ދެ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މިދިޔަ ބުދަ ދުވަހު ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން ފަސް މީހަކު ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ, ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ ދެ ގެއެއް ބަލައިފާސްކޮށް ދެ ކިލޯއަށްވުރެ ގިނަ ކެނަބިސް އާއި 200 ގްރާމަށްވުރެ ގިނަ ހެރޮއިން އަދި ބަނގުރާފުޅިއެއް ހޯދާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ, އުމުރުން 55, 33, 29 އަދި 22 އަހަރުގެ ހަތަރު ފިރިހެނުންނާއި 53, 30 އަދި 24 އަހަރުގެ ތިން އަންހެނުންނެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ފަސް މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބަންދުގެ މުއްދަތު އިތުރުކޮށްދިނީ, 29 އަހަރާއި 33 އަހަރުގެ ދެ ފިރިހެނުންގެއެވެ. އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ދީފައިވަނީ 15 ދުވަހެވެ.

ދާދި ފަހުން ފުލުހުން ވަނީ 100 ކިލޯ އަކާއި 215 ކިލޯ މަސްތުވާތަކެއްޗާ އެކު ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން 215 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ތިބީ ބަންދުގައެވެ. ނަމަވެސް 100 ކިލޯ މައްސަލައިގައި ހައްޔަރުކުރި ގިނަ މީހުންތަކެއް ކޯޓުން ވަނީ ދޫކޮށްލާފައެވެ.