14 Nov 2021, 13:35
އުރީދޫ މޯލްޑިވްސްގެ މައި އޮފީސް އިމާރާތުގެ މަސައްކަތް މިއަދު ހުޅުމާލޭގައި ފަށައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރީ އިމާރާތް ކުރާ އުރީދޫގެ މައި އޮފީހުގެ މަސައްކަތް އިފްތިތާހުކޮށްދެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާނާއި ބޯޑުގެ މެންބަރުންނެވެ.
އެ މަސައްކަތް ފެށުމަށް އެ ސައިޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނަޖީބް ވިދާޅުވީ އެއީ އުރީދޫ އިން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި މިއީ އުރީދޫގެ މުވައްޒަފުން އަބަދުވެސް ދެކެމުން އައި ހުވަފެނެއްގައި ކުލަ ޖެހުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އުރީދޫ އިން ޓެކްނޮލޮޖީގެ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ރަނގަޅު ހިދުމަތްތަކެއް ދެމުން އަންނަތާ 16 އަހަރު މިވީ. މި އިމާރާތް އެޅުމާއެކު އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުުރަން. ހަމައެހެންމެ މި އިމާރާތަކީ ތިމާވެއްޓާ ރައްޓެހި އިމާރާތެއް،" ނަޖީބް ވިދާޅުވުއެވެ.

އެގޮތުން ވާރޭ ފެނާއި ހަކަތަ ރައްކާކުރުމުގެ އިންތިޒާމު އެ އިމާރާތުގައި ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޖީބް އިތުރަށް ވިދާޅުވީ ހުޅުމާލޭގައި ގާއިމުކުރާ 11 ބުރީގެ އާ އިމާރާތް ވެގެންދާނީ މުޅިން އާ އިންވެސްޓްމެންތްތަކަކާއެކު ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޓެކްނޮލޮޖީގެ ގޮތުން ވެސް ފުރިހަމަ އިމާރާތަކަށް ކަމަށެވެ.
ހަމައެހެންމެ އެ އިމާރާތަކީ މުވައްޒަފުންނަށް ފަސޭހަވާނެ ގޮތަކަށް ފަރުމާކޮށްފައިވާ ތަނަކަށް ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އެ އިމާރާތުގައި މުނިފޫހިފިލުވުމަށް ހާއްސަ ތަނަކާއި ކެފޭ، މީޓިން ރޫމް އަދި ސެމިނާ ހޯލެއްވެސް ހިމެނޭނެއެވެ.
މީގެ އިތުރުން ނަޖީބް ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން އެ އިމާރާތުގެ ފައުންޑޭޝަން އެޅުމަށް މަސައްކަތް ކުރަމުން އައި ކަމަށާއި އެ އިމާރާތް ބިނާކުރާ ސަރަހައްދަކީ ބިން ވަރުގަދަ ތަނެއްތޯ ބެލުމަށް ދިގު މުއްދަތެއް ހޭދަވި ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ މައި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ޗައިނާ ސްޓޭޓް ކޯޕަރޭޝަނާ ގުޅިގެންނެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މި އިމާރާތުގެ ރަމްޒީ ބިންގާ އެޅީ 2017ވަަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.