11 Nov 2021, 13:54
ކ. ތިލަފުށިން ގަވާއިދާ ހިލާފަށް ބިން ބޭނުން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ހައުސިން ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ތިލަފުށީގެ ބިމަކީ އެކި ވިޔަފާރިތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތައް ކަމަށެވެ. އަދި ތިލަފުށިން ވަގުތީ އަދި ދާއިމީ ގޮތެއްގައި ވެސް ބިން ދޫކުރަނީ އެ ވިޔަފާރިއަކާއި އެޗްޑީސީއާ ދެމެދު ހަދާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
ހަމައެއާއެކު އެ އެއްބަސްވުމުގައި ދެ ފަރާތުން އަމަލު ކުރަން ޖެހޭ ގޮތް ކަނޑައަޅާފައި ވާނެ ކަމަށާއި އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އެއްބަސްވުން ބާތިލު ކުރެވޭނެކަން އޭގައި ބަޔާންކޮށްފައިވާނެކަން އެޗްޑީސީން ފާހަގަކުރިއެވެ.
އެހެންނަމަވެސް ތިލަފުށީގައި ބައެއް ވިޔަފާރިތަކުން އެއްބަސްވުމާ ހިލާފަށް އެކި އެކި ކަންކަން ކުރަމުންދާކަން އެޗްޑީސީން ބުންޏެވެ. އަދި އޭގެ ތެރޭގައި އާއްމު މަސްލަހަތު ގެއްލި، ބައެއް ވިޔަފާރިތަކަށް ގެއްލުންވާ ފަދަ އަމަލުތައްވެސް ހިމެނޭ ކަމަށް އެޗްޑީސީން ބުންޏެވެ.
އެހެންކަމުން އެޗްޑީސީން ވަނީ ދެން އެފަދަ އަމަލުތައް ތަކުރާރު ކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
"މީގެ ފަހުން މިފަދަ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާ މެދު ހެދިފައިވާ އެއްބަސްވުމުގެ ތެރެއިން މި ކޯޕަރޭޝަނަށް އެޅެންހުރި ގާނޫނީ ފިޔަވަޅުތައް އަޅަމުން ގެންދާނެ ވާހަކަ ކ. ތިލަފުށީގައި ބިން ކުއްޔަށް ނަންގަވައިގެން އުޅުއްވާ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި އާއްމުކޮށް އަންގާ އިއުލާން ކުރަން،" އެޗްޑީސީގެ ބަޔާނުގައިވެއެވެ.
އެޗްޑީސީން ވަނީ ގަވާއިދާ ހިލާފަށް އަމަލުތައް ކުރާ ވިޔަފާރިތަކަށް އެގޮތަށް ކަންތައްތައް ނުކުރުމަށް އަންގައި، މީގެ ކުރިން ތަކުރާރުކޮށް އިލްތިމާސްކޮށްފައިވާނެ ކަމަށް ބުނެފައެވެ.