14 Nov 2021, 07:31
"ރާމިޒައްތާ..." ރާމިޒާ ވާހަކައެއް ބުނަން ބޭނުންވެފައި ހުރިކަން އެނގޭތީ ޝިޒާން ގޮވައިލިއެވެ. ވަގުތުން ރާމިޒާ ހުއްޓުނެވެ.
ފަހަތަށް އެނބުރިލާފައި އައިސް އޭނާ ޝިޒާން ގާތުގައި މަޑުކޮށްލިއެެވެ.
"ކިހިނެއްވީ؟ ކަމެއް ދިމާވީތަ؟" ޝިޒާން ސުވާލުކޮށްލީ މަޑޫމައިތިރި ކަމާއެކުގައެވެ.
"މީ... އިނގޭ ތި ދެމެދުގަ ވާ ކަންތައްތަކުގެ މެދަށް ރާމިޒައްތަ ވަދެގެން ނުވާނެކަން. އެކަމަކު ކާއެއްޗެހި ގެންދިޔައިމަ ވެސް ނުކައި. އަދި ވަރަށް ބޮޑަށް ރޮއިފަ ހުރިހެން ހީވަނީ..." ރާމިޒާ ބުނެލިއެވެ. ޝިޒާންގެ މޫނުމައްޗަކުން ހައިރާންކަމެއް ނުފެނެއެވެ. އޭނާއަށް މާ ކުރިންވެސް މިންހާ ރޯނެކަން އެނގޭ ފަދައެވެ.
"އަހަރެން މިންހާއާ ވާހަކަ ދައްކާނަން..." ޝިޒާން ބުނެލިއެވެ.
"ރާމިޒާއްތަ ކޮން އިރަކުން ދެން ފުރުން އޮތީ... ބުނީމެއްނު ފަހަރެއްގައި ރަށަށް ދިރުއުޅުން ބަދަލުކުރަން ޖެހިދާނެ ވާހަކަ..." ޝިޒާން އޮޅުން ފިލުވަން ބޭނުންވިއެވެ.
"އެކަންތައް އަދި ކުޑަކޮށް މަޑުޖެހިފައި އޮތީ..." ރާމިޒާ ބުނެލިއެވެ.
"އެހެންތަ؟"
"އާނ. ދެން ވަކި ގޮތެއް ނިމުނީމަ ތަންކޮޅެއް އަވަހަށް ބުނެލާނަން..." ރާމިޒާ ބުނެލިއެވެ. ރާމިޒާ ދިޔުމުން ޝިޒާން އެތެރެއަށް ވަދެފައި ކޮޓަރީގައި ހުރި ސްޓަޑީ ޓޭބަލް މަތީގައި ގެނައި މޭވާ ތަށި ބެހެއްޓިއެވެ. އެއަށްފަހު ގޮނޑީގައި އިށީނދެ ބޮލުގައި އަތް ހިންގައިލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ މިންހާއާ ވާހަކަ ދައްކާނޭ ގޮތަކާ މެދު ވިސްނަމުންދިޔައެވެ. އޭނާ ދައްކާ އެއްވެސް ވާހަކައެއް މިންހާ ޤަބޫލުނުކުރާނެޔޭ އޭނާއަށް ހީވަނީއެވެ. މިންހާގެ ހިތުން ޖާގައެއް ހޯދާނީ ކިހިނެއްކަމެއް ޝިޒާންއަކަށް ނޭނގެއެވެ. މިވަގުތު އޭނާއަށް އޮތް ހަމައެކަނި ގޮތަކީ ކެތްތެރިވުމެވެ. މިންހާ ދެކެ އޭނާ އިންތިހާއަށް ލޯބިވެއެެވެ. މިންހާ އޭނާގެ ހިތް ވަގަށް ނެގީ ޚުދު އޭނާއަށް ވެސް ނޭނގިއެވެ. އެ ހިތުގެ އިޚްތިޔާރު އޭނާގެ އަތް ދަށުން ވީއްލިގެން ދިޔަތާވެސް އެތައް ދުވަހެކެވެ. އެ ހިތަކީ މިހާރު އޭނާއަށް ބާރު ފޯރިވޭ އެއްޗެއް ނޫނެވެ. އެތައް ރެއެއްގެ ނިދި އޭނާ އެ އަންހެން ކުއްޖާއަށްޓަކައި ނަގައިލިއެވެ. އެތައް