ކާރު އުފައްދާ މަޝްހޫރު ޓެސްލާ ކުންފުނީގެ ސީއީއޯ، އެލޮން މަސްކް އެ ކުންފުނީގެ ފަސް ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކައިފިއެވެ.

މި މަހުގެ ހަ ވަނަ ދުވަހު އެލޮން މަސްކް ވަނީ އޭނާގެ 63 މިލިއަނެއްހާ ޓުވިޓާގެ ފޮލޮވަރުން ގާތު، ޓެސްލާ ކުންފުނީގެ އޭނާގެ ހިއްސާގެ 10 ޕަސެންޓު ވިއްކުމުގެ ލަފަޔަކަށް އަހައި ޕޯލްއެއް ހަދައިފައެވެ.

އެލޮން މަސްކް ޓްވިޓާގައި އެ ޕޯލް ހެދިތާ ދެ ދުވަސްތެރޭ ޓެސްލާ ކުންފުނީގެ ހިއްސާގެ އަގު ވަނީ 16 ޕަސެންޓު ދަށަށް ގޮސްފައެވެ.

ޓެސްލާ ކުންފުންޏަކީ ދުނިޔޭގެ އެންމެ ބްރޭންޑެޑް، އަގުބޮޑު ކާރު އުފައްދާ، އެއް ޓްރިލިއަން ޑޮލަރުގެ ކުންފުންޏެކެވެ.

އެ ޓްވިޓާ ޕޯލްއަށް ފަހު މަސްކް ވަނީ ކުންފުނީގެ ގާތްގަނޑަކަށް 3.6 މިލިއަން ހިއްސާ ވިއްކާފައެވެ. އަދި އޭގެ އަގު ހަތަރު ބިލިއަން ޑޮލަރަށް އަރައެވެ.

ޔޫއެސް ސްޓޮކް މާކެޓުގެ ލިޔެކިޔުންތައް ބުނާގޮތުން މަސްކް ވަނީ ކުންފުނީގެ އިތުރު 934،000 ހިއްސާވެސް ވިއްކައިފައެވެ. އެއީ ގާތްގަނޑަކަށް 1.1 ބިލިއަން ޑޮލަރެވެ. އަދި އެ ލިޔުންތަކުން ބުނާ ގޮތުން ޓުވިޓާ ޕޯލް ހެދުމުގެ ކުރިން ސެޕްޓެމްބަރު މަހު މަސްކް ވަނީ ވިޔަފާރީގެ ޕްލޭނެއްގެ ތެރެއިން ފަސް ހިއްސާ ވިއްކާފައެވެ.

މަސްކް ބުނެފައިވާ ގޮތުން ޓެސްލާ ކުންފުނިން އޭނާއަށް ފައިސާގެ ގޮތުގައި ދެނީ ކުންފުނީގެ މުދަލެވެ. އަދި ކުންފުނިން 22.86 ހިއްސާ 6.24 ޑޮލަރުގެ ރޭޓުން ވިއްކަން ވަނީ ހަމަޖެހިފައެވެ. މަސްކް ހިއްސާ ގަންނަގޮތަށް އޮތްއިރު ކަނޑައެޅިފައިވާ ތާރީޚުގެ ތެރޭގައި އޭނާ އެ ހިއްސާ ނުގަނެފިނަމަ އެ ޕްލޭން ބާތިލުވެދާނެކަމަށް ލިޔެކިޔުންތައް ބުނެއެވެ. އެ ޕްރޮޕޯސަލްގެ މުއްދަތު ހަމަވަނީ އަންނަ އަަހަރު އޯގަސްޓު މަހުއެވެ.

ޓެސްލާގެ ހިއްސާ ވިއްކުމުގެ ކުރިން އެ ކުންފުނީގައި މަސްކްގެ 23 ޕަސެންޓު ހިއްސާ އޮވެއެވެ. މިހާތަނަށް އޭނާ ވިއްކި ހިއްސާގެ އަދަދަށް ބަލާއިރު އޭނާގެ 3 ޕަސެންޓު ހިއްސާ ވަނީ ވިއްކިފައެވެ. ނަމަވެސް އެ 3 ޕަސެންޓު ހިއްސާއަކީ ޓްވިޓާގައި ހެދި ޕޯލްއަށްފަހު ވިއްކި ޝެއާކަން ޔަގީނެއްނޫނެވެ.

https://twitter.com/elonmusk/status/1457064697782489088

މަސްދަރު: ބީބީސީ