ބަންގްލަދޭޝްގައި ބޭއްވި ރޫރަލް (ރަށްފުށުގެ) ކައުންސިލް އިންތިޚާބުގައި އެގައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި ވިހި މީހުން މަރުވެ އެތަށް ބަޔަކުވަނީ ޒަޚަމްވެފައެވެ. މިއާއެކު އިންތިޚާބު އޮޅުން ބޮޅުންވެ ސިޔާސީ ކޯޅުންތަކުގައި ހަތިޔާރު ބޭނުންކުރާ ހިސާބަށް ބަންގްލަދޭޝްގެ ކަންތައްތައްވަނީ ގޮސްފައެވެ.

އިންތިޚާބުގައި މަކަރާއި އޮޅުވާލުމާއި ސަރުކާރުގެ ނުފޫޒު

ބަންގްލަދޭޝްގެ ރޫރަލް އިންތިޚާބުގައި މަކަރާއި އޮޅުވާލުމުގެ ގިނަ އަމަލުތަކެއް ވެރިކަންކުރާ އަވާމީ ލީގުން ހިންގިކަމަށް ތުހުމަތުކުރެވޭއިރު އެޕާޓީއަށް ލިބުނު ލޯކަލް ކައުންސިލްތަކުގެ ގޮނޑިތަކުގެ އަދަދު އަދި ކަށަވަރެއް ނުވެއެވެ. އިދިކޮޅު ޕާޓީތަކުންވަނީ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ސަރުކާރުގެ ޚުދުމުޚްތާރުކަމާއި އިންތިޚާބުތަކަށް ނުފޫޒު ފޯރުވާކަމާއި ދެފުށްފެންނަ ގޮތަށް އިންތިޚާބު ބޭއްވުމުގެ މާހައުލު ނެތްކަމަށްބުނެ ލޯކަލް އިންތިޚާބު ބޮއިކަޓް ކޮށްފައެވެ.

ރޫރަލް އިންތިޚާބުގައި ވޯޓުލުމަށް ނުކުތް އާންމުން (ހަމަނުޖެހުންތަކަށްފަހު ވޯޓު ލާމީހުންގެ އަދަދުވަނީ ވަރަށްބޮޑަށް މަދުވެފައި)

އެންމެ ފަހުން ބަންގްލަދޭޝްގައި ބޭއްވި ޢާންމު އިންތިޚާބު (ޕާލަމެންޓްރީ އިންތިޚާބު) ގައިވެސް އިންތިޚާބުގެ ސައްހަކަން ކަށަވަރު ނުކުރެވޭފަދަ އެތަށް ކަންތައްތަކެއް ހިނގައި އަދި ނުފޫޒުވެސް ހިންގާފައިވާކަމުގެ ތުހުމަތު ޝައިޚް ހަސީނާގެ ސަރުކާރުގެ މައްޗަށްވަނީ ކުރެވިފައެވެ.

ޑިމޮކްރަސީ އާ ބީރައްޓެރި ހުރިހާ މާހައުލެއް ބަންގްލަދޭޝްގައި

ޑިމޮކްރަސީ އާ ބީރައްޓެރި ހުރިހާ މާހައުލެއް ބަންގްލަދޭޝްގައި އެބައޮތެވެ. އޭގެތެރޭގައި މައިއިދިކޮޅު ލީޑަރު ޚާލިދާ ޒިއާ ދިގުމުއްދަތަށް ޖަލަށްލުމާއި ޝައިޚް ހަސީނާއާ ވާދަކުރައްވާނެކަމަށް ބެލެވޭ އިދިކޮޅު ކޮންމެ ލީޑަރެއްގެ ބޮލުގައި ކޮރަޕްޝަންގެ ތުހުމަތުތައް އަޅުވައި އެބޭފުޅުންގެ ސިޔާސީ ކުރިމަގު ބަންދުކުރުންފަދަ ކަންކަން ހިމެނެއެވެ.

ކޮމަންވެލްތް ގެ ދައުރެއް ނެތް

ނަމަވެސް ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރަކީ އިންޑިއާ ވަރަށް ގާތްގުޅުންތަކެއް އޮންނަ ސަރުކާރެއްކަމުން އިންޑިއާގެ ބޮޑު ނުފޫޒެއް އޮންނަ ކަމަށް ބެލެވޭ ކޮމަންވެލްތް ޖަމާއަތުން ބަންގްލަދޭޝްގައި ހިނގާ މިފަދަ އެއްވެސް ކަމެއް ފާހަގަކޮށް އެކަންކަން ކުށްވެރި ނުކުރާކަން އިދިކޮޅުން ފާހަގަ ކުރެއެވެ. އާންމު ގޮތެއްގައި ކޮމަންވެލްތަކީ އެޖަމާއަތުގެ މެންބަރު ގައުމުތަކުގައި މިފަދަ އަމަލުތައް ހިނގާނަމަ އެކަން ކުށްވެރި ކުރާ ޖަމާއަތެކެވެ.

