11 Nov 2021, 14:23
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އިންޑިއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން ކެމްޕޭނެއް ފަށައިފިއެވެ.
އިންޑިއާގެ އޮންލައިން ޓްރެވަލް އޭޖެންސީ ޔާޓްރާއާއި ގޯ ފަސްޓް އެއާލައިނާ ގުޅިގެން ފެށި އެ ކެމްޕޭން ކުރިއަށް ގެންދަނީ ތިން މަހުގެ މުއްދަތަކަށެވެ.
މި ކެމްޕޭނުގެ މަގްސަދަކީ އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރަށް ވުރެ ވެސް އިތުރުކޮށް، ކޮވިޑް-19 ޕެންޑެމިކްގެ ކުރިން އިންޑިއާ މާކެޓަށް ކަނޑައަޅާފައިވާ ޓާގެޓުތައް ހާސިލު ކުރުން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ފުޅާ ކުރުމުގައި އިންޑިއާއަކީ މުހިންމު ސޯސް މާކެޓެއް ކަމަށެވެ.
"މި ކެމްޕޭނާއެކު ބުކިންތައް އިތުރުވެ، އެރައިވަލްސްގެ އަދަދުތައް ކުރިއަށް އޮތް ތަނުގައި އިތުރުވާނެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރަން ހުރިހާ ރިސޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑްތަކުގައި ވާނީ ފިޔަވަޅުތަކެއް އަޅާފައި،" ތޮއްޔިބު ވިދާޅުވިއެވެ.
ޔާޓްރާގެ ސީނިއާ ވައިސް ޕްރެސިޑެންޓް އަދި ބިޒްނަސް ހެޑް - ހޮލިޑޭސް، މާޔޫރު އޮބްރޯއީ ވިދާޅުވީ މި ކެމްޕޭންގެ ދަށުން އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ޔާޓްރާގެ ހުރިހާ ކޮމިއުނިކޭޝަން ޗެނަލްތައް ބޭނުން ކުރާނެ ކަމަށެވެ.
އެގޮތުން މި ކެމްޕޭނުގައި ޔާޓްރާއާއި ގޯ ފަސްޓްގެ އޮންލައިން އަދި ފިޒިކަލް ޕްލެޓްފޯމުތަކުގައި ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރަން ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރާނެއެވެ.
އެ އިޝްތިހާރުތަކުގެ ޒަރިއްޔާއިން 5.8 މިލިއަން އިމްޕްރެޝަންސް އުފައްދައި، އިންޑިއާ މާކެޓުން 7،383 ބުކިން ކަށަވަރު ކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ.
ޔާޓްރާއަކީ އިންޑިއާގެ އެންމެ ފެންވަރު ރަނގަޅު އެއް ކޯޕަރޭޓް ޓްރެވަލް ސާވިސް ޕްރޮވައިޑާއެވެ. އެ ކުންފުނީގެ ކަސްޓަމާ ބޭސްގައި 800 ކޯޕަރޭޓް ކަސްޓަމަރުން ހިމެނެއެވެ.
އިންޑިއާއަކީ އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. ހުސްވި އޮކްޓޫބަރު މަހުގެ ނިޔަލަށް މިއަހަރު ރާއްޖެއަށް 1،011،122 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، އޭގެ ތެރެއިން 228،297 ފަތުރުވެރިން ނިސްބަތް ވަނީ އިންޑިއާއަށެވެ.