12 Nov 2021, 15:50
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޔޫކޭ ވަކީލު ޖެނިން ކާސްޓީ ބްރިމްލޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފިއެވެ.
މުލިއާގޭގައި ކުރިއަށްދިޔަ މި ބައްދަލުވުން ނިންމަލާލެއްވުމަށް ފަހު ބްރިމްލޯ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހާ ބައްދަލުކުރެއްވީ "މޭ ހަޔެއްގައި ނަޝީދަށާއި ދިވެހި ރައްޔިތުންނަށް ދިން ޓެރަރިސްޓު ހަމަލާ"އާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
ރައީސް ސޯލިހުގެ އިތުރުން ބްރިމްލޯ ވަނީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ އިތުރުން މޭ ހައެއްގެ ކޮމިޓީގެ މެމްބަރުންނާވެސް ބައްދަލު ކުރައްވާފައެވެ.
މޭ ހަޔެއްގެ ހަމަލާގެ ތަހުގީގުގައި ރައީސް ނަޝީދުގެ ފަރާތުން ހުންނަވާ މަންދޫބަކަށް ބްރިމްލޯ އައްޔަން ކުރީ މިދިޔަ އޮގަސްޓު މަހުގައެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ އެ މަގާމުގައި ހުންނަވާ އިރު ބްރިމްލޯގެ މަސައްކަތަކަށް ވާނީ ހަމަލާގެ ތަހުގީގު ހިނގަމުންދާ ގޮތް ބެލުންކަމަށެވެ.
ހަމައެއާއެކު ބްރިމްލޯގެ ތަޖުރިބާ ބޭނުންކޮށްގެން ހަމަލާގެ ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތްވެސް އޭނާ ކުރައްވާނެކަމަށް މަޖިލީހުން ބުންޏެވެ. އަދި ރާއްޖެ އާއި ބައިނަލްއަގްވާމީ ގާނޫނުތަކުގެ އިތުރުން ވަކީލުންގެ އެހީއާއެކު ހަމަލާގެ ބައިވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްވެސް އޭނާ މަސައްކަތް ކުރައްވާނެކަމަށް މަޖިލީހުން ބުންޏެވެ.
ބްރިމްލޯއަކީ އިނގިރޭސިވިލާތުގެ ކުއީންސް ކައުންސެލް (ކިއުސީ)ގެ ލަގަބު އަރުވާފައިވާ އިސް ގާނޫނީ ވަކީލެކެވެ.
ކުއީންސް ކައުންސެލްގެ ލަގަބު އަރުވަނީ ގާނޫނީ ފަންނުގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައި ތިބި, އަދި ގާނޫނީ ފަންނުގައި އެންމެ ތަޖުރިބާކާރު ވަކީލުންނަށެވެ.
މޭ ހަޔެއްގެ ހަމަލާގައި ރައީސް ނަޝީދަށް ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެއްވުމަށް ފަހު، އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންނެވީ އެމަހުގެ 13ގައެވެ. އެއަށްފަހު އިނގިރޭސިވިލާތުގައިވެސް ބޭސްފަރުވާ ކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހުގެ 11 ވަނަ ދުވަހުގައެވެ.