ބަންގްލަދޭޝްގެ އިންތިޚާބު ތެރޭގައި ފުލުހުން ބަޔަކު ފަހައި ދުވަނީ

އަނެއްކޮޅުން ޚުދު އިންޑިއާގައި ޑިމޮކްރަސީއާ ދެކޮޅަށް ހިންގާ އަމަލުތަކާއި މުސްލިމުންގެ އިންސާނީ ހައްގުތަށް ނިގުޅައި ގަތުމަށް ހަރުކަށި ހިންދޫންނާއި އިންޑިއާ ސަރުކާރުން ހިންގާ އަމަލުތައް ކުށްވެރި ކުރުމަށްވެސް އެޖަމާއަތްވަނީ ފަސްޖެހިފައެވެ. ކޮމަންވެލްގެ ޑަބަލް ސްޓޭންޑަޑްތައް މިގޮތަށް ހުރުމުން އިނގިރޭސިވިލާތް އިސްކޮށް އޮންނަ މިޖަމާއަތަށް އިނގިރޭސީންގެ ނުފޫޒަށް ވުރެ ބޮޑަށް މިހާރު ހިނގަނީ އިންޑިއާގެ ނުފޫޒު ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިދިކޮޅުންވަނީ ރޫރަލް ކައުންސިލް އިންތިޚާބު ބައިކަޓް ކޮށްފައި

މި ސަބަބުތައް މިގޮތަށް ހުރުމުން ބަންގަލްދޭޝްގެ އިދިކޮޅުންވަނީ މިފަހަރުގެ ރޫރަލް ކައުންސިލް އިންތިޚާބު ބައިކަޓް ކޮށްފައެވެ. މިއާއެކު ގޮތްނޭންގޭ ބަޔަކުވަނީ އިންތިޚާބަށް ހުރަސްއެޅުމަށް ހަތިޔާރާއެކު ނުކުމެ ވޯޓުލާން ނުކުތް މިހުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތަކެއް ހިންގާފައެވެ. އޭގެތެރޭގައި ބައެއް ސަރަހައްދުތަކުން ވޯޓުލާން ނުކުތް އާންމުންނަށް ބަޑިން ހަމަލާދީ ވިއްސަކަށް މީހުން މަރާލުމާއި އެތަށްބަޔަކު ޒަޚަމްކޮށްލުން ހިމެނެއެވެ.

ހަސީނާގެ ސަރުކާރުން ހަރުކަށި އަމަލުތަކުގެ ޒިންމާ އަޅުވަނީ އިދިކޮޅުގެ ބޮލުގައި

ހަސީނާގެ ސަރުކާރުން މިކަމުގެ ޒިންމާ އަޅުވަނީ އިދިކޮޅު ޕާޓީތަކުގެ ބޮލުގައެވެ. ޚާއްސަކޮށް މައި އިދިކޮޅު ޕާޓީކަމަށްވާ ބަންގްލަދޭޝް ނެޝަނަލް ޕާޓީގެ ބޮލުގައެވެ. ނަމަވެސް މިއީ ކަންކަން ގޯހުން ގޯހަށްދާތާ ގިނައަހަރުތަކެއްވެ ގޯސްކަންކަން އިސްލާހުވާނެކަމުގެ އުންމީދު މުޅިން ގެއްލިގެން ބަޔަކު ހަމައިން ނެއްޓިގެން ހިންގި ޖަރީމާތަކެއްކަމަށް އިދިކޮޅުންވަނީ ސިފަކޮށްފައެވެ.

ޝައިޚް ހަސީނާ

ރޫރަލް އިންތިޚާބުގައި ވޯޓުލަމުން ގެންދަނިކޮށް ހަރުކަށި އަމަލުތަށް ހިނގުމުން ބަންގްލަދޭޝުގެ ރަށްފުށުގެ ގިނަ ސަރަޙައްދުތަކުން ވޯޓުލާން ނުކުމެފައިވަނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވަ މީހުންގެ އަދަދަށް ބަލާއިރު ވަރަށް މަދު އަދަދެއްގެ ބައެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އިންތިޚާބުގައި ވޯޓުލި މީހުންގެ އަދަދާއި އެމީހުންގެ ނިސްބަތް ހާމަކުރުމަށް ބަންގްލަދޭޝްގެ އިންތިޚާބާބެހޭ އިދާރާއިން ވަނީ ފަސްޖެހިފައެވެ. ބަންގްލަދޭޝްގެ ރޫރަލް ކައުންސިލް އިންތިޚާބުގައި 835 ކައުންސިލަށް މެންބަރުން އިންތިޚާބުކުރަންޖެހެއެވެ.

