11 Nov 2021, 22:04
ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން ރާއްޖެއިން އިތުރު 109 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަލަށްނެގި 2,907 ސާމްޕަލްގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ 20 މީހުންނެވެ.
އަތޮޅު ތެރޭގެ ރަށްރަށުން ޕޮޒިޓިވް ވެފައިވަނީ 79 މީހުންނެވެ. އަދި ރިސޯޓުތަކުން މުޅިއެކު 10 މީހުން ޕޮޒިޓިވް ވެފައިވާކަމަށް ވެސް އެޗްޕީއޭގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.
މި ބަލީގައި 14 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 89،364 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދާ ހަމަައަށް 87،017 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މިހާރު ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދަކީ 2،091އެވެ. މިއަދު މަރުވި މީހާއާއެކު، މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 247އަށް އަރާފައެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ރޭ ދަންވަރު 01:33ގައި ހާލު ދެރަވެގެން އައްޑޫ ކޮވިޑް މެނޭޖްމަންޓު ފެސިލިޓީއިން މާލެ ގެނައި ބަލި މީހަކު މަރުވެފައިވާ ކަމަށެވެ.
މަރުވެފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި ފިިރިހެނެކެވެ.
މިއީ މިމަހުގެ ފަސް ވަނަ ކޮވިޑް މަރެވެ. އެންމެ ފަހުން ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވެފައިވަނީ 84 އަހަރުގެ ފިރިހެނެކެވެ. އެމީހާ މަރުވީ މިދިޔަ އަންގާރަ ދުވަހުއެވެ.