04 Mar 2012, 08:38
ބްރަޒީލިޔާ (މާޗް 4): އެމެރިކާ އާއި ޔޫރަޕްގެ މާލީ އަދި މަނިޓަރީ ސިޔާސަތުތަކަށް ބްރަޒީލްގެ ރައީސާ ދިލްމާ ރޮސޭފް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ބްރަޒިލްގެ ބައެއް އިސްވިޔަފާރިވެރިންނާ ބްރަޒީލިޔާގައި އިއްޔެ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ދިލްމާ ވިދާޅުވީ އެމެރިކާ އާއި ޔޫރަޕްގެ މާލީ ސިޔާސަތުތައް ބައްޓަންކޮށްފައިވާ ގޮތް ބަދަލުނުކޮށް އެޤައުމުތައް މިހާރު ވެއްޓިފައިވާ އިޤްތިސާދީ ވަޅުގަނޑުން އަރައިނުގަނެވޭނެ ކަމުގަ އެވެ.
ބްރަޒިލްގެ ރައީސާ ވިދާޅުވީ ހުޅަނގުގެ ޤައުމުތައް އިޤްތިސާދީ ހީނަރުކަމާ ކުރިމަތިލާންޖެހުނީ އަމިއްލަ ޤައުމުގައި އިންވެސްޓްކޮށް އިޤްތިސާދު ވަރުގަދަކުރަން މަސައްކަތް ނުކޮށް ދުނިޔޭގައި ހަމަނުޖެހުން އުފެއްދުމަށާއި ތަޅާފޮޅުމަށް ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި 4.7 ޓްރިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރުމުގެ ސަބަބުން ކަމަށެވެ.
މިއީ، ޢިރާޤާއި އަފްޣާނިސްތާނުގައި ހަނގުރާމައިގެ ހުޅުތައް ރޯކުރުމަށާއި ޓެރަރިޒަމާ ހަނގުރާމަކުރުމުގެ ނަމުގައި އެމެރިކާއާއި ޔޫރަޕުން ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިންގި ހަރުކަށި ޢަމަލުތަކަށް ބްރަޒީލްގެ ރައީސާ ކުރެއްވި އިޝާރާތެއް ކަމަށް މުރާސިލުން ބުނެ އެވެ.
މިދާކަށް ދުވަހު ހުޅަނގުން އެއް ޓްރިލިޔަން ދުނިޔޭގެ މާރކެޓަށް އޮއްސާލާފައިވާ ކަމަށް ތުހުމަތު ކުރައްވަމުން މިއީ މަނިޓަރީ ސިޔާސަތުގައި ހުޅަނގުންއެޅި ވަރަށްބޮޑު ޅައެއްޗެއް ކަމަށް ދިލްމާ ސިފަކުރެއްވި އެވެ.
ބްރަޒިލްއަކީ ޗައިނާ، ރަޝިޔާ އަދި އިންޑިޔާއެކޭ އެއްގޮތަށް ދުނިޔޭގައި އިޤްތިސާދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުން އަންނަ އިމާރޖިން އިކޮނޮމީތަކުގެ ތެރޭގައި ހިމެނޭ 5 ޤައުމުން އެއްޤައުމެވެ. ބްރަޒިލްގެ އިޤްތިސާދު ކުރިޔަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އިނގިރޭސިވިލާތާ ފައިހަމަކުރާނެ ކަމަށް ތަޖްރިބާކާރުން ދެކެވަޑައިގަންނަވަ އެވެ. -- ނޫސްއެޖެންސީތައް