11 Nov 2021, 14:35
ލަންޑަން (ނޮވެމްބަރު 11) : މިގަރުނު ނިމޭ ހިސާބަށްދާއިރު ދުނިޔޭގެ ހޫނުމިން އިތުރު 2.4 ޑިގްރީ ސެލްސިއަސް މައްޗަށް ދާނެ ކަމަށާއި ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރިނަމަވެސް ދުނިޔޭގެ ހޫނުމިން މައްޗަށްދާވަރު ކޮންޓްރޯލް ނުކުރެވޭނެކަމަށް އަލަށް ޝާއިއުކުރި އިލްމީ ދިރާސާއެއް ބުނެފިއެވެ.
ތިމާވެއްޓާބެހޭ އިލްމީ ދިރާސާތައްކުރާ ޖަމްއިއްޔާ އެއްކަމަށްވާ "ކްލައިމެޓް އެކްޝަން ޓްރެކާ" އިން ޝާއިއުކުރި ދިރާސާއެއްގައިވާގޮތުން ދުނިޔޭގެ ޖައްވުގައި ހުރި ކާބަން ގޭސްތަކުގެ މިންވަރަށް ބަލާއިރު އެ ގޭސްތައް ޖައްވަށް އަރާމިންވަރު 2030 ވަނަ އަހަރުގެ ކުރިން ކޮންވެސް ވަރަކަށް މަދުކުރެވުނު ނަމަވެސް މިގަރުނު ނިމޭ ހިސާބަށްދާއިރު ދުނިޔޭގެ ހޫނުމިން އިތުރު 2.4 ޑިގްރީ ސެލްސިއަސް މައްޗަށް ދިޔަ ނުދީ ނުހިފެހެއްޓޭނެއެވެ.

ކަބަން ގޭސްތަކުން ގްރީން ހައުސްގެ އަސަރުު ދުނިޔެއަށް ކުރާގޮތް
ދުނިޔޭގެ ޖައްވު ހޫނުވާމިންވަރު ކޮންޓްރޯލް ނުކުރެވޭނެ އެންމެ ބޮޑު ސަބަބަކީ ކާބަންގޭސްތައް މަދުކުރުމަށް ދުނިޔޭގެ ތިމާވެއްޓާބެހޭ ސަމިޓް "ކޮޕް26" ގައި ގައުމުތަކުން އެއްބަސްވުމަކަށް އައިނަމަވެސް ދުނިޔޭގެ ހަކަތައިގެ ދާއިރާގެ ތިންބައިކުޅަ ދެބައި އަދިވެސް އޮތީ ފޮސިލް ފިއުލްއަށް ބަރޯސާވާގޮތަށް ކަމަށްވާތީ ކާބަންގޭސްތައް މަދުކުރުމަށް "ކޮޕް26" ގައި ވައުދުތައް ނުފުއްދޭނެކަން ގާތްގަނޑަކަށް ކަށަވަރުވާތީއެވެ.
ކޮންމެވެސް ވަރަކަށް ކާބަން ގޭސްތައް މަދުކޮށްލައިގެން ދުނިޔޭގެ ހޫނުމިން އިތުރު ދެ ޑިގްރީ ސެލްސިއަސް މައްޗަށް ދިޔަނުދީ ނުހިފެހެއްޓޭނެކަމަށާ މިގަރުނު ނިމޭ ހިސާބަށް އެމަގްސަދު ހާސިލްކުރެވުނަސް އެކަން ކުރެވޭނީ 2030 އަށް ދާއިރު ކާބަންގޭސްތައް ޖައްވަށް އަރާމިންވަރު ގާތްގަނޑަކަށް 90 އިންސައްތައަށް މަދުކުރެވި އަދި 2050 ވަނައަހަރާ ހަމައަށްދާއިރު ނެޓް ޒީރޯއަށް ގޭސްތައް ބޭރުކުރާ މިންވަރު ގެނަސް ގޭސްތައް މުޅިން ހުއްޓުމަކަށް ގެނަސްގެންކަމަށް "ކްލައިމެޓް އެކްޝަން ޓްރެކާ" އިން ޝާއިއުކުރި ރިޕޯޓް ބުނެއެވެ.

