13 Nov 2021, 10:08
ރާއްޖެ އަޅުވެތިކަމުގެ ތެރެއަށް ވެއްޓި، ދިވެހީންނަށް ލިބިފައިވާ މިވާ މިނިވަންކަމުގެ މަތިވެރި ނިއުމަތް އަތުން ބީވެގެންދާ މަންޒަރު ބައްލަވަން ރައީސް ޔާމީނަށް ކެތެއް ނުކުރެއްވޭނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ހިންގެވުމާއި ހަވާލުވެހުންނެވި އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މި މޭރުމުން އަދުރޭ ވިދާޅުވީ ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ބޭތިއްބުމާއި ދެކޮޅަށް ރައީސް ޔާމީންގެ ގެންގުޅުއްވާ ވިސްނުންފުޅާއި ސިޔާސަތު ހާމަކޮށްދެއްވުމުގެ ގޮތުން "ސަން"އަށް ދެއްވި އިންޓަވިއުއެއްގައެވެ.
އަދުރޭ ވިދާޅުވީ ގައުމުން މިއަދު ފެންނަމުން މި އަންނަނީ ދިވެހީންނަށް މާތްﷲ ދެއްވާފައި މިވާ މިނިވަންކަމުގެ އަގުބޮޑު ޖައުހަރު، އަތުން ބީވެ، އަޅުވެތިކަމުގެ ފުން ވަޅުގަނޑެއްގެ ތެރެއަށް ގައުމު ވެއްޓެންދާ މަންޒަރު ކަމަށެވެ.
އެހެންކަމުން މި އަގުބޮޑު ނިއުމަތް އެންމެ ފަޅިސިކުންތަކަށް ވެސް ގެއްލިގެންދާ މަންޒަރު ބައްލަވަން، ހަނު ހުންނެވުމަކީ ރައީސް ޔާމީންގެ ހިތްޕުޅަށް، ބަރުދާސްތު ކުރައްވަން ދަތިފުޅު ކަމެއް ކަމުގައި އެކަނިކުފާނު ވިދާޅުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިޔާގެ މިލިޓަރީ ސިފައިން ބާލަން ގޮވާލައި، "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި އިދިކޮޅު ކޯލިޝަނުން އިސް ނަގައިގެން ވަނީ ސިލްސިލާ ހަރަކާތްތަކެއް ފަށާފައެވެ.
އެ ހަރަކާތްތަކާއިބެހޭ ގޮތުން އަދުރޭ ވިދާޅުވީ ހަރަކާތައް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެން ދޭހަ ވަނީ ރާއްޖޭގެ މިނިވަންކަމަށް ރައްޔިތުން ބޭނުންވެފައި ތިބި މިންވަރު ކަމަށާއި އެހެންކަމުން އެ ހަރަކާތުގައި ބައިވެރިވާ ރައްޔިތުންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުން ކަމަށެވެ.
އޭނާ ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ގޮވާލާ ކުރިއަށް ގެންދާ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ނޫން ކަމަށެވެ. ރައީސް ޔާމީންގެ އިސްނެންގެވުމަކަށް ފެއްޓި އެ ހަރަކާތަކީ ގައުމީ ހަރަކާތެއް ކަމަށާއި އެހެންކަމުން ފެއްސާއި، ރަތާ ހުދަށް ލޯބިކުރާ ކޮންމެ ދިވެއްސެއްކަށް ވެސް އެ ހަރަކާތުން މަރުހަބާ ކިޔާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ރައީސް ޔާމީނަށް އެ ދޭ އަނިޔާއަށްވުރެ، މި ގައުމުގެ މިނިވަންކަމާ ސިޔާދަތު މުހިއްމުވީމަ އެމަނިކުފާނު އިސްވެ މިކަން މި ފެއްޓީ. ސިޔާސީ މައިދާނުގަ ތިއްބެވި އެއްވެސް ލީޑަރަކަށް ގައުމުގެ މިނިވަންކަން މުހިއްމެއް ނޫން. އެމީހުންނަށް ބޭނުންވަނީ ގައުމު ވިއްކާލައިގެން ނަމަވެސް އަމިއްލަ އެދުމެއް ހާސިލު ކުރަން. އެއާއި ހިލާފަށް ރައީސް ޔާމީނަކީ ވަރަށް ވަތަނީ ވަރަށް ގައުމީ ލީޑަރެއް،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް ލިބެން އޮތް ބޮޑެތި ބައެއް އިންވެސްޓްތައް ވެސް ދޫކޮށްލެއްވީ އެ އިންވެސްޓަރުންގެ ސަބަބުން ރާއްޖެއަށް ފަހުން ލިބިދާނެ ގެއްލުމަކަށް ބައްލަވާފައި ކަމަށެވެ.