ހުވަފެންތަކެއް އޭނާ ބެލިއެވެ. އެ ސޫރަ ދުށުމުން އޭނާ އަބަދާ އަބަދު ބޭޤަރާރުވެއެވެ. އެހެންނަމަވެސް އެކަން މިންހާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އެ ހިތުގެ ޙާލު އޭނާ މިންހާއަށް ކިޔައިދިނެއްކަމަކު އޭނާއަށް މިންހާގެ ހިތުން އެއްވެސް ޖާގައެއް ނެތްކަން އޭނާއަށް ކަށަވަރެވެ. ހިތުގެ ޙާލު ސިއްރުކޮށްގެން އޭނާއަށް އުޅެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ އެ އަންހެން ކުއްޖާ ކުރިމަތީގައި ހުރެމެ ހިތުގެ ޙާލާ އެ ހިތުގެ އަޑީގައި ހިނގާ ޖަޒުބާތުތައް އޭނާއަށް ކިޔައިނުދެވޭނެކަމީ އޭނާގެ ހިތުގެ ހަމަޖެހުން ނަގައިލާ ކަމެކެވެ. އޭނާ މިންހާ ދެކެވާ ތެދުވެރި ލޯބީގެ ބަދަލު ލިބޭނީ ކިހިނެއްކަން ޚުދު އޭނާއަށް ވެސް ނޭނގެއެވެ. އޭނާގެ ހިތުގައި ވަނީ ފާޑެއްގެ ބިރުވެރިކަމެކެވެ. މިންހާ ގެއްލިދާނެ ކަމުގެ ބިރުވެރިކަމެވެ. ދުވަހަކުވެސް އޭނާއަށް މިންހާގެ ލޯބި ނުލިބިދާނެކަމުގެ ބިރުވެރިކަމެވެ. މީގެ ކުރިންވެސް އޭނާ އަމިއްލަ ހިތަށް ވިސްނައިދޭން ކުރި ހުރިހާ މަސައްކަތެއް ވަނީ ބޭކާރުވެފައެވެ.
"އަހަރެން ކިހިނެއް ހަދާނީ... " ފުން ނޭވާއެއް ދޫކޮށްލަމުން ޝިޒާންއަށް ބުނެވުނެވެ.
އެނދުމައްޗަށް އުއްޑުން ވެއްޓިގެން އޮތް މިންހާއަށް ރޮވެމުން ދިޔައެވެ. ތުންފަތުގައި ދަތް އަޅައިލައިގެން ކަރުނަތައް ކޮންޓްރޯލް ކުރަން އޭނާ އެތައް މަސައްކަތެއް ކުރަމުން ދިޔައެވެ. ކުއްލިއަކަށް ފޯނު ރިންގް ވުމާއެކު އޭނާ ފޯނު ނަގާ އަރާފައިވާ ނަން ބަލައިލިއެވެ. ގުޅަނީ އާހިލް ކަމުން ހިތް އަވަސްވެފައިވާ ޙާލު އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލަމުން ހަލޯ އޭ ކިޔައިލިއިރު އެ އަޑު ކުރެހިއްޖެއެވެ.
"އާހިލް. އަހަރެން ގުޅީމަ ކީއްވެ ފޯނު ނުނަގަނީ؟ އަހަރެން ހާދަ ވަރަކަށް އާހިލްއަށް ގުޅަމޭ. އަހަރެން ލޯބިވާވަރު ނޭނގޭތަ؟ އަހަރެން އާހިލް މަތިން ހަނދާންވާވަރު އިޙްސާސްނުކުރެވޭތަ؟ ކީއްވެތަ އަހަރެން އެހާ ދުރުކޮށްލީ... އަހަރެން ބުނެފީމެއްނު މިއީ ނަމެއްގައި ކުރެވުނު ކައިވެންޏެކޭ... އަހަރެން އޭނަ ކައިރިން ވަރިވެގެން އާހިލް ކައިރިއަށް ދާނަމޭ..." މިންހާ އަށް ވާހަކަ ދެއްކުނެވެ. ރޮމުންނެވެ. ގިސްލަމުންނެވެ.
