މި ސަރުކާރަކީ ބާޣީ ސަރުކާރެއްކަމަށް އަމިއްލައަށް ކަނޑައެޅުމުގެ ބަދަލުގައި މިއީ ބާޣީ ސަރުކާރެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ދިޔުމަށް އެމްޑީޕީ އަށް ޕީޕީއެމް އިން ގޮވާލައްވައިފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ސްޕޯކްސް ޕާސަން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ މި ސަރުކާރަކީ ބާޣީ ސަރުކާރެއް ކަމަށް އަމިއްލައަށް ކަނޑައެޅުމުގެ ބަދަލުގައި މިއީ ބާޣީ ސަރުކާރެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް ދިޔުމަށް އެމްޑީޕީ އަށް ގޮވާލައްވާ ކަމަށެވެ.

"އެމްޑީޕީގައި ތިބި މަދު މީސްކޮޅަށް އެކަނި މިފެންނަނީ މިއީ ބާޣީ ސަރުކާރެއް ކަމަށް. އެހެންވީމާ އަޅުގަނޑު ގޮވާލަން މި މައްސަލަ އަށް ހައްލެއް ހޯދުމަށް ޓަކައި އެމްޑީޕީން ސުޕްރީމް ކޯޓަށް ވަޑައިގެން ނަވާށޭ. އެއިރުން ސުޕްރީމް ކޯޓުން މިއީ ޣައިރުގާނޫނީ ސަރުކާރެއް ކަމަށް ނޫން ނަމަ ގާނޫނީ ސަރުކާރެއްކަމަށް ނިންމަވާނެ،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ މިސަރުކާރަކީ ޣައިރުގާނޫނީ ސަރުކާރެއް ކަމަށް ބުނަނީ ހަމައެކަނި އެމްޑީޕީގައި ތިބި މަދު ބައެއް ކަމަށާއި އެނޫން އެންމެން ވެސް މި ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

މަހުލޫފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާދެއްވީމާ އެމަގާމާ ހަވާލުވެވަޑައިގަންނަވާނީ ނާއިބް ރައީސް ކަމަށް ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ނަޝީދު ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުން ރައްޔިއްތުންގެ މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ ކުރިފުޅުމަތީގައި ނާއިބް ރައީސް، ރައީސުލްހުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވުމުން މިއީ ޣައިރު ގާނޫނީ ސަރުކާރެކޭ ކިޔޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.

"މިސަރުކާރަކީ ގާނޫނީ ސަރުކާރަކަށް ވީމާ ނޫންތޯ އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކުރިފުޅުމަތީގައި ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރިތަން ފެނިގެން ދިޔައީ،" މަހުލޫފް ވިދާޅުވި އެވެ.

މީގެއިތުރުން އޭނާ ވިދާޅުވީ މި ސަރުކާރުން މީހުން ހައްޔަރުކޮށް، އަނިޔާކުރާ ކަމަށް އެމްޑީޕީން ބުނާ އިރު ރައީސް ނަޝީދުގެ ސަރުކާރުން އެތައް ބަޔަކަށް އަނިޔާކުރިތަން އޭނާ ދުށްކަމަށެވެ. އަދި އޭނާއަކީ ވެސް އެ އަނިޔާ ލިބިފައިވާ މީހެއް ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.

"މީހުން ހައްޔަރުކޮށް އަނިޔާ ކުރަނީ މިސަރުކާރުންނޭ ކިޔައިގެން ބޭކާރު ވާހަކަ ނުދައްކާށޭ. އަޅުގަނޑުމެންގެ ކުރިމަތީގައި ތިން އަހަރު ތެރޭގައި ނަޝީދުގެ ސަރުކާރުން އެތައް ބައިވަރު ދިވެހި ރައްޔިތުންނަށް އެތަކެއް އަނިޔާތަކެއް ވަނީ ކޮށްފައި،" މަހުލޫފު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ކުރިމަތީގައި މީހުންގެ ދަތްތައް ބިންދާލައި. މީހުންގެ ބޯފަޅާލާ ބޮލުގެ ނާށިގަނޑުގައި ރެނދު ލައްވާފައި ހުރިތަން އަޅުގަނޑުމެން ދެކެފީމޭ. އަޅުގަނޑަކީ ވެސް އެ އަނިޔާ ލިބިފައި ހުރި މީހެއް،" މަހުލޫފް ވިދާޅުވި އެވެ.