އެހެންކަމުން އޭރު ވެސް އަދި މިހާރު ވެސް، އެމަނިކުފާނު އިސްކުރައްވަނީ އަމިއްލަ ފައިދާއާއި މަންފާއަށްވުރެ ކުރިއަށް، ދިވެހި ފަސްގަނޑު ކަމަށް އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން ވެރިކަން ކުރެއްވީ ވެރިކަމުގެ ފޮނިކަމާއި ލައްޒަތަށް ދަހިވެތިވެ ހުންނަގައިގެން ނޫން ކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރެއްވީ ރާއްޖެއަކީ އިގްތިސޯދީ ގޮތުން ފުދުންތެރި ގައުކަމަށް ހެއްދުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ ހަސަދަވެރިކަމާއި އަދާވާތްތެރިކަމުގެ ދުރުމީން ތަންތަން ބަލައި މީހުންނަށް އަބަދު ވެސް ފެންނާނީ ހުސް ގޯސް ކަމަށެވެ.
އޭގެ ބަދަލުގައި ވަކި އަތަކަށް ނުޖެހި އިންސާފުން ބަސްބުނާ ކޮންމެ މީހަކު ވެސް އެންމެ ފަސް އަހަރު ތެރޭގައި ރާއްޖެއަށް ގެނެސްދެއްވި އިންގިލާބީ ތަރައްގީއަށް ހެކި ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެހާސް ބާރަވަނަ އަހަރާ ހަމައަށް ރާއްޖެ އަކީ އިންޑިއާއަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮތް ގައުމެކެވެ. މި ގުޅުމުގައި ކުނި ޖެހެން ފެށީ ޖީއެމްއާރު މައްސަލައިގައެވެ.
އެހިސާބުން ފެށިގެން ރާއްޖެ އިން އެހެން ގައުމުތަކާ އެކު ބާއްވާ ގުޅުން އިތުރަށް ބަދަހިކުރަން ފެށިއެވެ. ހާއްސަކޮށް ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެ އިން ޗައިނާ އާ އެކު ބާއްވަމުން ގެންދިޔަ ގުޅުން އިތުރަށް ބަދަހި ކުރެއްވިއެވެ.
މީގެ ނަތީޖާއަކަށް ވެގެންދިޔައީ އިންޑިއާގެ ނުރުހުން ރާއްޖެ އަށް އަމާޒުވާން ފެށުމެވެ.
ރައީސް ސޯލިހު، ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ދުވަހުން ފެށިގެން ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުން އަލުން ބަދަހި ކުރެއްވުމުގެ މަސައްކަތްޕުޅު ފެއްޓެވިއެވެ.
އެގޮތުން އެމަނިކުފާނު ވެރިކަމުގެ ހުވާކުރެއްވި ދަރުބާރުގައި ބައިވެރިވެ ވަޑައިގަތުމަށް، އިންޑިއާގެ ބޮޑުވަޒީރު މަހެންދުރަ މޯދީއަށް ދެއްވި ދައުވަތު ގަބޫލުފުޅު ކުރައްވާ ރާއްޖެ ވަޑައިގެންނެވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅު ކުރެއްވީ ވެސް އިންޑިއާ އަށެވެ.