ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހަދައިފައިވާ މިއުޒިކީ ފައްވާރު މިރޭ ހުޅުވަން ތައްޔާރުވެއްޖެއެވެ.

ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިއުޒިކީ ފައްވާރު ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 8:30ގައި ކަމަށެވެ. އަދި އެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވާހަކަ ދައްކަވާނެ ކަމަށެވެ.

އެޗްޑީސީން ތުރުކީގެ ޓާމަކްސް ކުންފުންޏާ ހަވާލުކުރި އެ ފައްވާރުގެ މަސައްކަތް ފެށީ 2016 ވަނަ އަހަރުގައެވެ.

ސެންޓްރަލް ޕާކުގައި ހަދާ މިއުޒިކީ ފައްވާރުގެ 90 ޕަސެންޓު މަސައްކަތް ނިމިފައި -- ފޮޓޯ: އެޗްޑީސީ

އެ ފައްވާރު ހަދާފައި ވަނީ މިއުޒިކާއި ތަފާތު ކުލަތަކުގެ ލައިޓާ އެކު، އެކި ސްޕީޑުގައި ފެން އަރުވާ ގޮތަށެވެ.

ޓާމަކްސްއަކީ ޓްރީޓޮޕް ހޮސްޕިޓަލުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރި އަދި ކިންގް ސަލްމާން މިސްކިތާވެސް ހަވާލުވެފައިވާ ކުންފުންޏެވެ.

ގާތްގަނޑަކަށް އަށް ހެކްޓަރުގެ ބިމެއްގައި އޮންނަ ސެންޓްރަލް ޕާކް ހެދުމަށް އެޗްޑީސީން މަސައްކަތް ފެށީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެ ޕާކުގެ މަސައްކަތް އެއްކޮށް ނުނިމެނީސް، 2015 ވަނަ އަހަރުގެ އޯގަސްޓް މަހު އެތަން ވަނީ ހުޅުވައިފައެވެ.

ސެންޓްރަލް ޕާކު ވަނީ ހަތަރު ޒޯނަކަށް ބަހާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފައުންޓެއިން ޒޯންގެ އިތުރުން ލެޝާ ޒޯން، އިންޓެރެކްޓިވް ޒޯން އަދި ރެކްރިއޭޝަން ޒޯނެކެވެ.