ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ، މއ.ކޮޕީގޭ މުޙައްމަދު ރަޝީދު (ކޮޕީ ރަޝީދު) އަވަހާރަވެއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އުމުރުން 72 އަހަރުގައި އޭނާ އަވަހާރަވެފައިވަނީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން އަންނަނިކޮށެވެ.

އުމުރުން 18 އަހަރުގައި ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ވަދެވަޑައިގެންނެވި ރަޝީދު ވަނީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން 2020 ވަނަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް ހާސިލްކުރައްވައިފައެވެ.

ކޮޕީ ރަޝީދަކީ ދިވެހިބަހާއި އަދަބިއްޔާތަށް، ޚާއްޞަކޮށް ޅެންވެރިކަމުގެ ރޮނގުން ވަރަށްގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ދިވެހި ޅެން ހެދުމުގެ ރޮނގުން 2005 ވަނަ އަހަރު މުޙައްމަދު ރަޝީދަށް ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ނޫސްވެރިކަމުގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ކޮޕީ ރަޝީދު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑު 2018 ވަނަ އަހަރު ކާމިޔާބުކުރައްވައިފައެވެ.

މުޙައްމަދު ރަޝީދު، ތައުލީމީ ދާއިރާއަށް ކޮށްދެއްވައިފައިވާ ހިދުމަތްތަކަކީވެސް ފާހަގަކޮށްލެވޭ ހިދުމަތްތަކެކެވެ. މިގޮތުން، މާލޭގެ ވަރަށްގިނަ ސްކޫލް މަދަރުސާތަކުގައި މުދައްރިސެއްގެ ގޮތުން ހިދުމަތް ކުރެއްވިއިރު، މާއްދާއެއްގެ ގޮތުގައި ދިވެހިބަސް ކިޔަވައިދެއްވައިފައި ވެއެވެ.

އޭނާއަކީ ތާނަ ޢަރަބި ލިޔުމުގެ ރޮނގުންވެސް ވަރަށް މަޝްހޫރު ބޭފުޅެކެވެ. ހާއްސަކޮށް، ބޮޑުއަކުރު ލިޔުއްވުމަކީ، މުޙައްމަދު ރަޝީދުގެ ހާއްސަ ފަންނެކެވެ. ދިވެހި ބޮޑު އަކުރު ލިޔަން ދަސްކޮށްދޭ ގިނަ ކޯސްތަކެއް ރަޝީދުވަނީ ހިންގަވައިދެއްވައިފައެވެ. ތާނަ އަރަބި ލިޔުމުގެ ރޮނގުން 1988 ވަނަ އަހަރު މުޙައްމަދު ރަޝީދަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

މުހައްމަދު ރަޝީދަކީ، 32 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށްވެސް ހިދުމަތް ކުރައްވައިފައިވާ އަދި ތަފާތު މަގާމުތައް ފުރުއްވައިފައިވާ ބޭފުޅެކެވެ. ފުރުއްވައިފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި، ބ.އަތޮޅު އަތޮޅުވެރިކަމާއި، ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެސިސްޓެންޓް ޓު ދަ ޑިރެކްޓަރުކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފޮތް ޗާޕްކުރާ ބައިގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި، ޑިރެކްޓަރުކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރުކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމުވެސް ވަނީ ފުރުއްވައިފައެވެ.