ބާރުގަދަ ތޫފާންތައް
އދ. ގެ ތިމާވެއްޓާބެހޭ ޕްރޮގްރާމް "ޔުނެޕް" އިން ވަނީ މިގަރުނުގެ ފަހުކޮޅާ ހަމައަށް ދާއިރު ދުނިޔޭގެ ހޫނުމިން އިތުރު 2.7 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ދާނެ ކަމަށް ލަފާކޮށް ދާދިފަހުން ދިރާސާ ރިޕޯޓެއް ޝާއިއު ކޮށްފައެވެ. ޔުނައިޓެޑް ނޭޝަންސް އެންވައިރަންމެންޓް ޕްރޮގްރާމް (ޔުނެޕް) އިން ނެރުނު ރިޕޯޓް ބުނާގޮތުން ދުނިޔޭގެ ޖައްވު ހޫނުކުރާ ކާބަން ގޭސްތައް ޖައްވުގެ ތެރެއަށް ބޭރުވާ މިންވަރު ކޮންޓްރޯލް ކުރުމަށް ގައުމުތަކުން އެއްބަސްވެފައިވާ ގޮތަށް އެކަން ނުކުރެވެއެވެ. އަދި ކުރިޔަށްއޮތްތާނގައިވެސް އެކަމުގެ އުންމީދު ކުޑައެވެ. އެހެންކަމުން މިގަރުނުގެ ފަހުކޮޅާ ހަމައަށް ދާއިރު ދުނިޔޭގެ ހޫނުމިން އިތުރު 2.7 ޑިގްރީ ސެލްސިއަސް މައްޗަށް ދާނެއެވެ.
އދ. ގެ އަމާޒަކީ މިގަރުނު ނިމޭ ހިސާބަށްދާއިރު ދުނިޔޭގެ ހޫނުމިން އިތުރު ދެ ޑިގްރީ ސެލްސިއަސް އާ ހަމައަށް މައްޗަށް ދިޔުން ހުއްޓުވައި އެންމެ މަތިވެގެންވެސް 1.5 ޑިގްރީ ސެލްސިއަސްގައި ހޫނުމިން ހިފެހެއްޓުމެވެ. "ކޮޕް26" ސަމިޓްގެ ބައްދަލުވުންތަކުގެ އަމާޒަކީވެސް މިއެވެ. އަމާޒު މިގޮތަށް ހުރެފައި އެއްބަސްވުންތަކެއްގައި ސޮއިކުރިނަމަވެސް އެގޮތަށް އަމަލުކުރެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއްނެތެވެ.

ހަނަފަސްކަން
މިހާތަނަށް ތިމާވެއްޓާބެހޭގޮތުން ކަނޑައެޅި އެއްވެސް ލަނޑުދަނޑިއެއް އޭގެ ވަގުތުގައި ހާސިލް ކުރެވިފައެއް ނުވެއެވެ. "ކްލައިމެޓް އެކްޝަން ޓްރެކާ" ބުނާގޮތުން "ކޮޕް26" ސަމިޓްގައި ގައުމުތަކުން އެއްބަސްވާ ކަންކަން ހާސިލް ކުރެވުނު ނަމަވެސް ދުނިޔޭގެ ޖައްވު ހޫނުވަމުންދާ ދިޔުން އެއްކޮށް ކޮންޓްރޯލެއް ނުކުރެވޭނެއެވެ.
އަނެއްކޮޅުން "ކޮޕް26" ސަމިޓްގައި ގައުމުތަކުން އެއްބަސްވާ ކަންކަން ހާސިލް ކުރެވުމަކީވެސް ވަރަށް ނާދިރު ކަމެކެވެ. އދ. ބުނާގޮތުން "ކޮޕް 26" ގެ ސަމިޓަކީ ދުނިޔެ ހޫނުވާ މިންވަރު ދެ ޑިގްރީ ސެލްސިސްއަށްވެރެ މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ގައުމުތަކަށް ލިބޭނެ އެންމެފަހު ފުރުސަތެވެ.
2030 ވަނައަހަރަށް ދުނިޔެ އަލިވިލުމުގެ ކުރިން ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު ނުވަ އިންސައްތައަށް ދަށްކުރުމަށް ދުނިޔޭގެ 143 ގައުމަކުން ވަނީ ކުރިން އެއްބަސްވެފައެވެ. ނަމަވެސް މިކަން ތަންފީޒު ކުރުމުގައި އެގައުމުތައްވަނީ ނާކާމިޔާބުވެފައެވެ.
ތިމާވެއްޓާ އަދި ފިނި ހޫނުމިނާބެހޭގޮތުން ކޮށްފައިވާ އިލްމީ ދިރާސާތައް ބުނާގޮތުން ދުނިޔޭގެ ޖައްވު ހޫނުވާމިންވަރު ކޮންޓްރޯލް ނުކުރެވިއްޖެނަމަ މިގަރުނު ނިމޭ ހިސާބަށްދާއިރު ދުނިޔޭގައި އިންސާނުންނާއި ދިރޭ އެހެން ކާއިނާތުތަކަށް ދިރިނޫޅެވޭ ވަރަށް ދުނިޔޭގެ ބައެއް ސަރަހައްދުތައް ހޫނުވެ އަނެއްބައި ސަރަހައްދުތައް އާދަޔާ ޚިލާފަށް ފިނިގަދަވާނެއެވެ. އަދި އިންސާނުންނާއި ދިރޭ އެނޫން ކާއިނާތުތަކާއި އިންސާނީ ހަޟާރަތް ފުނޑުފުނޑު ކޮށްނެތި ކޮށްލާވަރުގެ ބޮޑެތި ވަރުގަދަ ތޫފާންތަކާ ދުނިޔެ ކުރިމަތިލާންޖެހޭނެއެވެ.