ކޮވިޑް-19އާ ގުޅޭ މަސައްކަތަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވޮލަންޓިއަރުން ހޯދަން ފަށައިފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކޮވިޑާ ގުޅޭ މަސައްކަތުގައި ފްރަންޓްލައިން ވޮލެންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ މީހުންނަށް އެކަމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

ހަމައެހެންމެ، ކޮވިޑާ ގުޅޭ ކަންކަމުގައި ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ މީހުން އަންނަ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ސީވީއާ އެކު އެކަމަށް އެދި އެ ހޮސްޕިޓަލަށް ސިޓީ ހުށަހެޅުމަށް އެހޮސްޕިޓަލުން ވަނީ އެދިފައެވެ.

https://www.gazette.gov.mv/iulaan/169618

މީގެ އިތުރުން އެ ހޮސްޕިޓަލުގެ އީމެއިލް[email protected]އަށް ފޮނުވާ ސިޓީ އަދި ސިވީ ވެސް ބަލައިގަންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އައްޑޫ އެމާޖެންސީ އޮޕަރޭޝަންސް ސެންޓަރުން އިއްޔެ އާއްމުކުރި ތަފާސް ހިސާބުގައި ވާގޮތުން މިހާތަނަށް އެ ސިޓީން 2461 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން މިހާރު ބަލި ޖެހިފައި ތިބީ 396 މީހަކަށެވެ. އަދި އަލަށް ޕޮޒިޓިވްވި އަދަދަކީ 51 އެވެ.

ކޮވިޑް ޖެހިގެން އައްޑޫއިން 11 މީހަކު މަރުވެފައިވެއެވެ. އެންމެ ފަހުން އައްޑޫ އިން ކޮވިޑް ޖެހިގެން މަރުވީ 81 އަހަރުގެ ފިރިހެނެކެވެ.

އެޗްޕީއޭ އިން ރޭ ހާމަކުރި ތަފާސް ހިސާބުގައިވާ ގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 184 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ.

އެއާއެކު މިހާރު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،228 އެވެ. ރާއްޖެ އިން މިހާތަނަށް 89،713 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 87،225 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 247 މީހުން ވަނީ މަރުވެފައެވެ.