14 Nov 2021, 14:02
ރާއްޖޭގެ ފޮރިން ސާވިސްގެ މަސައްކަތް ސިވިލް ސާވިސްއިން ވަކި ހިދުމަތެއްގެ ގޮތުގައި ކަނޑައެޅުމަށް ބަޔާންކޮށްފައިވާ ރާއްޖޭގެ ފޮރިން ސާވިސްގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.
ފޮރިން ސާވިސްގެ ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުށަހެޅުއްވި ބިލެކެވެ. މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 27ވަނަ ދުވަހެވެ.
ފޮރިން ސާވިސްގެ ގާނޫނާއެކު "ދިވެހިރާއްޖޭގެ ފޮރިން ސާވިސް" ގެ ނަމުގައި، ސިވިލް ސާވިސްގައި ނުހިމެނޭ ވަކި ހިދުމަތެއް ގާއިމުކުރާނެއެވެ. އެ ހިދުމަތުގެ ދަށުން ފޮރިން ސާވިސްގައި އެކުލެވިގެންވަނީ، ފޮރިން މިނިސްޓްރީއާއި، ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކުގެ އިތުރުން އެ ގާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސާވިސްގެ މައްޗަށެވެ.
މީގެ އިތުރުން ފޮރިން ސާވިސްގެ ގާނޫނުގެ ދަށުން ހާރިޖީ ސިޔާސަތު ކަނޑައަޅައި، ހިންގައި ގޮތް ބަލާނެއެވެ. އެ މަސައްކަތް ބަލަހައްޓަވާނެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ.
އެއާއެކު ރައީސް އަންގާ ގޮތެއްގެ މަތިން، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގެ ތެރެއިން ފޮރިން ސާވިސްގެ ހުރިހާ ކަމެއް ހިންގުމުގެ އެންމެ އިސްވެރިއަކީ ފޮރިން މިނިސްޓަރެވެ.
ފޮރިން މިނިސްޓަރަށް އެހީތެރުވުމުގެ މަސައްކަތް ކުރާނީ ފޮރިން ސެކްރެޓަރީއެވެ. ފޮރިން ސެކްރެޓަރީއަކީ ފޮރިން ސާވިސްގެ އެންމެ އިސް މުވައްޒެފެވެ. އެގޮތުން ފޮރިން ސާވިސްގެ އެހެން ހުރިހާ މުވައްޒަފުންނާއި، އެ ސާވިސްގެ މަގާމުތަކުގައި ވަޒީފާ އަދާކުރާ ފޮރިން ސާވިސްއިން ބޭރު މުވައްޒަފުން ވެސް މަސައްކަތް ކުރާނީ، ފޮރިން ސެކްރެޓަރީގެ ދަށުންނެވެ. ފޮރިން ސެކްރެޓަރީކަމުގެ މަގާމަށް މީހަކު އައްޔަންކޮށް ވަކިކުރާނީ، މިނިސްޓަރުގެ ލަފާގެ މަތިން ރައީސެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި، ފޮރިން ސާވިސް އެކުލަވާލަން ޖެހޭނެއެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ ހަ މަސް ދުވަސް ފަހުން އަންނަ އަހަރުގެ ތެރޭގައެވެ.