އިތުރު ބިމެއް ހިއްކައިގެން މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ޕްލޭން މި އަންނަ މަހު އިއުލާން ކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ސަން"އަށް މިއަދު ވިދާޅުވީ، އެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތް މިހާރު ރާވަމުންދާ ކަމަށެވެ.

"އެ މަސައްކަތް އަދިވެސް ދަނީ ޕްލޭންކުރެވެމުން. ލަފާ ކުރެވޭ ގޮތުގައި އެ ޕްލޭން މި އަހަރުގެ ފަހު ކޮޅަށް އިއުލާންކޮށްލެވޭ ވަރު ވާނެ،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް އިތުރަށް ވިދާޅުވީ އެ ޕްލޭންގެ ތެރެއިން ގޯތި ދޫކުރާނެ އަދަދާއި ބިން ހިއްކަން ސަރަހައްދާއި، ސަރަހައްދުގެ ބޮޑު މިން ފަދަ ހުރިހާ ތަފްސީލެއް ވެސް އިއުލާނުކުރާން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ ވިސްނުން ހާމަކުރެއްވީ އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭން "ރަށްވެހި ފަތިސް"ގެ ތެރެއިން ބޭއްވި ކެމްޕޭން ބައްދަލުވުމެއްގަ އެވެ. ނަމަވެސް އެއީ ކޮން ބިމެއް ކަމެއް ރައީސް ހާމައެއް ނުކުރައްވަ އެވެ.

އޭގެ ފަހުން ގަލޮޅު އުތުުރު ދާއިރާގެ މަޖިލިސް މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށް ހައުސިންގް އެންޑް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި އެވެ.

އީވާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެ ކެމްޕޭން ބައްދަލުވުމުގައި އެ މަޝްރޫއާ ބެހޭ ގޮތުން އެމިންވަރަށް ހާމަކުރައްވާފައިވާ ކަމަށާއި އަދި އެ މަޝްރޫއާ ގުޅޭ އިތުރު ތަފްސީލުތައް ވެސް އިއުލާނުކުރައްވާނީ ފަހުގެ ތާރީހެއްގައި ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

"އަޅުގަނޑަށް އެނގެނީ ސަރުކާރުގެ ވިސްނުމެއް އެބަ އޮތްކަން؛ އިތުރު ބިމެއްގެ ވިސްނުމެއް، މާލޭ ރައްޔިތުންނަށް. މިކަން އިއުލާނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ. ރައީސް އެކަން އިއުލާނު ނުކުރައްވާ އެ އޮތީ އެ މަޝްރޫއު އެމަނިކުފާނު ގަބޫލުކުރައްވާ ގޮތަށް ގެންދެވޭ ހިސާބަށް، އަދި އެވަރަށް ފަރމް [ޔަގީން]ކަމާ އެކީގައި ކުރެވެން ނެތީމާ. ނަމަވެސް ވަކި ހިސާބަކަށް އާދެވުނީމާ އެވާހަކަ [މިދިޔަ ހަފްތާގައި] ވިދާޅުވެފައި އެ އޮތީ،" އަސްލަމް މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ވަނީ އެ މަޝްރޫއަށްޓަކައި ބޭނުންވާ ލޯން ނެދަލެންޑްސްގެ މަލްޓިނެޝަނަލް ފައިނޭންޝަލް ސާވިސްއެއް ކަމުގައިވާ އައިއެންޖީ ބޭންކުން ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

އަސްލަމްގެ ޖަވާބަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމީހަކަށް އެނގިހުރި އެއްޗެއް މަޖިލީހުގައި ސާފުކޮށް ބުނުމަކީ ބޭނުންތެރިކަމެއް ކަމަށެވެ. އެއާ އެކު މަޖިލީހުގެ ރައީސަށް ވެސް މަޝްރޫއާ ބެހޭ ގޮތުން އެނގޭ މައުލޫމާތުތައް ހާމަކުރެއްވި އެވެ.

"[ބިން] ހިއްކުމަށް ޓަކައި ބޭނުންވާ ލޯނު، އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ، އެ ލޯނު އައިއެންޖީ ބޭންކުން ނެގުމަށް ސަރުކާރުން މަސައްކަތްކުރަމުން ދަނީ. އެ ލޯނު ލިބުނުހާ އަވަހަކަށް އެތަން ހިއްކޭނެ ކަމަށް ވަނީ. ހިއްކުނީމަ ބިން ކަނޑާފައި ދެވޭނެކަމަށް ވަނީ،" ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން މާލޭ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ގުޅީފަޅުން ގޯތި ދޫކުުރުން ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ފަހު ކެމްޕޭންގެ ތެރެއިން ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ. އަދި ގުޅީފަޅުގައި ވިޔަފާރި ބަނދަރު ހެދުމަކީ އެތަނާ ނުބައްދަލު ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އެތަނަކީ [ގުޅީފަޅަކީ] ގެދޮރުވެރި ކަމަށް ހާއްސަ ތަނަކަށް ހެދިއްޖެއްޔާ ގޯތި ބޭނުންވާ ރައްޔިތުންނަށް ގޯތި ދީ. ފެލެޓް ބޭނުންވާ ރައްޔިތުންނަށް ފްލެޓް ދެވި. އެތަނަކީ މާލޭ ކައިރީގައި ބްރިޖުން ވެސް ގުޅާލެވިފައި އޮންނާނެ ގެދޮރުވެރި ކަމަށް ހާއްސަ މަންޒިލަކަށޭ ވާންޖެހޭނީ." މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވެސް މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ޓަކައި މާލޭގެ ދެކުނުން އޮންނަ ފުށިދިއްގަރުފަޅު ހިއްކުމުގެ ޕްލޭނެއް ގެންގުޅުނެވެ. "ހިޔާ އެކޮމްޕްލިޝްޑް"ގެ ނަމުގައި ހިންގަން އުޅުނު މަޝްރޫއުގައި ފުށިދިއްގަރުފަޅުން 800 ހެކްޓަރު ހިއްކުމަށް ނިންމި އެވެ. އޭގެ އިތުރުން މި މަޝްރޫއުގެ ދަށުން "ވިލިމާލެ-2"ގެ ނަމުގައި ގުޅީފަޅުން 230 ހެކްޓަރު ވެސް ހިއްކަން ނިންމި އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ މެދުތެރޭގައި ރައީސް ޔާމީންގެ ސަރުކާރުން އިއުލާނުކުރި މި މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަމަށް 5،000 އެއްހާ މީހުން ފޯމު ނެގި އެވެ.