮށް ދައްކައިފިނަމަ އަންނަ ޖަނަވަރީން ފެށިގެން ކުޑަކުދިންނަށް ޚާއްސަކޮށްގެން ވެކްސިން ޕްރޮގްރާމެއް ގެންދިޔުމަށް ރާވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި އުމުރުން ފަސް އަހަރާއި 11 އަހަރުގެ ކުދިންނަށް ކޮވިޑް ވެކްސިން ނުދެއެވެ. ނަމަވެސް އެމެރިކާގެ ޕަބްލިކް ހެލްތާބެހޭ ފެޑްރަލް އިދާރާ "ސެންޓާސް ފޯ ޑިސީސް ކޮންޓްރޯލް އެންޑު ޕްރިވެންޝަން" (ސީޑީސީ) ގެ ތަޖްރިބާކާރުންވަނީ އުމުރުން ފަސް އަހަރާއި 11 އަހަރުގެ ކުދިންނަށް ފައިޒާ ވެކްސިން ދިނުމަކީ ސިއްހަތަށް ގެއްލުން ނުލިބޭނެކަމެއްކަން ކަށަވަރު ކޮށްދީފައެވެ. މިއާއެކު އެމެރިކާގެ ބައެއް ސްޓޭޓްތަކުގައިވަނީ އެއުމުރު ފުރާގެ ކުދިންނަށް ކޮވިޑް ވެކްސިން ދޭން ފަށާފައެވެ.
އޮސްޓްރޭލިއާކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ވަރަށް ފަހަކާ ޖެހެންދެން ނާކާމިޔާބުވެފައިވާ ގައުމެކެވެ. އެގައުމުގައި ކޮވިޑް ކޮންޓްރޯލް ކުރެވުނީ އާބާދީގެ ބޮޑުބަޔަކަށް ވެކްސިންގެ ދެ ޑޯޒު ދިނުމަށް ފަހުގައެވެ. އޮސްޓްރޭލިއާގެ މައި ސަރުކާރު ބުނާގޮތުން އެ ގައުމުގެ އާބާދީގައި ހިމެނޭ އުމުރުން 16 އަހަރުން މަތީ މީހުންގެ ގާތްގަނޑަކަށް 90 އިންސައްތަ މީހުންނަށްވަނީ ވެކްސިންގެ އެއްޑޯޒު ދީފައެވެ. އަދި 16 އަހަރުން މަތީގެ 83 އިންސައްތަ މީހުންވަނީ ދެ ޑޯޒު ފުރިހަމަކޮށްފައެވެ. މީގެއިތުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންގެ ތެރެއިން ގާތްގަނޑަކަށް 57 އިންސައްތަ ކުދިންނަށްވެސް ވެކްސިންގެ ދެ ޑޯޒުވަނީ ދީފައެވެ.
އޮސްޓްރޭލިއާގައި ގާތްގަނޑަކަށް ދެލައްކަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެތެރެއިން ގާތްގަނޑަކަށް 1،600 މީހުންވަނީ އެބަލީގައި މަރުވެފައެވެ.