އައިޖީއެމްއެޗްގައި މައްސަލަ ޖެހުނު އެލިނިޓީ ސީއެލް މެޝިންތަކަށް ދިމާވި މައްސަލަ ހައްލުކޮށް ކުރިއެކޭ އެއްގޮތަށް ޓެސްޓްތައް ހަދަން ފަށައިފިއެވެ.

އައިޖީއެމްއެޗްގައި ލޭގެ ޓެސްޓު ހެދުން ވަގުތީ ގޮތުން މެދު ކެނޑުނީ މިދިޔަ ހޯމަ ދުވަހު، އެ ހޮސްޕިޓަލުގެ ލެބޯޓަރީގައި އައުޓް ޕޭޝަންޓު ލޭގެ ޓެސްޓު ހަދަމުން އަންނަ އެލިނިޓީ ސީ އެލް މެޝިންތަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ.

ހަފްތާއެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު, އައިޖީއެމްއެޗްގެ ލެބޯޓްރީން އިއްޔެ ޓެސްޓްތައް ހަދަން ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ރާއްޖޭގެ އެންމެ ގިނަ މީހުން އެއް ހޮސްޕިޓަލަކުން ހިދުމަތް ހޯދަމުންދާ, އައިޖީއެމްއެޗްގެ ލެބޯޓްރީ މެޝިންތަކަށް މައްސަލަ ދިމާވި ދުވަހު, ޓެސްޓްތައް ހެދުން ހުއްޓުނެވެ. ނަމަވެސް ޖެހިގެން އައި ދުވަހުން ފެށިގެން ދުވާލަކު 300 ނަންބަރު ދޫކޮށްގެން އައީ ހިދުމަތް ދެމުންނެވެ.

އައިޖީއެމްއެޗްގައި ޓެސްޓްތައް ހެދުން ދަތިވުމާއެކު މާލޭގެ އެހެން ހޮސްޕިޓަލްތަކަށް ބާރު ބޮޑުވިއެވެ.