13 Nov 2021, 14:45
އިންޑިއާއިން ހައިޑްރޮގްރަފީ ސާވޭ ކޮށްގެން ހަދާ ޗާޓުތައް ވިއްކައިގެން އިންޑިއާއަށް މަންފާ ހޯދޭނެކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިހެން ބުނެފައިވަނީ އިންޑިއާއާއެކު ހަދައިފައިވާ އެއްބަސްވުންތަކުގައި ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ނެތް ކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ (241) ކޮމިޓީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ރޭ ބޭއްވި ބައްދަލުމުވުގައެވެ.
ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ބަލައިފައިވަނީ ހައިޑްރޯގްރަފީ އެއްބަސްވުމާއި ހައިޑްރޮގްރަފީ ސާވޭ ހެދުމާ ބެހޭ އެއްބަސްވުމުގެ މައްޗަށެވެ.
މި ބައްދަލުވުމުގައި އެމްއެންޑީއެން ވަނީ އެއްބަސްވުންތަކާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހަޅައިފައެވެ. އެއަށްފަހު، ކޮމިޓީގެ ބައެއް ސިއްރުކުރުމަށްފަހު މެންބަރުންނަށް ސުވާލުކުރުމުގެ ފުރުސަތު ދީފައިވާއިރު، މެންބަރުންނަށް ވަނީ ދެ އެއްބަސްވުމުގައިވާ ކަންކަން ވެސް ހިއްސާކޮށްފައެވެ.

އެމްއެންޑީއެފުގް ޕްރެޒެންޓޭޝަންގައި ކިޔައިދިން ގޮތުން ރާއްޖޭގެ 99.7 އިންސައްތައަކީ ކަނޑު ކަމަށްވުމުން ހައިޑްރޮގްރަފީ އެއްބަސްވުމަކީ ވަރަށް މުހިންމު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ކަނޑުގެ ސަރަހައްދު ދެނެގަނެ، އެ ސަރަހައްދު ރައްކާތެރިކޮށްދިނުމުގައި އިންޑިއާއިން އެހީވާނެއެވެ.
ހަމައެހެންމެ ކަނޑުގެ ދިރުންތައް މުއްސަނދިކޮށް، ނޫ އިގްތިސާދެއް ތަރައްގީ ކުރުމަކީ ވެސް ރާއްޖެއަށް މި އެއްބަސްވުން މުހިންމުވާ ސަބަބެއް ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ވެސް މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދީ ބަނދަރުކުރުން ފަސޭހަކޮށްދިނުމާއި ކަނޑު ތަގައްޔަރުވާ މައްސަލަ ހައްލުކުރާނޭ ގޮތްތައް ދެނެގަތުމުގެ އިތުރުން ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ގުޅިގެން ރާއްޖޭގެ އެންމެފަހުގެ ޗާޓުތައް ހިއްސާކުރާނެ ގާބިލްކަން ރާއްޖޭގައި ނެތުމަކީ ވެސް އެއްބަސްވުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސާވޭކޮށް ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތަށް ހައިޑްރޯގްރަފީ ޗާޓުތައް ކުރަހައިދޭނެއެވެ. އަދި މިކަމާ ގުޅޭ އޮފީހެއް އެމްއެންޑީއެފްގައި ގާއިމްކޮށް، މިކަމަށް ބޭނުންވާ ދިވެހިން ވެސް ތަމްރީނު ކުރާނެއެވެ.
ދެ ގައުމަށް ވެސް ފައިދާ ނެގުމުގެ ފުރުސަތު
އެމްއެންޑީއެފްގެ ޕްރޮޒެންޓޭޝަން ހުށަހަޅައި ދެއްވި އެމްއެންޑީއެފްގެ ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓްގެ ޕްރިސިޕަލް ޑިރެކްޓަރު، ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ވިދާޅުވި ގޮތުގައި ހައިޑްރޯގްރަފިކް ސާވޭ ހަދައިގެން ކުރަހާ ޗާޓުތަކުން މާލީ ފައިދާ ނެގުމުގެ ފުރަސަތު ދެ ގައުމަށް ވެސް އޮވެއެވެ.
އެހެންނަމަވެސް އެ ޕްރެޒެންޓޭޝަނުން ހާމަވާ ގޮތުގައި ޗާޓުތައް ވިއްކައިގެން މާލީ ގޮތުން ބޮޑަށް މަންފާ ވަނީ އިންޑިއާއަށެވެ. އިންޑިއާއިން ރާއްޖޭގައި ޗާޓު ވިއްކާ ނަމަ، ދިވެހި ސަރުކާރަށް 35 އިންސައްތަ ކޮމިޝަން ލިބޭއިރު، އިންޑިއާއިން އެ ޗާޓުތައް ބޭރުގެ ބަޔަކަށް ވިއްކާ ނަމަ، ރާއްޖެއަށް ލިބޭނީ ރޯޔަލްޓީގެ ގޮތުގައި ލިބޭ 25 އިންސައްތައެވެ.
އެހެންނަމަވެސް އިދިކޮޅު މެންބަރުން ސުވާލުކުރުމުން ވެސް ޗާޓު ވިއްކާ އަގުތައް ހާމަކޮށްފައެއް ނުވެއެވެ.

މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ މި އެއްބަސްވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކުލަވާލި ޑިފެންސް އެކްޝަން ޕްލޭންގައިވާ ކަންކަން ތަންފީޒު ކުރުމަށް ހަދާފައިވާ އެއްބަސްވުމެއް ކަމަށެވެ.
މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ މިއީ މިފަދަ އެއްބަސްވުމެއް ހެދި ފުރަތަމަ ފަހަރު ނޫން ކަމަށާއި މީގެ ކުރިން އިނގިރޭސިވިލާތުގައި ވެސް މިފަދަ އެެއްބަސްވުމެއް ހަދައިފައިވާނޭ ކަމަށް ވިދާޅުވެފައެވެ.
ހަމައެހެންމެ މި އެއްބަސްވުމުގެ ދަށުން ސާވޭ ކުރާނީ ރާއްޖެއިން ބޭނުންވާ ސަރަހައްދުތައް އެކަނި ކަމަށް ވެސް ޝަމާލް ވިދާޅުވިއެވެ.