ރޫރަލް އިންތިޚާބުން ހަސީނާގެ ތާއީދު އޮތްމިންވަރު އެނގޭގޮތެއްނުވި

ބަންގްލަދޭޝްގައި ބޭއްވި ރޫރަލް ކައުންސިލް އިންތިޚާބަކީ 2023 ވަނަ އަހަރު އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގެކުރިން ބޮޑުވަޒީރު ޝައިޚް ހަސީނާއަށް ރައްޔިތުންގެ ތާއީދުއޮތް މިންވަރު ދެނެގަތުމަށް ލިބޭނެ ފުރުސަތެއް ނަމަވެސް ހަމަނުޖެހުންތަކާ އަދި އިދިކޮޅުން ރޫރަލް އިންތިޚާބު ބޮއިކަޓް ކުރުމުން ހަސީނާއާމެދު ރައްޔިތުން ދެކޭގޮތް ސާފުނުވާނެ ކަމަށް މުރާސިލުން ވަނީ ސިފަކޮށްފައެވެ.

17 އަހަރުގެ ޖަލު ހުކުމެއްގައި ޖަލުގައި އޮންނެވި އިދިކޮޅު ލީޑަރު ޚާލިދާ ޒިއާ

އަނެއްކޮޅުން ހަމަނުޖެހުން ނުހިނގިި ނަމަވެސް ސަރުކާރުގެ ނުފޫޒު އިންތިޚާބަށް ފޯރުވާނެތީ ހަސީނާއާމެދު ރައްޔިތުން ދެކޭގޮތް ސާފުނުވާނެކަމަށް ވަނީ ބެލެވިފައެވެ.

2008 ވަނައަހަރުން ފެށިގެން މުޅި ބަންގްލަދޭޝް ގައި ހަސީނާގެ ކޮންޓްރޯލްް

2008 ވަނައަހަރުން ފެށިގެން ބަންގްލަދޭޝްގައި ވެރިކަން ކުރައްވަމުން ގެންދަވަނީ ޝައިޚް ހަސީނާއެވެ. އާންމު އިންތިޚާބު މުޅިންވެސް ކާމިޔާބުކުރަނީ ހަސީނާގެ އަވާމީ ލީގް ޕާޓީންނެވެ. އަވާމީ ލީގުން އިންތިޚާބުތައް ކާމިޔާބު ކުރަނީ ވޯޓު އޮލުވާލައިގެންކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. މި ތުހުމަތު ހަސީނާގެ ސަރުކާރުގެ މައްޗަށް ކުރަނީ ހަމައެކަނި އިދިކޮޅަކުން ނޫނެވެ. މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުންވެސް ހަސީނާގެ ސަރުކާރަށް މިތުހުމަތުތައް ކުރެއެވެ.

1991 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ބަންގްލަދޭޝްގައި ބޭއްވި އާންމު އިންތިޚާބުތައް ކާމިޔާބު ކުރަމުން ގެންގޮސްފައިވަނީ ޝޭޚް ހަސީނާ ގެ އަވާމީ ލީގު ޕާޓީންނާއި ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނެޝަނަލް ޕާޓީން ވަރަށް ހަމަހަމަ ގޮތެއްގައެވެ.

ނަމަވެސް 2008 ން ފެށިގެން ބާއްވާ ހުރިހާ އިންތިޚާބުތަކެއް ކާމިޔާބު ކުރަނީ ހަމައެކަނި ޝޭޚް ހަސީނާ ގެ އަވާމީ ލީގު ޕާޓީންނެވެ. އަދި 2018 ވަނައަހަރު ޚާލިދާ ޒިއާ ވަނީ ކޮރަޕްޝަންގެ ކުށް ސާބިތުވިކަމަށް ހުކުމްކޮށް 17 އަހަރަށް ޖަލަށްލާފައެވެ. މިއާއެކު ބަންގްލަދޭޝްގެ އިދިކޮޅު ވަނީ މުޅިން ރޫޅި ވިއްސިވިހާލިވެފައެވެ.