13 Nov 2021, 15:05
އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި މާބަނޑު އަންހެނަކު ވިހެއުމުގެ ތެރޭގައި ތުއްތު ކުއްޖާގެ ކޮނޑު ތާށިވެގެން މަރުވެއްޖެއެވެ.
މިކަމާ ގުޅިގެން އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ އެ ކުއްޖާ މަރުވާން މެދުވެރިވީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވުމުގެ (ޝޯލްޑަރ ޑިސްޓޯޝިއާ) ސަބަބުން، ދިމާވި ކަންކަމުގެ ސަބަބުން ކަމަށެވެ.
"ޝޯލްޑަރ ޑިސްޓޯޝިއާ އަކީ މަދުން ނަމަވެސް ދިމާވުމުން، އޭގެ ސަބަބުން މައިމީހާއާއި ކުއްޖާއަށް ނުރައްކާވާ ހާލަތެކެވެ." ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވެއެވެ.
ހޮސްޕިޓަލުން އިތުރަށް ބުނީ ކުއްޖާ ވިއްސުމަށްފަހު، ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ.
ހޮސްޕިޓަލުން އިތުރަށް ބުނީ މިފަދަ ކޮންމެ ހާދިސާއަކާ ގުޅިގެން ވެސް އެ ހާދިސާއެއް ބަލައި، ރަނގަޅުކުރަން ޖެހޭ ކަންކަން ފާހަގަކޮށް، ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ދގ. ވާދޫއަށް ނިސްބަތްވާ ކުއްޖެކެވެ. އެ ކުއްޖާ ވިހެއުމަށް އައްޑޫ ހޮސްޕިޓަލަށް ފޮނުވައިފައިވަނީ ގއ. ވިލިނގިލީ ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރެއް ނެތުމުގެ ސަބަބުންނެވެ.
ކުއްޖާގެ މަރުގައި ހޮސްޕިޓަލުގެ ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ. އަދި ކުއްޖާ މަރުވިއިރު ހަށިގަނޑުގައި ޒަހަމްގެ ނިޝާންތައް ވެސް ހުރި ކަމަށް މީސް މީޑިއާގައި ވަނީ ހަބަރު ފެތުރިފައެވެ.