16 Nov 2021, 10:48
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފަށާއިރަށް، ބުރިޖުގެ ޓްރެފިކު ފްލޯއަށް ބަދަލުތަކެއް ގެނައުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބޮޑު އާބާދީއެއް ދިރިއުޅުން ބަދަލުވާއިރު، ހިޔާ މަޝްރޫއުއާއެކު އެ ސަރަހައްދަށް ގާތްގަނޑަކަށް 30،000 މީހުން ބަދަލުވާނެ ކަމަށް އެޗްޑީސީން ލަފާކުރެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވަނީ 25 ބުރީގެ 16 ޓަވަރެވެ.
ބުރިޖުގެ ޓްރެފިކަށް ގެންނަ ބަދަލުތަކާ ބެހޭގޮތުން ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުގެ ހެޑް، ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސެއިން ސަމީރު "ސަން"އަށް ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާއިރަށް، ބުރިޖުގެ ޓްރެފިކް ފްލޯއަށް ގެންނަންޖެހޭ ބަދަލުތަކާ ބެހޭ ގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރަން ފަށާފައިވާ ކަމަށެވެ.
ސަމީރު ވިދާޅުވީ ބުރިޖުގައި ހަރުކޮށްފައި ހުރި ލައިޓްތަކަކީ އެންމެ އެކަށީގެންވާ ގޮތެއްގައި ޓްރެފިކް ފްލޯ ދައުރު ކުރެވޭ ގޮތަށް ހަރުކޮށްފައި ހުރި ލައިޓްތަކެއް ނޫން ކަމަށެވެ. އެހެންކަމުން ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި މަޝްވަރާކޮށް، އެ ލައިޓްތައް ބަދަލު ކުރުމުގެ މަސައްކަތްތަކެއް އެ މިނިސްޓްރީތަކުން ކުރަމުން އެބަ ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ބްރިޖުގަ ހަރުކުރެވިފަ ހުރި ލައިޓް ތަކަކީ އެންމެ އެކަށީގެންވާ ގޮތަށް ޓްރެފިކް ފްލޯ ދައުރު ކުރެވޭ ގޮތަށް ހަރުކޮށްފަ ހުރި ލައިޓްތަކެއް ނޫން. އެހެންވީމަ ދައުލަތުގެ މުއައްސަސާތަކުގެ މެދުގަ މަޝްވަރާ ކުރެވި އެ ލައިޓްތައް ބަދަލު ކުރުމުގެ މަސައްކަތްތަކެއް އެ މިނިސްޓްރީތަކުން ކުރަމުން އެބަ ގެންދޭ،" ސަމީރު ވިދާޅުވިއެވެ.
އެ ލައިޓްތައް ހަރުކުރުމުގެ މަސައްކަތް ޓެންޑާ މަރުހަލާގައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ލައިޓްތަކުގެ އިތުރުން، ޓްރެފިކް ފްލޯއަށް ގެންނަންޖެހޭ އެހެނިހެން ބަދަލު ތަކުގެ ދިރާސާއެއް ކުރުމަށްފަހު، ކަމާބެހޭ އިދާރާ ތަކަށް މިހާރު ފޮނުވާފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އެ ލައިޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ރައްޔިތުންނަށް އޭގެ ފަސޭހަތައް ލިބޭނެ ކަމަށެވެ.
"މިހާރު އޮންނަ ގޮތުން އެ އިންނަ ލޭނެއް އެއްކޮށް އެބަ ބަދަލުވޭ. އެހެންވީމަ ސީކުއެންސަށް ބަދަލެއް ގެނެވިއްޖެ ނަމަ މާލެ، ހުޅުމާލެ، އަދި ހުޅުމާލެ، މާލެ މި ލޭނަށް އިތުރަށް ވަގުތު ދީގެން އެ މަގު ކްލިއާ ކުރުމަށް އިތުރު ފުރުސަތުތަކެއް ލިބޭނެ. އެހެންވީމަ އެ ސީކުއެންސާ އެކީ މަޝްވަރާ ކުރަންޖެހޭ އެހެނިހެން ދާއިރާތަކާއެކު މަޝްވަރާ ކޮށްފަ މިހާރު އެކަން ޓެންޑާ ކޮށްފައިވާ ކަމަށް އަޅުގަނޑަށް އެންމެ ފަހުން މައުލޫމާތު ލިބުނީ،" ސަމީރު ވިދާޅުވިއެވެ.
ފުލުހުންގެ އިތުރުން އެޗްޑީސީން ވެސް އަންނަނީ ބުރިޖުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުގެ މަޝްވަރާތައް ކުރަމުންނެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އޮތް އެންމެބޮޑު އާބާދީ ބަދަލުވާނީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ކަމުގައި ބެލެވޭ ކަމަށާއި އެހެންކަމުން ކަމާ ގުޅުންހުރި ފަރާތްތަކާއެކު އެކަމުގެ މަޝްވަރާތައް މިހާރު ފަށާފައިވާ ކަމަށެވެ.
މަޝާރު ވިދާޅުވީ މިހާރު ކުރަމުން އަންނަ މަޝްވަރާތަކަށްފަހު، ޓްރެފިކް ފްލޯ ގެންގުޅޭނީ ކިހިނެއް ކަމާއި ބައެއް މަގުތަކަށް ގެންނާނީ ކޮންކަހަލަ ބަދަލުތަކެއްކަން ސާފު ވާނެ ކަމަށެވެ.
"މި އިޝޫއަށް އަޅުގަނޑުމެން އެޓެންޑް ކުރަން ވެގެން ފުލުހުންނާއި ބަހުގެ ހިދުމަތްދޭ އެމްޓީސީސީ އާ މަޝްވަރާ ކުރާނަން. އެއީ ބަހުގެ ރޫޓް ތަކަށް ވެސް ބަދަލެއް ގެންނަން ޖެހޭނެތޯ ބަލައި މި ހުރިހާ ކަމެއްގެ މަޝްވަރާތައް މިހާރު ކުރަމުން މި އަންނަނީ،" މަޝާރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާލެ/ހުޅުމާލެ ބުރިޖަކީ މިހާރު ވެސް ބާރުބޮޑުވާ ސަރަހައްދެއް ކަމަށާއި، އެހެންކަމުން ހިޔާ ފްލެޓް ތަކަށް މީހުން ބަދަލުވެ ނިމެންވާ އިރަށް، ބްރިޖުގެ ޓްރެފިކް ފްލޯއަށް ވެސް ބަދަލުތައް ގެންނާނެ ކަމަށެވެ.