14 Nov 2021, 11:52
ބާސެލޯނާގެ ޒުވާން ފޯވާޑް އަންސޫ ފާޓީ އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުޓުބޯޅަ ފޭނުންގެ ފެވަރިޓަކަށްވި، ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ކިލިއަން އެމްބާއްޕޭއަށް ވުރެ މޮޅު ކުޅުންތެރިއެއް ކަމަށް ސްޕެނިޝް ލީގުގެ ރައީސް ހެވިއާ ޓެބަސް ބުނެފިއެވެ.
ބާސެލޯނާގެ އެކަޑަމީއިން ސީނިއާ ޓީމަށް ދެމިގަތުމަށްފަހު ފާޓީ އަންނަނީ އެކުލަބުގެ ސަޕޯޓަރުންގެ ލޯބި ހޯދައި، އޭނާ އަކީ ކުލަބުގެ މުސްތަގުބަލުކަން ސާބިތުކޮށްދެމުންނެވެ. އަނިޔާގެ ސަބަބުން ފާޓީގެ ޒުވާން ކެރިއަރަށް ކުޑަ ހިޔަންޏެއް އެޅުނު ނަމަވެސް، އޭނާ މިހާރު އަންނަނީ އެކަމުން އަރައިގަތުމަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
އެންމެ 16 އަހަރުގައި ބާސެލޯނާގެ ސީނިއާ ޓީމުން ޖާގަ ހޯދައި 2019 ވަނަ އަހަރުގެ ތެރޭގައި ފާޓީ ވަނީ ރެކޯޑްތަކެއް ހަދައިފައެވެ. އެގޮތުން އޭނާ ވަނީ ބާސެލޯނާގައާއި، ޗެމްޕިއަންސް ލީގު އަދި ސްޕެނިޝް ނެޝަނަލް ޓީމަށް ވެސް އެންމެ ޒުުވާން އުމުރުގައި ގޯލު ޖަހައިދިން ކުޅުންތެރިޔާއަށް ވެފައެވެ.
އެކަމަކު މިދިޔަ އަހަރުގެ ތެރޭގައި ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުންނަން ޖެހުނު ފާޓީ އަލުން އަނބުރާ ޓީމާ ގުޅުނީ ދާދި ފަހުންނެވެ. އެނބުރި އައިސް ފާޓީ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އިރު، ސްޕެނިޝް ލީގުގެ ރައީސް ޓެބަސް ވަނީ އޭނާއަށް ހިތްވަރުދީ ވާހަކަ ދައްކައިފައެވެ.
"އަހަރަމެންގެ [ސްޕެނިޝް ލީގުގައި] އަންސޫ ފާޓީ އެބަހުރި. އަނިޔާގެ ސަބަބުން ކުޅުމަށް ހިޔަނި އެޅުނު ނަމަވެސް ލިބުނު ފުރުސަތަށް ބަލާއިރު، އެމްބާއްޕޭއަށް ވަކިން ދޫނުކުރާނެ،" ޓެބަސް ބުންޏެވެ.
ބާސެލޯނާގެ ލެޖެންޑް ލިއޮނެލް މެސީގެ 10 ނަންބަރު ޖާޒީގައި ކުޅެމުން އަންނަ ފާޓީއަށް ތައުރީފުކޮށް ޓެބަސް މިހެން ބުނި އިރު، ބާސެލޯނާއަށް މިހާތަނަށް ކުޅުނު 51 މެޗުގައި ފާޓީއަށް ޖެހިފައިވަނީ 17 ގޯލެވެ. އަދި އެ މުއްދަތުގައި އޭނާއަށް ކުރެވުނީ ތިން އެސިސްޓެވެ.
އެހެން ނަމަވެސް ރޭ ވޯލްޑްކަޕް ކޮލިފައިންގް މެޗުގައި ވެސް ހަތަރު ގޯލު ޖެހި އެމްބާއްޕޭގެ ނަންބަރުތައް އުޅެނީ ފާޓީއަށް ވުރެން އެތައް ދަރަޖައެއް މަތީގައެވެ. ޒުވާން އުމުރުގައި ގިނަ ރެކޯޑްތަކެއް މުގުރާލި އެމްބާއްޕޭ އަކީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި ނަން ކިޔާލެވޭ ކުޅުންތެރިއެކެވެ.
ޓެބަސް ބުނީ ސްޕެއިނުން ބޭރުގައި ކުޅެމުން އަންނަ ކުޅުންތެރިންނަށް ވެސް އޭނާ އިހުތިރާމް ކުރާ ކަމަށާއި، އެހެން ނަމަވެސް ކުޅުންތެރިންގެ ފެންވަރު އަޅާކިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ. ޓެބަސް މީގެ ކުރިން ވެސް ވަނީ ސްޕެނިޝް ލީގުގައި ކުރިން ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯއާއި ނޭމާ ފަދަ ކުޅުންތެރިންނަށް ފާޑު ކިޔައިފައެވެ.