އެމްޑީޕީގެ މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރަނީ ސިޔާސީ ކުށްވެރިންކަމަށް އެމްޑީޕީން ބުނާ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ވެސް މަހޫލު ވިދާޅުވި އެވެ.

އެމްޑީޕީގެ މުޒާހަރާތަކުގައި ހައްޔަރުކުރާ މީހުން ހައްޔަރުކޮށްފައި ވަނީ މުޒާހަރާ ކުރީތީ ނޫން ކަމަށާއި އެމީހުން ހައްޔަރުކޮށްފައި ވަނީ މުޒާހަރާތެރޭގައި ޣައިރުގާނޫނީ ކަންތައްތަކެއްކޮށް ފުލުހުންނާއި ތަންތަނަށް ގެއްލުން ދޭތީ ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.

"މީހުން ހައްޔަރުކުރާ ވާހަކަ ދައްކާ އިރު މީހުން ހައްޔަރުކުރަނީ މުޒާހަރާކޮށްގެން ނޫނޭ. މުޒާހަރާ ކުރާއިރު އެތަނުގައި ޣައިރު ގާނޫނީ ކަންތައްތަކެއް ކޮށް ފުލުހުންނަށް ހަމަލާދީ މީހުންގެ މުދަލަށް ގެއްލުންދީ ތަންތަން ރޯކޮށް، މި އަމަލުތައް ހިންގާ މީހުން ހައްޔަރު ކުރަނީ،" މަހުލޫފް ވިދާޅުވި އެވެ.

ކްރިމިންލް ކޯޓުން މުއްދަތު ޖެހުމުގައި އެމްޑީޕީ މީހުންނަށް ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުން ދައްކާފައިވާ ވާހަކަތައް ވެސް މަހުލޫފު ވަނީ ދޮގުކޮށްފަ އެވެ.

މަހުލޫފު ވިދާޅުވީ 23 ދުވަސް ވަންދެން އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ވެސް ހަމަނުޖެހުން ހިންގި މީހުންނަށް ވެސް މުއްދަތު ޖަހައިދީފައިވާ ކަމަށާއި މުއްދަތު ޖަހައިދީފައި ވަނީ ހަމައެކަނި އެމްޑީޕީ މީހުންނަށް ނޫން ކަމަށެވެ.

މައްޗަށްގޯޅި ދެނުނު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުގެ ކަރުގައި އޭނާ ހިފިކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ އޭނާ މުހައްމަދު ރަޝީދު]ކުބޭ[ގެ ކަރުގައި ހިފި މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްކަމަށް ބުނެ ރޭ ރާއްޖެ ޓީވީން ވީޑިއޯއެއް ދެއްކި ކަމަށެވެ. އެ ވީޑިއޯ އޭނާ ވެސް ބެލިކަމަށާއި ރާއްޖެ ޓީވީން ދެއްކި ވީޑިއޯ އިން އޭނާގެ ކަރުގައި ހިފާމަންޒަރެއް ނުފެންނަ ކަމަށެވެ.

"ރޭގަ ރާއްޖެ ޓީވީން އަޅުގަނޑު ކުބޭގެ ކަރުގައި ހިފައިފިޔޭ ކިޔާފައި ވީޑިއޯއެއް ދެއްކި. އަޅުގަނޑު ވެސް އެ ވީޑިއޯ ބެލިން، އަޅުގަނޑަކަށް ނުފެނޭ އެ ވީޑިއޯ އިން އަޅުގަނޑު އޭނަގެ ކަރުގައި ހިފާތަނެއް،" މަހުލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީސް ތެރޭގައި ނުހިނގިގެން އޭނާ ކޮއްޕާލި ކަމަށާއި ނަމަވެސް އޭނާގެ ކަރުގައި ނުހިފާ ކަމަށެވެ.