"އޭނަ މިންނު ވަރި ނުކޮށްފިއްޔާ ދެން ކިހިނެއް ހަދާނީ؟" އާހިލްގެ ސުވާލާއެކު މިންހާ ހިމޭންވިއެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގި ހިނދުކޮޅަކު އިނދެވުނެވެ.
"އަހަރެން އޭނަ ކައިރިން ވަރިވާނަމޭ... ލޯބިނުވާ މީހަކާ އެކު އަހަންނަކަށް ނޫޅެވޭނެ." މިންހާ ބުނެލިއެވެ. އޭނާ ލޯ މަތި ފުހެލަމުން ނޭފަތް ދަމައިލިއެވެ.
"އޭނަ ވަރު ނުކޮށްފިއްޔާ ދެން ކިހިނެއް ހަދާނީ؟" އަނެއްކާވެސް އެކޮޅުން ކުރިން ކުރި ސުވާލު ތަކުރާރު ކޮށްލިއެވެ.
"ކޯޓަށް ގޮސްގެންވެސް އަހަރެން ވަރިވާނަން..." މިންހާ ބުނެލިއެވެ.
"ކޯޓުގައި މިންހާ ދައްކާނެ ސަބަބަކީ ކޮބާ؟ ލޯބިނުވެޔޭ ބުނެގެން މިންހާއަށް އޭނަ ކައިރިން ވަރިވެވޭނެތަ؟ ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫނެއްނު. ލޯބިނުވުން އެއީ ވަރިއަށް އެދެވޭނެ ސަބަބެއްތަ؟" އަނެއްކާވެސް އާހިލް ސުވާލުކޮށްލިއެވެ.
"އާހިލް އަހަރެން ބޭނުމެއް ނޫންތަ؟ އަހަރެން އެހެން މީހަކާ އިނީމަ އަހަރެން...." މިންހާއަށް ބުނެވުނެވެ. ވަކި ހިސާބަކުން ޖުމްލަތައް މެދު ކަނޑައިލާފައިވެސް މިންހާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"އޭނައާ ކައިވެނި ކުރިކަމަކު އަހަރެމެން ދެމެދު އެފަދަ އެއްވެއް ގުޅުމެއް ނެތޭ... އަހަރެން އޭނާއާ އެއްކޮޓަރިވެސް ޝެއާރ ނުކުރަން..." މިންހާ ބުނެލިއެވެ.
"މިއަދު އެއް ކޮޓަރީގައި ނޫޅުނަސް އަދި އުޅެން ޖެހިދާނެ. ދެން ކިހިނެއް ހަދާނީ؟" އާހިލް ބުނެލިއެވެ.
"އާހިލް އަހަންނަށް އިތުބާރު ނުކުރަނީތަ؟ އަހަރެން ދެކެ އާހިލް ލޯބިވަންޏާ އަހަރެން ވަރިވެގެން އާހިލް ކައިރިއަށް ދިޔައިމަ އާހިލް އަހަރެން ގަބޫލެއް ނުކުރާނަންތަ؟" މިންހާ ބުނެލިއެވެ.
"އަހަރެން މިންނު ދެކެ ލޯބިވެޔޭ. އެކަމަކު މިންނު ތީ މީހެއްގެ އަންބެއްނު."
"އަހަންނަށް އިރުއިރުކޮޅުން އަހަރެންމީ މީހެއްގެ އަންބެއްކަން ހަނދާންކޮށް ނުދިނަސް ހެވޭ. އެކަން އަހަންނަށް އެނގޭ... އަހަރެންގެ ސުވާލަކީ އާހިލް އަހަރެން ވަރިވީމަ އަހަންނާ އިންނާނަންހޭ؟" މިންހާ ބުނެލިއެވެ.
