13 Nov 2021, 12:46
އުތުރު ތިލަފަޅުގައި ޑޮކްޔާޑު ގާއިމް ކުރުމަށް އިންޑިއާ އާއެކު ވެފައިވާ އެއްބަސްވުން ހާމަކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ފޮރުވައިގެން ކަންކަން ކުރަން ނޫޅޭ ކަން ހާމަކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެކަމަށް އުތުރުތިލަފަޅު އެއްބަސްވުމުގައިވާ ކަންކަން ވެސް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"ޔޫޓީއެފް އެއްބަސްވުމުގައިވާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ބޭނުންތެރިކަމެއް. ފޮރުވައިގެން ސިއްރުން ކަންކަން ކުރަން ނޫޅޭ ކަމާއި، އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާ ގޮތްގޮތް ތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދެއްވުމަކީ ބޭނުންތެރިކަމެއް." ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފްގެ ޓްވީޓާ ގޫޅޭ އިތުރު މައުލޫމާތު ހޯދާލުމަށް އޭނާއަށް ގުޅުމުން، ފޯނު ނުނަންގަވާތީ މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ.
އޭނާ މިހެން ވިދާޅުވެފައިވާއިރު، ހަސަން ލަތީފް ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ)ގެ މެމްބަރުންނަށް އުތުރުތިލަފަޅު އެއްބަސްވުމުގެ ކޮޕީއެއް ވަނީ ދައްކާފައެވެ.
https://sun.mv/158288
އުތުރު ތިލަފަޅު އެއްބަސްވުމުގައި މިނިވަން ކަމަށް ބުރޫއަރާ ކަންކަން ހުރި ކަމަށް ބުނެ އިދިކޮޅުން އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގޮތުން މާޗު މަހުގެ ތެރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އެއްބަސްވުން ހާމަކޮށްދެއްވުމަށް އެދި ސިޓީއެއް ވެސް ފޮނުވައިފައިވެއެވެ.
މާޗު މަހުގެ ތެރޭ އެ އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބެލެވޭ އެއްބަސްވުމެއް ވެސް ވަނީ ލީކުކޮށްލައިފައިވެއެވެ. އޭގައި ބުނެފައި ވަނީ އެތަނުގައި އިންޑިއާގެ އަސްކަރީ ފަރާތްތައް ހަތިޔާރާ އެކު ތިބެވޭނެ ކަމަށާއި އެ މީހުންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ފުރިހަމައަށް ދިވެހި ސަރުކާރުން ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އެ ފެސިލިޓި އިތުރު ފަރާތަކުން ވިޔަފާރީގެ ގޮތުން ބޭނުންކުރަން ދޭ ނަމަވެސް އިންޑިއާއާ އެކު މަޝްވަރާކުރަން ޖެހޭނެ ކަމަށް ވެސް ލީކުވި ޑްރާފްޓުގައި ބުނެފައިވެއެވެ.
އެއާއެކު ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ އެގްރިމެންޓެއް ކަމަށް ބުނެ ދައުރުވި ލިޔެކިޔުމަކީ ސައްހަ އެއްޗެއް ނޫން ކަމަށެވެ.
ހަމައެހެންމެ ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް އަސްކަރިއްޔާ އިން ޖާގަ ނުދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.