11 Nov 2021, 13:08
ހުސްވި އޮކްޓޫބަރު މަހު މީރާއަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފިއެވެ.
މީރާއިން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށް ވުރެ 39.2 ޕަސެންޓު އަދި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 155.7 ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު މިއަހަރުގެ އޮކްޓޫބަރު މަހު މީރާގެ އާމްދަނީ ރަނގަޅުވީ ޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓު އިތުރުވެ، ފަތުރުވެރިކަން ރަނގަޅުވުމާއެކު ގްރީން ޓެކްސް އަދި އެއާޕޯޓު ޓެކުހާއި ފީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދު 12 ގުނަ އިތުރުވެފައިވާ ކަމަށް މީރާއިން މައުލޫމާތު ދެއެވެ. އެއީ ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާއި މުޅި އަހަރުގެ ތެރޭގައިވެސް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވި ފަހުންނެވެ.
ކުރީގެ މުއްދަތުތަކަށް ލިބެންޖެހޭ ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ މިދިޔަ މަހުގެ ތެރޭގައި ލިބުމަކީ ވެސް އެ މަހުގެ އާމްދަނީ އިތުރުވި އެއް ސަބަބެވެ.
އޮކްޓޫބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި ހިމެނެނީ؛
ޖީއެސްޓީ: 583.8 މިލިއަން ރުފިޔާ
- އިންކަމް ޓެކްސް: 117.9 މިލިއަން ރުފިޔާ
- ޓޫރިޒަމް ލޭންޑް ރެންޓު: 65 މިލިއަން ރުފިޔާ
- ގްރީން ޓެކްސް: 57 މިލިއަން ރުފިޔާ
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 50 މިލިއަން ރުފިޔާ
- އެހެނިހެން ޓެކުހާއި ފީ: 125.9 މިލިއަން ރުފިޔާ
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 38.20 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.