"އަހަރެން ވަރަށް ވިސްނައިފިން. މިންނު ހިތުން ރުހުމުން އަހަރެން ކައިރިއަށް އައިސްފިއްޔާ އަހަރެން މިންނު ގަބޫލުކުރާނަން. އެހާވެސް ލޯބިވޭ..." އާހިލް ބުނެލިއެވެ.
"އާހިލް އަހަންނާ ބައްދަލުކޮށްފާނަންތަ؟" މިންހާ ސުވާލުކޮށްލިއެވެ.
"ބައްދަލުކުރާށޭ؟" އާހިލްއަށް ބުނެވުނެވެ.
"އާނ. ބައްދަލުކުރަން. އަހަރެން މި ހުރީ މާލޭގައި. އާހިލްވެސް އުޅެނީ މާލޭގައެއްނު. އެހެންވިއްޔާ އަހަރެމެން ދެމީހުންނަށް ދިމާކުރެވޭނެއެއްނު. އަހަރެން ހުރިހާ ވާހަކައެއްވެސް ކިޔައިދޭނަން... ޕްލީޒް. އަހަންނާ ބައްދަލުކޮށްފާނަންތަ؟" މިންހާ އެދުނެވެ. އެ އަޑުގައިވަނީ އާދޭހެވެ.
"އަހަރެން މިވަގުތު މިހުރީ ބިޒްނެސް ކަމެއްގައި ރާއްޖެތެރޭ ރަށެއްގައި. މި ކޮޅުގެ ކައުންސިލާ ގުޅިގެން ސާވޭއަކާއި އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަން އައިސް މިއުޅެނީ. ހިޔެއްނުވޭ އަވަހަށް މާލެ ދެވޭނެހެންނެއް. މިންނު ބޭނުމިއްޔާ އަހަރެން މާލެދެވެންދެން ކުރިން އުޅުނުހެން އަހަރެން މިންނުހާ ވާހަކަ ދައްކައިގެން އުޅެފާނަން..." އާހިލް ބުނެލިއެވެ.
"އަހަރެން ވަރިވެގެން އާހިލް ކައިރިއަށް ދާނަން. އާހިލް އަންނަން ވާއިރަށް އަހަރެން ވަރިވާނަން." މިންހާ ބުނެލިއެވެ.
"އަހަރެން އިންތިޒާރުކުރާނަން." އާހިލް ބުނެލިއެވެ.
"އަހަރެން ވަރަށް ލޯބިވޭ..." މިންހާ ހަމަޖެހެން މަސައްކަތް ކުރަމުން ބުނެލިއެވެ.
"އަހަރެންވެސް. ދެން މިވަގުތު ބޭއްވީ އިނގޭ... އަހަރެން ކުޑަ ކަމަކު ބިޒީވެއްޖެ. އާހިލް ބުނެލިއެވެ.
"އޯކޭ. އަހަރެން ފަހުން ގުޅާނަން." އެހެން ބުނެފައި މިންހާ ފޯނު ކަނޑައިލިއެވެ. އޭރު އޭނާ އިނީ ކޮންމެވެސް ވަރަކަށް ހަމަ ޖެހިފައެވެ. ޝިޒާން ކައިރިން ވަރިވެގެން އޭނާ އަވަހަށް އާހިލް ކައިރިއަށް ދާންވީއެވެ. އާހިލް އޭނާ ބަލައިގަންނާނެކަމުގެ ޔަޤީންކަން ދިނުމުން މިންހާއަށް އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެެވެ.
