އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި މާބަނޑު އަންހެނަކު ވިހެއުމުގެ ތެރޭގައި އިއްޔެ ތުއްތު ކުއްޖަކު މަރުވި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ތުއްތުކުއްޖާގެ މަރުގެ މައްސަލަ އިއްޔެ ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.

އެހެންކަމުން އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ގދ. ވާދޫއަށް ނިސްބަތްވާ ކުއްޖެކެވެ. އެ ކުއްޖާ ވިހެއުމަށް އައްޑޫ ހޮސްޕިޓަލަށް ފޮނުވައިފައިވަނީ ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރެއް ނެތުމުގެ ސަބަބުންނެވެ.

ކުއްޖާގެ މަރުގައި ހޮސްޕިޓަލުގެ ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ. އަދި ކުއްޖާ މަރުވިއިރު ހަށިގަނޑުގައި ޒަހަމްގެ ނިޝާންތައް ވެސް ހުރި ކަމަށް މީސް މީޑިއާގައި ވަނީ ހަބަރު ފެތުރިފައެވެ.

އެ ކުއްޖާގެ މަރާ ގުޅިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ އެ ކުއްޖާ މަރުވާން މެދުވެރިވީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވުމުގެ (ޝޯލްޑަރ ޑިސްޓޯޝިއާ) ސަބަބުން، ދިމާވި ކަންކަމުގެ ސަބަބުން ކަމަށެވެ. އަދި މިއީ ވަރަށް މަދުން ދިމާވާ ހާލަތެއް ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.

ހޮސްޕިޓަލުން އިތުރަށް ބުނީ ކުއްޖާ ވިއްސުމަށްފަހު، ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ކުރި މަސައްކަތް ނާކާމިޔާބުވި ކަމަށެވެ.