14 Nov 2021, 07:53
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ވިކީ ކައުޝަލާއި ކެޓްރީނާ ކައިފްގެ ކައިވެނި އަންނަ މަހު ކުރާ ގޮތަށް ހަމަޖެހިފައިވާއިރު ކޮންމެ ދުވަހަކުވެސް މިދެމީހުންގެ ކައިވެނީގެ ހަފުލާއާ ގުޅޭ ޝައުގުވެރި އެތައް ވާހަކަތަކެއް ދަނީ އަޑުއިވެމުންނެވެ. އެގޮތުން އެންމެ ފަހުން އަޑުއިވިގެން ދިޔައީ ކައިވެނީގެ ހަފުލާއަށް ދައުވަތު ދިން ބޮލީވުޑް ތަރިންގެ ލިސްޓުގެ ވާހަކައެވެ. ހައިރާންކުރުވާ ކަމަކީ ދައުވަތުދޭ މީހުންގެ ލިސްޓުގައި ސަލްމާން ޚާންގެ ނަން ނެތުމެވެ.
ސަލްމާން ޚާނަކީ ކެޓްރީނާގެ ކުރީގެ ލޯބިވެރިއެއްކަމީ އެންމެންނަށްވެސް އެނގޭ ކަމެކެވެ. އަދި އެ ގުޅުން ނިންމާލުމަށްފަހުވެސް ދެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހި، ރަނގަޅު ގުޅުމެއް ދެމީހުންގެ މެދުގައިވެސް އޮތެވެ. ނަމަވެސް މިހުރިހާ ކަމަކާއެކުވެސް ކެޓްރީނާގެ ކައިވެނި ހަފުލާއަށް ދައުވެތުދޭ މީހުންގެ ލިސްޓުގައި ސަލްމާން ޚާން ނެތުމަކީ ސުވާލު އުފެދޭ ކަމެކެވެ.
މިދެމީހުންގެ ކައިވެނީގެ ހަފުލާއަށް ދައުވަތު ދިން މީހުންގެ ތެރޭގައި މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރާއި އަލީ އައްބާސް ޒަފަރާއި ކަބީރު ޚާނާއި މިނީ މަތޫރާއި ރޯހިތު ޝެޓީއާއި ސިދާތް މަލޯތުރާއާއި ކިއަރާ އަޑްވަނީ އާއި ވަރުން ދަވަންއާއި ނަތާޝާ ޑަލާލް ފަދަ މަޝްހޫރު އެތައް ފިލްމީ ތަރިން ހިމެނެއެވެ.
އެކި މީޑިއާތައް ރިޕޯޓުކޮށްފައިވާ ގޮތުން ވިކީއާއު ކެޓްރީނާގެ ކައިވެނީގެ ހަފުލާ އަންނަ މަހު 7-12 އަށް ބާއްވަން ހަމަޖެހިފައިވާއިރު ހަފުލާ ބާއްވަން ހަމަޖެހިފައިވަނީ ރާޖަސްތާނުގެ ޖައިޕޫރުގެ ރިސޯޓެއްގައެވެ.