އޭނާ ކޮޓަރިއަށް ލާފައި ދިޔަގޮތަށް ޝިޒާންގެ ވެސް ޚަބަރެއް ނުވެއެވެ. މިންހާ ވެސް އޭނާގެ ފޮށި ހުޅުވާ ނިދަން ލާ އެއްޗެހި ނަގައިގެން ގޮސް ފާޚާނާއާ ދިމާލަށް ހިނގައިގަތެވެ. ފާޚާނާއަށް ވަދެވެނީ ދެ ސިޑީގެ ހަރުފަތެއް ގިރާ ކުރުމަށްފަހުއެވެ. އޭނާ އެ ދިމާލަށް ފޭބިއެވެ. ދެފަރާތަށް ބަލައިލިއިރު ދެ ފަރާތުގައި ބޮޑު ވޯޑްރޯބެއް ބަހައްޓާފައި ހުއްޓެވެ. ކަނާއަތް ފަރާތު ވޯޑްރޯބާ ދިމާލުގައި ހެދުން އަޅުވާ ސެޓޭންޑެއްވެސް ބަހައްޓާފައި ހުއްޓެވެ. އަލަމާރީގެ ދޮރުފަތްތަކުގައި ހުރީ ލޯގަނޑު ހަރުކޮށްފައެވެ. އެ ހުރިހާ އެއްޗެއްވެސް ހުރީ ކަޅާ ހުދުންނެވެ. މިންހާއަށް އެތައް އިރަކު އެތަނުގައި ވެސް ހުރެވުނެވެ. އޭނާ ފަހަރަކު އަލަމާރި އެއް ހުޅުވިއެެވެ. އެއަށްފަހު ފާޚާނާ ދޮރު ހުޅުވައިލިއެވެ. އެއާއެކު އޭނާއަށް އަނެއްކާވެސް ލިބިގެން ދިޔައީ އިތުރު ހައިރާންކަމެކެވެ. އެއީ ތަނަވަސް ބޮޑު ފާޚާނާއެކެވެ. ރަށުގައި އޭނާ އުޅުނު ކޮޓަރިވަރު އެ ފާޚާނާ އެކަނިވެސް ވާނެއެވެ. ފެންވަރާ ތަން ވަކިކޮށްލަން ކަހާލެވޭ ގޮތަށް ބިއްލޫރި ޖަހާފައިވާއިރު އެތަނުގައި ބޮޑު ބިލިގާއެއްވެސް ހުއްޓެވެ. ޝިޒާން އެހާ މުއްސަނދީ ބާއޭ މިންހާގެ ހިތަށް އެރިއެވެ. ހަޤީގަތުގައި ޝިޒާން އަކީ ކާކުބާއޭ މިންހާގެ ހިތަށް އެރިއެވެ.
އޭނާ ބިލިގާއަށް އެރިލިއެވެ. ބިލިގާއަކަށް އެރި ފެންވަރައިލުމަކީ ކުޑައިރުއްސުރެވެސް އޭނޭ ދެކެމުން އައި ހުފަފެނެކެވެ. ފާޚާނާއަށް ވަތްގޮތަށް މިންހާއަށް ނުކުމެވޭ ވަރުވީ އޭގެ ގަޑި އިރެއްހާ އިރު ފަހުންނެވެ. ފެންވަރާލައިގެން މިންހާ ލީ އޭނާ ރޭގަނޑު ނިދަން ލާ ހެދުމެކެވެ. ހެދުން ލައިގެން ބޮލުގައި ހުދުކުލައިގެ ތުވާލި އޮޅައިލައިގެން މިންހާ ނުކުތެވެ. އޭނާ ނުކުތްތާ މާގިނަ އިރެއްނުވެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ. އެއާއެކު އޭނާ ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހުރި ޝިޒާން ފެނި އޭނާއަށް ހައިރާންކަމެއް ލިބުނެވެ. އޭނާ ހީކުރީ ދެން މިރޭ ޝިޒާން ނާންނާނެކަމަށެވެ. ޝިޒާން ވެސް ހުރީ އާދައިގެ ޓީޝާޓަކާއި ސޯޓެއްގައެވެ. އޭނާ އެތެރެއަށް ވަންނަން އެދުނެވެ. މިންހާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޝިޒާން ކުރަން އުޅޭކަމެއް ނޭނގި އޭނާގެ ހިތް ތެޅިލިއެވެ.
(ނުނިމޭ)