03 Mar 2012, 21:32
އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އިމްތިޔާޒް (އިންތި) ޖުމްހޫރީ ޕާޓީއަށް ވަޑައިގެންވިއިރު އެމްޑީޕީގެ މުހިއްމު މައުލޫމާތުތަކާއި ޕާޓީގެ މިލްކިއްޔާތުގައިވާ ބައެއްތަކެތި ވަގަށް ނަގާފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ "އަންހެނުންގެ ރޫހު" އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އިންތި ޕާޓީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައިވަނީ ހިޔާނާތްތެރިވެވަޑައިގެންނެވުމަށްފަހު ކަމަށެވެ.
"އިމްތިޔާޒު ޕާޓީ ދޫކުރައްވާ ވަޑައިގަތުމުގަ ޕާޓީއަށް ހިޔާނާތްތެރިވެވަޑައިގެން ޕާޓީގެ މުޙިއްމު މައުލޫމާތުތަކަކާ ޕާޓީގެ މިލްކިއްޔާތުގައިވާ ބައެއް ތަކެތި އިމްތިޔާޒް ގެންދަވާފައިވާތީ މި މަޢުލޫމާތު އެމްޑީޕީ ގެ މެންބަރުންނާ ޙިއްސާކުރުމަކީ މުނާސަބު ކަމެއްކަމުގައިދެކޭތީ އެ މަޢުލޫމާތު ހިއްސާކުރަމެވެ،" މި ބަޔާނުގައިވެ އެވެ.
މިދިޔަ މަހު 28 ވަނަ ދުވަހު އެމްޑީޕީން ވަކިވެވަޑައިގެންނެވި އިންތި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމަށް އެމްޑީޕީން މެންބަރުން ގެންދަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
މީގެ އިތުރުން އިންތި އެމްޑީޕީގައި މަސައްކަތްކުރައްވަމުންގެންދެވި ޗެއާޕާސަންގެ ނާއިބު އިދާރީ ގެ މަޤާމަކީ ހިލޭސާބަހަށް މަސައްކަތްކޮށްދެއްވާ ފަރާތަކުން ފުރައިދޭ ޝަރަފުވެރި މަޤާމެއް ކަމަށާއި އޭނާ ޗެއާ ޕާސަންގެ ނައިބު އިދާރީގެ މަޤާމާ ހަވާލުވެވަޑައިގަތީ އުޖޫރައެއް ލިބިވަޑައިނުގަންނަވާނޭކަން އެނގިވަޑައިގެން ހުންނަވާ އެގޮތަށް އެއްބަސްވެވަޑައިގެން ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ބުނަނީ ޕާޓީއިން ވަކިވެޑައިގެން ޕާޓީ ބަދުނާމުކުރުމުގެ ގޮތުން މިހާރު ދައްކަވާ ވާހަކަތަކުގެ ތެރޭގައި މުސާރަ ލިބިވަޑައި ނުގަންނަވާކަމުގައި ވިދާޅުވެ ވާހަކަ ދައްކަވަމުންގެންދަވާކަމީ އިންތި ކުރައްވާ ހުތުރު ޢަމަލެއްކަމަށް އެމްޑީޕީ ދެކޭ ކަމަށެވެ.
އިންތި މިރޭ ވިދާޅުވީ އެމްޑީޕީ ވަކިވެ ވަޑައިގެންނެވިއިރު އެމްޑީޕީ އޮފީހުން އެއްވެސް އެއްޗެއް ގެންދަވާފައިނުވާނެ ކަމަށެވެ. އަދި އެމްޑީޕީން އެނާއާ މެދު ކުރާ ތުހުމަތު ތައް ދޮގު ކުރައްވާ ކަމަށެވެ.