11 Nov 2021, 16:21
ފ. ނިލަންދޫގައި ފުލުހަކު ދުއްވި ސައިކަލަކުން ޖެހި އަނިޔާވި 53 އަހަރުގެ އަންހެނަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު ފުލުހަކު ދުއްވާފައި ދިޔަ ސައިކަލަކުން، ހިނގާފައި ދިޔަ ދެމީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ. އަދި އެ ހާދިސާ ހިނގީ ނިލަންދޫ މިރިހިމަގާ މުންވަރު މަގު ގުޅޭ ހިސާބުގައި ކަމަށެވެ.
"ޕޮލިސް ކުއްޖާ އަތުން އާއްމުންގެ ދެމީހެއްގެ ގައިގައި ޖެހިގެން، އެކަކު އެމެޖެންސީގަ މާލެ ގެންގޮސްފި،" އަލީ ވިދާޅުވިއެވެ.
އެ ހާދިސާ ހިނގި ވަގުތު ފުލުސްމީހާ ހުރީ ޔުނިފޯމްގައި ކަމަށާއި އޭނާއަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށް އަލީ ވިދާޅުވިއެވެ.
އަލީ ވިދާޅުވީ ސައިކަލުން ޖެހުނު މީހުންގެ ތެރެއިން އެކަކަށް ލިބިފައި ވަނީ ކުދި އަނިޔާތަކެއް ކަމަށެވެ. އަދި އެ މީހާއަށް ރަށު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
ނަމަވެސް ސައިކަލުން ޖެހުނު ދެވަނަ މީހާގެ ބޮލަށް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އޭނާއަށް ރަށު ހޮސްޕިޓަލުން ފަރުވާ ދެވެން ނެތް ކަމަށް އަލީ ވިދާޅުވިއެވެ.
"[އަންހެން މީހާ] ވެއްޓި ބޮލަށް ގެއްލުންވެފަ ހުރީމަ އާއި ބޮލުގެ ދަށްފަރާތަށް ވަރަށް ބޮޑަށް ގެއްލުން ލިބި، ވަރަށް ބޮޑަށް ދުޅަވެފަ ހުރީމަ. ދެން ހަމަޖެހޭ ވާހަކަތަކެއް ވެސް ނުދައްކާތީ ޑޮކްޓަރު ވަގުތުން ރިފާކުރީ މާލެ ފޮނުވަން،" އަލީ ވިދާޅުވިއެވެ.
އެހެންކަމުން މެންދުރުފަހު ތިނެއް ޖަހަން ކައިރިވެފައި ވަނިކޮށް އެ އަންހެން މީހާ ސީއެމްބިއުލާންސްގައި މާލެ ފޮނުވާފައިވާ ކަމަށް އަލީ ވިދާޅުވިއެވެ.