13 Nov 2021, 01:18
މިހާތަނަށް މުޅި ރާއްޖޭގައި ހުޅުވި އެންމެ ބޮޑު ފައްވާރު ސެންޓްރަލް ޕާކުގައި މިރޭ ހުޅުވައިފިއެވެ.
ސެންޓްރަލް ޕާކުގައި މިއުޒިކީ ފައްވާރު ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

ސެންޓްރަލް ޕާކުގައި މިއުޒިކީ ފައްވާރު ހުޅުވުން -- ފޮޓޯ/ އެޗްޑީސީ
މި ފައްވާރަކީ 20،021 އަކަފޫޓުގެ ސަރަހައްދެއްގައި ތަރައްގީކޮށްފައިވާ ފައްވާރެކެވެ. އެ ފައްވާރު ހަދާފައި ވަނީ މިއުޒިކާއި ތަފާތު ކުލަތަކުގެ ލައިޓާ އެކު، އެކި ސްޕީޑުގައި ފެން އަރުވާ ގޮތަށެވެ. އެގޮތުން 15 ފޫޓުގެ އުސްމިނަށް ފެން އަރާނެއެވެ.
މިރޭގެ ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ހުސައިން ވަނީ ތަހުޒީބީ މުޖުތަމައުއެއްގައި ރިވެތި ސިފަތައް އިސްކުރުމަށް ގޮވައިލައްވައިފައެވެ. އެގޮތުން ތަރައްގީގެ ރޮނގުން ކުރިއަރާއިރު އަމަލުން އެކަން ދެއްކުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
"އަޅުގަނޑުމެން ޖެހޭ މ ފަދަ ތަންތަން ތަރައްގީވެގެން އަންނަ އިރު އެ ކަން ދައްކަން. މިއަދު މި ގާއިމްކުރެވުނު ފައްވާރު ފަދަ ތަންތަނަށް ގެއްލުން ލިބޭނެހެން ކުނި އެޅުން ފަދަ ކަންކަން ކުރުމަކީ އަޅުގަނޑުމެންކޮށްގެން ނުވާނެ. ކޮންމެ މީހަކަށް ވިޔަސް އެ ފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިރޭ އޮތް ހަފްލާގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ ހުޅުމާލެއަކީ އާންމުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޮޑު އާބާދީއެއް އާބާދުވާއިރު އެ ތަނުގައި ވެސް ރަނގަޅު ހިދުމަތްތަކެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުުވިއެވެ.

ސެންޓްރަލް ޕާކުގައި މިއުޒިކީ ފައްވާރު ހުޅުވުމުގެ ރަސްމިއްޔާތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވާހަކަދައްކަވަނީ -- ފޮޓޯ/ އެޗްޑީސީ
"ހުޅުމާލޭގެ ދެވަނަ ފޭސްގައި ވެސް ކުރިއަށް އޮތްތަނުގައި ބޮޑު އާބާދީއެއް އާބާދުވެ ދިރިއުޅެމުންދާނެ. މިހެންކަމުން މި އަންނަމުންދާ އަވަސް ބަދަލާއެކު އެއްވެސް ފަރާތެއް އުނިނުކޮށް ހުރިހާ ރައްޔިތުންގެ ވެސް ބައިވެރިވުމާއެކު މަޝްރޫތައް ހިންގުމަކީ އަޅުގަނޑުމެންގެ އަމާޒެއް،" ސުހައިލް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެންމެ އަސާސީ ހިދުމަތްތަކުން ފެށިގެން އެހެނިހެން ހިދުމަތްތައް ގާއިމްކުރުމުގައި އެޗްޑީސީން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ކުރަމުން ގެންދާނެކަމަށެވެ.

ސެންޓްރަލް ޕާކުގައި މިއުޒިކީ ފައްވާރު ހުޅުވުން -- ފޮޓޯ/ އެޗްޑީސީ
ސުހައިލް ވިދާޅުވީ ހުޅުމާލޭގައި އާބަން ފާމިންގެ ސަރަހައްދު އިތުރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށެވެ. އަދި ސެންޓްރަލް ޕާކު ސަރަހައްދުގައި މިސްކިތެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.
ސެންޓްރަލް ޕާކު ވަނީ ހަތަރު ޒޯނަކަށް ބަހާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފައުންޓެއިން ޒޯންގެ އިތުރުން ލެޝާ ޒޯން، އިންޓެރެކްޓިވް ޒޯން އަދި ރެކްރިއޭޝަން ޒޯނެކެވެ.