13 Nov 2021, 14:18
ތެހެރާން (ނޮވެމްބަރު 13) : އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ގައުމުތަކުން ހިފަހައްޓާފައިވާ އީރާނުގެ އެތައް ބިލިޔަން ޑޮލަރެއްގެ ތެރެއިން 3.5 ބިލިޔަން ޑޮލަރު މިދިޔަ ހަފްތާގައި ލިބިއްޖެކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ މަރުކަޒީ ބޭންކް އާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސްއެޖެންސީ "އިރުނާ" ބުނިގޮތުގައި ގައުމަކުންވަނީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ނުދެވި ހުރި އެތައް ބިލިޔަން ޑޮލަރެއްގެ ތެރެއިން 3.5 ބިލިޔަން ޑޮލަރު މިދިޔަ ހަފްތާގައި އީރާނުގެ މަރުކަޒީ ބޭންކާ ހަވާލުކޮށްފައެވެ. މިއާއެކު އެ ފައިސާ މިހާރުވަނީ އީރާނުގެ ބޭރުގެ ވިޔަފާރީގެ ޗެނެލްތަކުގައި ދައުރުވާންވެސް ފަށާފައެވެ. އީރާނަށް ލިބެންޖެހޭ މި 3.5 ބިލިޔަން ޑޮލަރު ލިބުނީ ކޮންގައުމަކުންކަމެއް "އިރުނާ" އިން ހާމައެއް ނުކުރެއެވެ.
އެމެރިކާ އިން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކާއެކުވެސް އީރާނުގެ ތެޔޮ އެކްސްޕޯޓްކުރުން އެއްކޮށް ހުއްޓުވުމުގައި އެމެރިކާ ވަނީ ނާކާމިޔާބުވެފައެވެ. އީރާނުން އެންމެ ގިނަ އަދަދަކަށް ތެލާއި ގޭސް ގަންނަނީ ޗައިނާއިންނެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖަހާފައި ޗައިނާ ގެންދަނީ އީރާނުން ތެލާއި ގޭސް އިންޕޯޓްކުރަމުންނެވެ. މީގެ އަގު ޑޮލަރުން އަދާކުރުމުގެ ބަދަލުގައި ޗައިނާ އީރާނަށް ފޯރުކޮށްދެނީ މެޝިނަރީއާއި އީރާނަށް ބޭނުންވާ އެނޫންވެސް ތަކެއްޗެވެ. އަދި ޗައިނާގެ ކުންފުނިތަކުން އީރާނުގައި ތަންފީޒުކުރާ ތަރައްގީއާއި އިންފްރާސްޓްރަކްޗާ ގެ މަޝްރޫއުތަކަށް އަގުދިނުމަށްވެސް އީރާނުން ޗައިނާއަށް ފޯރުކޮށްދެނީ ތެލާއި ގޭހެވެ.
މުސްތަގްބަލުގައި އީރާނުގެ ތެލާއި ގޭހަށް އަގު އަދާކުރުމަށް ދެގައުމުން ތައްޔާރުވަނީ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ޔުވާން ބޭނުން ކުރުމަށެވެ. އެއީ ޔުވާން ބޭނުންކޮށްގެން ޗައިނާއިން ގަންނަންބޭނުން ތަކެއްޗަށް އަގު އަދާކުރުުމުގެ ފުރުސަތު އީރާނަށް ލިބޭގޮތަށެވެ.
އަނެއްކޮޅުން އީރާންވަނީ މިމަހުގެ 29 ގައި ވިއެނާގައި ފެށުމަށް ހަމަޖެހިފައިވާ އީރާނުގެ ނިއުކްލިޔާ ވާހަކަތަކުގައި އެމެރިކާއާއި ސީދާގޮތެއްގައި ވާހަކަ ނުދައްކާނެ ކަމަށް ބުނެފައެވެ. ކުރީ ފަހަރުތަކެކޭވެސް އެއްގޮތަށް މިފަހަރުގެ ވާހަކަތަކުގައިވެސް އެމެރިކާއާއި އީރާނާދެމެދު މެދުވެރިއެއްގެ ބައި އަދާކުރާނީ ޔޫރަޕްގެ އިއްތިޙާދެވެ.
އީރާނާއެކު ސީދާގޮތެއްގައި ވާހަކަދެއްކުމަށް އެމެރިކާ ތަކުރާރުކޮށް އެދެމުން ދިޔަނަމަވެސް އީރާނުގެ ކުރީގެ ސަރުުކާރާ އަދި މިހާރުގެ ސަރުކާރުންވެސްވަނީ އެމެރިކާއިން އީރާނަށް ދަތިކުރުމުގެ މަގްސަދުގައި ހިފަހައްޓާފައިވާ އީރާނުގެ އެތަށް ބިލިޔަން ޑޮލަރެއްގެ ފައިސާ އަނބުރައި ނުދެނީ އެމެރިކާއާއެކު އެއްވެސް ކަމެއްގައި ސީދާގޮތެއްގައި ވާހަކަ ދެއްކުމަށް ދެކޮޅު ހަފާދައެވެ.
އީރާނުގެ ޚާރިޖި ވަޒީރުގެ އެހީތެރިޔާ އަލީ ބާގިރީ ވިދާޅުވިގޮތުގައި މިމަހުގެ 29 ގައި ވިއެނާގައި ފެށުމަށް ހަމަޖެހިފައިވާ ނިއުކްލިޔާ ވާހަކަތަކުގެ އަމާޒަކީ 2015 ވަނައަހަރު އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން ސޮއިކޮށްފައިވާ އީރާނުގެ ނިއުކްލިޔާ އެއްބަސްވުން އަލުން ދިރުވުމެވެ.
މިއެއްބަސްވުން ދިރުވޭނީ 2018 ވަނައަހަރު މިއެއްބަސްވުމުން އެކަހެރި ގޮތެއްގައި ވަކިވެފައިވާ އެމެރިކާ އަލުން އަނބުރައި މިއެއްބަސްވުމުގައި ސޮއިކޮށް އެއްބަސްވުމަށް އިއާދަވުމުންނާއި މިއެއްބަސްވުމާ ޚިލާފަށް އެމެރިކާއިން އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުންނެވެ. މިގޮތަށް އެމެރިކާ އަމަލުކުރާނަމަ މިއެއްބަސްވުމާ ޚިލާފަށް އީރާނުން ކުރިޔަށްގެންދާ ނިއުކްލިޔާ ހަރަކާތްތައްވެސް ހުއްޓާލާނެކަމަށް ބާގިރީ ވިދާޅުވިއެވެ.
ދެހާސް ފަނަރަ ވަނަ އަހަރުގައި ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމާ ޚިލާފަށް ނިއުކްލިޔާ ހަރަކާތްތައް އީރާނުން ފެށީ އެއްބަސްވުމާ ޚިލާފަށް އެމެރިކާއިން އީރާނާދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުންނާއި 2018 ގައި އެމެރިކާ އެކަހެރި ގޮތެއްގައި ނިއުކްލިޔާ އެއްބަސްވުމުން ވަކިވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ނިއުކްލިޔާ އެއްބަސްވުން އަލުން ދިރުވުމަށްޓަކައި މިއަހަރުގެ މާޗް މަހުން ޖުލައި މަހަށް ޔޫރަޕްގެ އިއްތިޙާދު މެދުވެރިއަކަށް ވެގެން އެމެރިކާއާއި އީރާނުން ވިއެނާގައި ވާހަކަތައް ކުރިޔަށް ގެންގޮސް އެވާހަކަތަކަށް ކުރިއެރުންވެސް ހޯދިއެވެ. ނަމަވެސް ވަހަކަތައް މުޅިން ކާމިޔާބުވެފައެއް ނުވެއެވެ. ވާހަކަތައް ހުއްޓުނީ އީރާނުގެ ކުރީ ސަރުކާރުގެ ވެރިކަން ނިމި އައު ސަރުކާރެއް ވެރިކަމާ ހަވާލުވާން ޖެހުމުންނެވެ. މިއީ ނިއުކްލިޔާ ވާހަތަކުގައި އީރާނުގެ އައު ސަރުކާރު ބައިވެރިވާ ފުރަތަމަ ފަހަރެވެ.