13 Nov 2021, 10:37
މިހާތަނަށް މުޅި ރާއްޖޭގައި ހުޅުވި އެންމެ ބޮޑު ފައްވާރު ސެންޓްރަލް ޕާކުގައި ހުޅުވުމުން، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެ ކަމުގެ ޝުކުރު އަދާކުރައްވައިފިއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ ހުޅުވި ފައްވާރަކީ 20،021 އަކަފޫޓުގެ ސަރަހައްދެއްގައި ތަރައްގީކޮށްފައިވާ ފައްވާރެކެވެ. އެ ފައްވާރު ހަދާފައި ވަނީ މިއުޒިކާއި ތަފާތު ކުލަތަކުގެ ލައިޓާ އެކު، އެކި ސްޕީޑުގައި ފެން އަރުވާ ގޮތަށެވެ. އެގޮތުން 15 ފޫޓުގެ އުސްމިނަށް ފެން އަރާނެއެވެ.
ފައްވާރު ހުޅުވުމާ ގުޅިގެން މޭޔަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ޕްރޮޖެކްޓަކީ 2017 ވަނަ އަހަރު ޕްލޭންކޮށް، އެއްބަސްވުމުގައި ސޮއިކޮށް، ހަމަ އެ އަހަރު ތެރޭގައި ފެށުނު މަޝްރޫއެއް ކަމަށެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު ނިމެން ކައިރި ވިއިރު، އެ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެ ތަނުގެ 80 އިންސައްތަ މަސައްކަތް މުޅިން ނިމިފައިވާ ކަން ފާހަގަކުރައްވައި، މި ސަރުކާރުން ތަން ނިންމީ ވަރަށް ލަސް ދުވެއްޔެގައި ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ ފައްވާރާއި ރައީސް ޔާމީން ފެއްޓެވި އެހެން މަޝްރޫއުތަކަށް، މުއިއްޒު ވަނީ ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވައިފައެވެ.
ރޭ ބޭއްވި ރަސްމިއްޔާތެއްގައި މިއުޒިކީ ފައްވާރު ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.
މި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވަނީ ހުޅުމާލެއަކީ އާންމުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވިދާޅުވެފައެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޮޑު އާބާދީއެއް އާބާދުވާއިރު އެ ތަނުގައި ވެސް ރަނގަޅު ހިދުމަތްތަކެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުުވިއެވެ.