03 Mar 2012, 18:55
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔައީ ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި ބަޣާވާތަކުން ކަމަށް ރައީސް ނަޝީދުއާ އެމްޑީޕީން މެންބަރުން ކުރައްވަމުން ގެންދަވާ ތުހުމަތުތައް ސާބިތުކޮށްދެވޭނެ އެންމެހާ އެކިތަކާއި އެކަމުގައި ފުލުހުންނާއި ސިފައިން ރިޝްވަތް ހިފިކަމަށް ބުނެ ދައްކާ ވާހަކަތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްދިނުމަށް އެދި ޖަމިއްޔަތުއް ސަލަފުން އެމްޑީޕީއަށް ސިޓީއެއް ފޮނުވައިފި އެވެ.
އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީއަށް އެޑްރެސްކޮށް، ސަލަފް ޖަމިއްޔާއިން ފޮނުވި ސިޓީއެއްގައި ބުނަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ގޮސްފައިވާ ގޮތާ މެދު އެމަނިކުފާނާއި އެމްޑީޕީގެ މެންބަރުން ތުހުމަތުކުރައްވަމުން ގެންދަވާ ކަންތައްތަކާއި އެ ތުހުމަތުތައް ސާބިތުކޮށްދެވޭނެ ވަރުގެ ހެކިތައް ހުރި ކަމަށް ތަކުރާރުކޮށް އެކިއެކި ފޯޑިއަމްތަކުގައި ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އަދި ވެރިކަން ބަދަލުކުރީ ފައިސާގެ ދަހިވެތިކަމުގައި ސިފައިންނާއި ފުލުހުން ކަމަށާއި އެކަމުގެ ހެކިތައް ހުރި ކަމަށް އެބޭފުޅުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާއިރު ތުހުމަތުތަކަށް 20 ދުވަސް ވެގެން ދިޔައިރު ވެސް އެއްވެސް އެފަދަ ހެއްކެއް ދެއްކިފައިނުވާކަން ފާހަގަކުރެވޭ ކަމަށެވެ.
އަދި މިފަދަ ވާހަތަކެއްގެ ސަބަބުން ގައުމަށް އައިސްފައިނުވާ ބީރަށްޓެހިކަމާ، ދެބަސްވުންތަކާ ތުހުމަތުތައް މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ ތެރޭ ފެތުރެމުން ދިއުމުގެ ސަބަބުން ގައުމަށް އަރައި ނުގަނޭވޭ ނާމާން ކަމެއްގެ ތެރެއަށް ވެއްޓުމުގެ ކުރީން އެކަމަށް ހެއްލެއް ގައުމަށް މަސައްކަތް ކުރުމަކީ އެ ޖަމިއްޔާގެ މައްޗަށް ވެސް ލާޒިމް ކަމެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވާ ފަދަދައިން މިއީ ބަޣާވާތަކުން އުފެދިފައިވާ ސަރުކާރެއްތޯ ނުވަތަ ނޫންތޯ އާއި ފުލުހުންނާއި ސިފައިންގެ މައްޗަށް ކުރަމުން ގެންދާ ފައިސާގެ ތުހުމަތުތަކަކީ ހަގީގަތެއްތޯ ނުވަތަ ނޫންތޯ ބަލައި، އެކަމުގެ ސަލަފްގެ ރައުޔަކީ ކޮބައިތޯ ބެލުމަށް ގިނަ ބަޔަކު އެދެމުންދާ ކަމަށާއި އެކަމުގެ ހަގީގަތް ހޯދާ ބެލުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކޭ ކަމަށްވެސް އެ ސިޓީގައިވެ އެވެ.
އަދި ވެރިކަން ބަދަލުވެގެން ދިޔަ ގޮތާމެދު ރައީސް ނަޝީދުގެ ކުރައްވަމުން ގެންދަވާ ތުހުމަތުތަކާއި ސިފައިންނާއި ފުލުހުންގެ މައްޗަށް އެމްޑީޕީން ކުރަމުން ގެންދާ ތުހުމަތަކުގެ ބަޔާންތަކާއި އެ މައްސަލާގެ ހަގީގަތް ތާރީހާއި ރައްޔިތުންނަށްޓަކައި ހާމަކުރުމަށް ބޭނުންވާ ހުރިހާ ހެއްކެއް ސަލަފާ ހިއްސާކޮށްދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
" މިއަދު ޕާޓީގެ އެންމެ އިސް ފަރާތް ކަމުގައި ހުންނަވަމުން، ރައްޔިތުންނާ ހަމަޔަށް ތެދާއި އަމާނާތް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި އިހްމާލްވެއްޖެ ނަމަ ފަހުން އިކަން އިޔާދަ ނުކުރެއްވޭނެކަމާއި އެކަމާ ހިތާމަކުރައްވަން ޖެހިވަޑައިގެންފާނެ ކަން ވެސް ހަނދާންކޮށް އަރުވަމެވެ،" އެސީޓީގައިވެ އެވެ.
މިކަމާ ގުޅިގެން ޑރ. ޑީޑީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.