03 Mar 2012, 18:41
އދ. މަޖިލިސް (މާޗް 3) : އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އޭނާގެ ނައިބު ކަމުގެ މަޤާމަށް ބައިނަލްއަޤްވާމީ ޑިޕްލޮމަސީގެ ތަޖްރިބާކާރެއް ކަމަށްވާ ސްވިޑްންގެ ކުރީގެ ޚާރިޖީވަޒީރު ޖޭން އިލްޔާސަން (ފޮޓޯގައި) ޢައްޔަންކުރައްވައިފި އެވެ.
އިލްޔާސަން މަޤާމާ ރަސްމީކޮށް ޙަވާލުވެވަޑައިގަންނަވާނީ އަންނަ ޖުލައިމަހުގެ ކުރީކޮޅުގައެވެ. ބާންކީމޫންގެ ނައިބުގެ މަޤާމުގައި މިހާރު ހުންނެވީ ޓެންޒެނިޔާގެ ކުރީގެ ޚާރިޖީ ވަޒީރާއެއް ކަމަށްވާ އީޝާ ރޯޒް މެގްރޫ އެވެ. އެކަމަނާގެ މަޤާމުގެ ކޮންޓްރަކްޓް ހަމަވާނީ ޖޫން މަސް ނިމޭހިސާބުގައެވެ. މަޤާމުގެ މުއްދަތު ހަމަވުމަށްފަހު އެކަމަނާ އެނބުރި ވަޑައިގަންނަވާނީ އުފަން ޤައުމުކަމަށްވާ ޓެންޒެނިޔާއަށެވެ.
ބާންކީ މޫންގެ ނައިބު ކަމުގެ މަޤާމަށް އަލަށް ޢައްޔަންކުރި އިލްޔާސަން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ 1940 ވަނަ އަހަރު ސްވިޑްން ގައެވެ. އޭނާ ފުރަތަމަ ޑިގްރީ ޙާސިލްކުރެއްވީ ސްވިޑިޝް ނޭވަލް އެކަޑަމީން 1962 ވަނަ އަހަރުއެވެ. އެއަށްފަހު 1965 ގައި އިޤްތިސާދުގެ ދާއިރާއިން އޭނާ މާސްޓާސް ޑިގްރީ ޙާސިލް ކުރެއްވިއެވެ.
އިލްޔާސަންއަކީ އދ. ން އެކިޤައުމުތަކަށް ފޮނުވާ މިޝަންތަކުގެ އިސްވެރިއެއްގެ ގޮތުން ޙަރަކާތްތެރިވެ ވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި އދ. ގެ ސެކްރެޓަރީ ޖެނެރަލް ގެ އިންސާނީ އެހީގެ ކަންތައްތަކާބެހޭ ވަކީލު ކަމުގެ މަޤާމު 1992 ން 1994 ށް ކުރައްވާފައިވެއެވެ.
މީގެއިތުރުން އިލްޔާސަން، އދ. ގެ ޖެނެރަލް އެސެމްބްލީގެ 60 ވަނަ ސެޝަންގެ ރައީސްކަންވެސް 2005 ވަނަ އަހަރު ކުރައްވާފައިވެއެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު ކަމަށް އިލްޔާސަން ޢައްޔަން ކުރެއްވިއިރު ހުންނެވީ ސޫދާނުގެ ދާރުފޫރު ގެ މައްސަލަޙައްލުކުރުމުގައި އެހީތެރިވުމަށް އދ.ން ކަނޑައަޅާފައިވާ ޚާއްސަ މަންދޫބު ކަމުގެ މަޤާމުގައެވެ.
އިލްޔާސަން ސްވިޑްންގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމު ލިބިވަޑައިގެންފައިވަނީ 2006 ވަނަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. -- ނޫސްއެޖެންސީތައް