12 Nov 2021, 08:32
އަހަރެމެންގެ ތެރޭގައި އެކި މީހުންގެ ވިސްނުންތައް އެކި ކަންކަމުގައި ވަރަށް ތަފާތެވެ. އެއްބަޔަކު ގަބޫލުކުރާ ގޮތުގައި ކުޑަކުދިން ލައްވާ މަސައްކަތް ކުރުވުމާއި ކުރާ މަސައްކަތުގައި އެކުދިން ބައިވެރިކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެކެވެ. އަނެއްބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ކުޑަކުދިންނަށް ނުހަނު ފައިދާހުރި، އަވަހަށް ކަންކަން ދަސްވާ ކަމެކެވެ.
އެހެންކަމުން ކެއްކުމުގެ މައިދާނުގައި ކުޑަކުދިން ބައިވެރިކުރުމުން ލިބޭ ނަތީޖާއަށް އަލިއަޅުވާލުން މުހިންމެވެ. އެއީ ގިނަ ކުދިން ޝައުގުވެރިވާ ކަމަކަށްވާތީއެވެ.
ކެއްކުމަކީ ގިނަ ސާމާނު ބޭނުންވާނޭ ކަމެކެވެ. އެތަކެއްޗަށް ދެވިފައިވާ ނަންނަން ކުދިންނަށް ކިޔައިދޭނަމަ ކުއްޖާއަށް އެނގޭ ބަސްބަސް އިތުރުވެގެންދާނެއެވެ. އަދި ކާނާ ތައްޔާރުކުރާނޭ ގޮތް ކުއްޖާއަށް ތަރުތީބުން ކިޔައިދޭނަމަ، ކުރާ ކަންތައްތައް އަނެކުންނަށް ކިޔައިދޭން ފަސޭހަވެ، ދިގު ޖުމުލައިން މުއާމަލާތް ކުރަން ކުއްޖާއަށް ދަސްވާނެއެވެ.
މިސާލަކަށް ގޭގައި ބިސްކޯދު ތައްޔާރުކުރާނަމަ، ފުށްގަނޑު ތައްޔާރުކުރުމަށް އެޅޭ ތަކެއްޗާއި ފުށްގަނޑު ދެމުމާއި ތަފާތު ބައްޓަންތަކަށް ފުއްގަނޑު ކެފުން ފަދަ ކަންތައްތަކުން ލިޔުމާއި ކުލަޖެއްސުމާއި ކެފުން ފަދަ ކިޔެވުމުގެ މައިދާނަށް މުހިއްމު ކަންކަން ކުއްޖާއަށް ދަސްވެގެންދެއެވެ. އަދި ހާއްސަކޮށް، ކުއްޖާއަށް އަމިއްލައަށް މި ކަންކަން ކުރަން ދޫކޮށްލުމުން މިކަންކަން އަވަހަށް ދަސްވެއެވެ.
ކެއްކުމަކީ މިނެކިރުމުގެ ބައި ވަރަށް ބޮޑަށް އެކުލެވޭ ކަމެކެވެ. ކޮންމެ އެއްޗެއް ތައްޔާރުކުރާނަމަވެސް ބޭނުންވާ ތަކެތި އެއްކުރަމުން ދާނީ ކަނޑައެޅިފައިވާ މިންގަނޑަކަށެވެ. މިކަންކަން ކުއްޖާއަށް ތަޖުރިބާކުރުމުގެ ފުރުސަތު ދީފިނަމަ ހިސާބު އިލްމަށް ޝައުގު އުފެދޭ ކަމަށްވެއެވެ. އަދި އެކުދިންނަށް އެމާއްދާ ފަސޭހަވެ، ހާއްސަކޮށް ކެނޑުމާއި އެއްކުރުމާއި ގުނަކުރުމާއި ގެއްލުން ފަދަ ކަންކަމަށް ކުއްޖާ މޮޅުވެއެވެ.
ކެއްކުމަކީ ވަރަށް ޝައުގުވެރިކަމާއި ވިސްނުންތެރިކަމާއެކު ކުރެވޭނެ ކަމެކެވެ. އެހެންކަމުން ކެއްކުމުގެ މައިދާނުގައި ކުއްޖާ ބައިވެރިކޮށްފިނަމަ ކަންކަމަށް ސަމާލުކަންދިނުމަށާއި ކަންކަން ދަސްކުރަން ފަސޭހަވެގެން ދެއެވެ. މިކަމުގެ ސަބަބުން ކިޔެވުމަށް ޝައުގުވެރިކަން އުފެދި، ކުލާހުގައި ކިޔެވުމަށް ސަމާލުކަންދިނުމަށް ކުއްޖާއަށް ފަސޭހަވެގެން ދެއެވެ.
ވީމާ، ކުޑަކުދިން ބައިވެރިކޮށް، ކެއްކުމަކީ އެކުދިންގެ ކިޔެވުމުގެ މައިދާނުގައި ކާމިޔާބުވުމަށް ދެވޭނެ ވަރަށް ބޮޑު ހިތްވަރެކެވެ. އަދި ޅައުމުރުގައި ކައްކަން ދަސްކޮށްދެވިއްޖެ ނަމަ ދިރިއުޅުމުގައިވެސް ކުއްޖާ ކާމިޔާބު މީހަކަށް ހެދިދާނެއެވެ. ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން އެނގިގެންދާނެއެވެ. ޒިންމާ ނަގައި، އަނެކާއަށް އެހީތެރިވުމުގެ ރީތި އާދަވެސް އަށަގެންނެވުމަށް ފަސޭހަވެގެން ދާނެއެވެ.