11 Nov 2021, 22:23
ފުވައްމުލައް ސިޓީގެ ގެއެއްގެ އެޕާޓްމެންޓުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ދެ ލައްކަ ރުފިޔާގެ ގެއްލުންވާނެ ކަމަށް އެ ގޭގެ ވެރިފަރާތުން ބުނެފިއެވެ.
އަލިފާނުގެ ހާދިސާ ހިނގައިފައިވަނީ ފުވައްމުލަކު، ހޯދަނޑު އަވަށު، "ވަނަވަރު" ކިޔާ ގެއެއްގައި އެއް ކޮޓަރިއާ ބަދިގެއަކާއެކު ވަކިން ހަދާފައިވާ އެޕާޓްމެންޓެއްގައެވެ.

ފުވައްމުލަކު، ވަނަވަރު ގޭގައި އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމެންޓުގެ ބޭރު --
އަލިފާން ރޯވިއިރު އެ އެޕާޓްމެންޓް ކުއްޔަށް ހިފައިގެން އުޅެނީ ފުވައްމުލަކު ސުކޫލްގައި ކިޔަވައިދޭން އުޅޭ އިންޑިއާ ޓީޗަރެކެވެ.
ވަނަވަރު ގޭގެ ވެރިފަރާތް ކަމުގައިވާ ހާލިދު އިބްރާހީމް "ސަން"އަށް މައުލޫމާތު ދެމުން ބުނީ އަލިފާނުގެ ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް ކޮޓަރި އަނދާ ހުލިވެފައިވާ ކަމަށެވެ. އޭނާ ބުނީ އެއީ ވަރަށް ފަހުން ހަދައިފައިވާ ވަރަށް ފެންވަރު ރަނގަޅު އެޕާޓްމެންޓެއް ކަމަށެވެ.
"ފާރުގަ ޖަހާފައިހުރި ސިމެންތިތައް ހުރީ އެއްކޮށް ނެއްޓިފަ. ސީލިން ވަނީ އަނދާފަ. ކޮޓަރީގަ ހުރި ދެ އެނދާއި އަލަމާރި ވެސް ހުރީ އަނދާފަ. ޓައިލްސްތައް ހުރީ ހަލާކުވެފަ. 20 ހާސް ރުފިޔާގެ ލެޕްޓޮޕް ވަނީ ހަލާކުވެފަ. ޓީޗަރު ގެންގުޅޭ ފޮށިތައް ވެސް ހުރީ ހަލާކުވެފަ. ލާން ގެންގުޅޭ އަންނައުނުތައް ވެސް ވަނީ އަނދާފަ،" ހާލިދު ބުންޏެވެ.

ފުވައްމުލަކު، ވަނަވަރު ގޭގައި އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމެންޓުގެ އެތެރެ -- ފޮޓޯ/ ގޭގެ ވެރި ފަރާތް
އޭނާ ބުނީ އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުމުގެ އަސްލު އަދަދު ޔަގީންކަމާއެކު ބުނަން އަދި އަވަސް ކަމަށާއި އެކަންކަން ބަލަމުން އަންނަ ކަމަށެވެ.
"ކޮޓަރި އަލުން ހެދުމަށާއި ހާދިސާގައި އަނދައިގެން ދިޔަ ހުރިހާ އެއްޗެއްސަށް އަގުކުރާއިރު ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާއަށްވުރެ މަތީގަ އުޅޭނީ. އެރައުންޑް ޓޫ ލައްކައަށްވުރެ މަތީގަ މި ގެއްލުން އުޅޭނީ،" ހާލިދު ބުންޏެވެ.
މި ހާދިސާގެ އިތުރުން މިއަދު ވަނީ މާލޭގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އަލިފާން ރޯވީ ގ. ނޫވިލު ގޭގެ އެއްވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައެވެ. އަލިފާން ނިއްވާ ލެވުނުއިރު އެޕާޓްމެންޓަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.