މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކުގެ ލިސްޓު، މިދިޔާ މަހާ އަޅައި ބަލާއިރު ދެގުނަ ވެއްޖެއެވެ.

އެޗްޕީއޭއިން މިއަދު ހެނދުނު އާއްމުކުރި ލިސްޓުގައިވާގޮތުން، މިވަގުތު 31 ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއާ އަޅާ ބަލާއިރު މިދިޔަ މަހު މޮނިޓަރިންގައި އޮތް ރަށްތަކުގެ އެވަރެޖަކީ 15 އެވެ.

މޮނިޓަރިންގައި މިވަގުތު އެންމެ ގިނަ ދުވަސްވެފައި ވަނީ އޯގަސްޓް މަހު މޮނިޓަރިންއަށް ލާފައިވާ ހަތަރު ރަށެކެވެ. އެއީ އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ އަދި މަރަދޫ ފޭދޫއާއި ފޭދޫއެވެ. އެ ސިޓީގެ ހުޅުމީދޫ މޮނިޓަރިންއަށް ލާފައި ވަނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައެވެ.

އައްޑޫގައި އިއްޔެ ހަވީރު ހައެއް ޖެހުމާ ހަމައަށް އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 396ށް އަރާފައެވެ. އެ ސިޓީން މިހާތަނަށް 2،461 މީހުންނަށް ކޮވިޑް ޖެހި، އޭގެ ތެރެއިން 2،055 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ.

އައްޑޫ ސިޓީން ކޮވިޑް ޖެހިގެން މިހާތަނަށް 11 މީހަކު މަރުވެފައިވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ސ. ހުޅުމީދޫގެ އިތުރުން މޮނިޓަރިންއަށް ލާފައި ވަނީ ފ. ނިލަންދޫއެވެ. އަދި މިދިޔަ މަހު 10 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވާއިރު، މި މަހުގެ މިހާތަނަށް އިތުރު 15 ރަށް ވަނީ މޮނިޓަރިންއަށް ލާފައެވެ.

މިދިޔަ މަހު މޮނިޓަރިންއަށް ލާފައިވާ ރަށްތައް:

ލ. ގަން

ބ. ގޮއިދޫ

ނ. ހޮޅުދޫ

މ. މުލައް

ނ. ކެނދިކުޅުދޫ

ކ. ގުރައިދޫ

ށ. ފުނަދޫ

މ. ދިއްގަރު

ނ. މިލަދޫ

ކ. ހުރާ

މި މަސްތެރޭގައި މޮނިޓަރިންއަށް ލީ ރަށްތައް:

މ. މުލި

ށ. ގޮއިދޫ

ބ. ހިތާދޫ

ތ. ތިމަރަފުށި

ރ. މަޑުއްވަރި

ރ. މީދޫ

ރ. އިންނަމާދޫ

ގއ. ކަނޑުހުޅުދޫ

ރ. އަލިފުށި

ދ. މާއެނބޫދޫ

ފ.ބިލެތްފަހި

ގއ. މާމެންދޫ

ގދ. ފަރެސްމާތޮޑާ

ނ. ކުޑަފަރި

ނ. ވެލިދޫ

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 89،713 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 87،225 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ރާއްޖޭގެ ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދަކީ 2،228އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދަކީ 247އެވެ.