ކާބުލް (މާޗް 4) : އެމެރިކާ ސިފައިންގެ ބެލުމުގެ ދަށުން ތަރައްޤީ ކުރަމުން ގެންދާ އަފްޣާން ސަލާމަތީ ބާރުތައް ފޫއަޅުވާލައި ސަލާމަތީ ލަޝްކަރުތަކުގައި ޖާސޫސުންނާއި އެޖެންޓުން އިންދުމުގައި ތާލިބާން ޖަމާއަތުން ވަރަށް އެޑްވާންސް ސިސްޓަމެއް ބޭނުންކުރަމުން ގެންދާކަމަށް އަފްޣާން ސިފައިން ބުނެފިއެވެ.

އަފްޣާން ސިފައިންގެ އިސްޖެނެރަލެއް ކަމަށްވާ ޢަބްދުލްޙަމީދް ވިދާޅުވީ އަފްޣާން ސިފައިންނާއި ފުލުހުންގެ ލަޝްކަރުތަކުގައި ނުރައްކާތެރިމީހުން އިންދުމުގައި ތާލިބާނުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާ މިކަމާމެދު އަފްޣާން ސަރުކާރުގެ އިތުރުން އެމެރިކާއާއި ނޭޓޯވެސް ކަންބޮޑުވާ ކަމުގައެވެ.
ޖެނެރަލް ޢަބްދުލްޙަމީދް ވިދާޅުވީ ތާލިބާނުން އަފްޣާން ސަލާމަތީ ބާރުތަކުގައި އިންދާފައިތިބޭ މީހުންނަކީ ކޮންބައެއްކަން އެއްގޮތަކަށްވެސް ނޭންގޭ ކަމުގައެވެ. ނަމަވެސް މިފަދަމީހުން އަފްޣާން ސަލާމަތީ ބާރުތަކުގައި ތިބެގެން ތާލިބާނުންގެ އޯޑަރަށް ހިންގާ ޖެހިލުންކުޑަ ޢަމަލުތަކުން އެމީހުންނަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ވަރަށް ފުރިހަމައަށް ތަމްރީން ކޮށްފައިތިބޭ ބައެއްކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޣާން ފުލުހުންގެ ތެރޭގައި ހިމެނޭ ދެމީހަކު ދާދިފަހުންވަނީ އަފްޣާން ދާޚިލީ ވުޒާރާގައި މަސައްކަތްކުރާ އެމެރިކާގެ ޢަސްކަރީ ދެކޮންސަލްޓަންޓުންގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ. އަދި މިދިޔަ ބުރާސްފަތު ދުވަހު އަފްޣާން ސިފައިންގެ މީހަކު ދިން ބަޑީގެ ޙަމަލާއެއްގައި އެމެރިކާ ސިފައިންގެ ދެ އޮފްސަރުންވަނީ މަރުވެފައެވެ.

2007 ވަނައަހަރުން ފެށިގެން މިހާތަނަށް އަފްޣާން ސަލާމަތީ ބާރުތަކުން ސީދާގޮތެއްގައި ދިން ޙަމަލާތަކުގައި އެމެރިކާއާއި ނޭޓޯގެ ސިފައިންނާއި ޢަސްކަރީ ތަޖްރިބާކާރުންނާއި ކޮންސަލްޓުންފަދަ މީހުންގެ ތެރެއިން 70 މީހަކު މަރުވެފައިވެއެވެ. މިޙަމަލާތައް ހިންގާފައިވަނީ އަފްޣާން ސަލާމަތީ ބާރުތަކުގައި ތިބޭ ތަލިބާން އެޖެންޓުން ކަމަށް އަފްޣާން ސަރުކާރުން ތުހުމަތު ކުރެއެވެ.

އަފްޣާން ސަލާމަތީ ލަޝްކަރުތައް ފޫއަޅުވާލައި އެލަޝްކަރުތަކުގައި ޖާސޫސުންނާއި އެޖެންޓުން އިންދުމަށް ތާލިބާން ޖަމާއަތުން ކުރާމަސައްކަތް ފޭލްކޮށްލުމަށްޓަކައި ސިފައިންގެ ފޯންކޯލްތައް ސިއްރުން އަޑުއެހުންފަދަ ވަސީލަތްތައް މިހާރުވެސް ބޭނުންކުރަމުން ގެންދާކަމަށް އަފްޣާން ސިފައިންގެ ޖެނެރަލް ވިދާޅުވިއެވެ. -- އަލްޖަޒީރާ