މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 100 ކިލޯއަށް ވުރެ ގިނަ ހެރޮއިން އަތުލައިގަތް މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން، ބަންދުގައި މިވަގުތު ތިބި ފަސް މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައިގައި މިވަގުތު ބަންދުގައި ތިބީ ފަސް މީހުންނެވެ. ބަންދުގައި ތިބި މީހުންނަކީ:

  1. ޖުމާން މުސްތަފާ (19އ), ނ. ވެލިދޫ ބީޗްހެވަން

  2. މުޙައްމަދު އަޙްމަދު (34އ), ލ. ކަލައިދޫ، ޖަނަވަރީމާގެ
  3. މުޙައްމަދު ޙުސައިން (61އ), ދ. ބަނޑިދޫ، ޕޮލަރިސް
  4. އެމްޑީ ރަފީޤުލް އިސްލާމް (35އ), ބަނގްލަދޭޝް
  5. ޑީއެމް މޮބިން (24އ), ބަނގްލަދޭޝް

މި މީހުންގެ ތެރެއިން ރަފީގުލް އިސްލާމް ފިޔަވައި ދެން ތިބި މީހުންގެ ބަންދަށް އިއްޔެ ވަނީ 15 ދުވަސް ޖަހައިފައެވެ. ރަފީގުލް އިސްލާމްގެ ބަންދަށް ޖަހައިފައިވަނީ ފަސް ދުވަހެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކުރީ 10 މީހުންނެވެ. އަދި އެ މީހުންނަށް މުއްދަތު ޖެހުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، އެ ކަމުގައި އެންމެ އިސްކޮށް އުޅޭ ދެ މީހުން ކަމަށް ފުލުހުން ތުހުމަތު ކުރާ ދެ މީހުން ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ފުލުހުން އެ ދެ މީހުންގެ ވަނަވަރު ވެސް ހާމަކޮށްފައި ނުވާއިރު، އެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ނުކުރުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

މުއްދަތު ޖެހި މީހުންގެ އެންމެ ފުރަތަމަ ދޫކޮށްލީ މިދުހަތު އިބްރާހިމްއެވެ. އެއަށްފަހު މިދިޔަ މަހުގެ 26 ވަނަ ދުވަހު އިބްރާހިމް ޒައިދު ހަބީބު އާއި އިބްރާހިމް ސިނާނު ވެސް ކޯޓުން ވަނީ ދޫކޮށްލާފައެވެ.