ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 117 ބޭފުޅަކަށް ދީފިއެވެ.

މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި އެ ބޭފުޅުންނަށް ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ހަވާލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

އެ ބޭފުޅުންގެ ތެރޭގައި 50 އަހަރަށް ވުރެ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރެއްވި ފަސް ބޭފުޅެއްގެ ނަން ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ. އެ ފަސް ބޭފުޅުންނަކީ؛

  • ފާއިޒާ އަބްދުލްގާދިރު

  • އިބްރާހިމް ޒަކީ
  • ކާނަލް ރިޓަޔާޑް (ރަން ވިއްކާ) އާދަމް މަނިކު
  • ލެފްޓިނެންޓް ރިޓަޔާޑް އުމަރު މުހައްމަދު
  • އިބްރާހިމް ހަލީމް

މިރޭ އިނާމު ލިބިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ބްރިގޭޑިޔާ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ ވެސް ހިމެނިވަޑައިގަންނަވައެވެ.

އާދަމް ޝަރީފަކީ ދައުލަތަށް 38 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރެއިން ތައުލީމީ 35 އަހަރު ހިދުމަތް ކުރައްވާފައިވަނީ ތައުލީމީ ދާއިރާގައެވެ.

ބްރިގޭޑިޔާ ޖެނެރަލް ޒަކަރިއްޔާ މަންސޫރަކީ 1984 ވަނަ އަހަރުން ފެށިގެން ދިވެހި އަސްކަރިއްޔާގައި 37 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އަދި މިހާރު ވެސް ހިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. އޭނާ މިހާރު އަދާ ކުރައްވަމުން ދަނީ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ.

ރައީސް ސޯލިހު، ބްރިގޭޑިޔާ ޖެނެރަލް ޒަކަރިއްޔާ މަންސޫރަށް ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވަނީ--

ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ އަކީ 1979 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރާ ހަމައަށް އެމްއެންޑީއެފްއަށް ހިދުމަތް ކޮށްދެއްވި ބޭފުޅެކެވެ. އޭނާ ދައުލަތަށް 37 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވެއެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ގާބިލުކަމާއި އިހްލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ.

މިއީ މިއަހަރު މުޅިން އަލަށް ތައާރަފު ކޮށްފައިވާ އިނާމެކެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 117 ބޭފުޅަކަށް ލިބުނު ނަމަވެސް، ސިއްހީ ހާލު ހުރި ގޮތުންނާއި މިވަގުތު ރާއްޖޭގައި ނެތުމުގެ ސަބަބުން ބައެއް ބޭފުޅުންނަށް ޖަލްސާއަށް ވަޑައިނުގެންނެވޭތީ އެ ބޭފުޅުންނަށް މިރޭގެ ޖަލްސާގައި އިނާމު ހަވާލުކޮށްފައި ނުވެއެވެ.