މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުމަށް މިދިޔަ ތިން އަހަރު ކުރެވުނު ގިނަ މަސައްކަތްތަކުގެ ނަތީޖާ ރަނގަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދު ކުރާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާއަކީ، އަތުލައިގަނެވޭ މަސްތުވާ ތަކެތީގެ އަދަދު އިންތިހާއަށް މަތިވުން ކަމަށެވެ.

މިދިޔަ މަހު ފުލުހުން އަތުލައިގަތް 215 ކިލޯގެ ހެރޮއިން-- ފޮޓޯ/ ޕޮލިސް

އެހެން ނަމަވެސް، މަސްތުވާތަކެތި މުޖުތަމައު ސަލާމަތް ކުރުމަކީ މުހިންމު އަދި ބުރަ މަސައްކަތެއް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ،މަސްތުވާތަކެތީގައި ޖެހި މުޖުތަމައުން އެކަހެރިވެފައިވާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެންނަން ޖެހޭ ކަމަށެވެ.

"މުޖުތަމައާ ގުޅިގެން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ގާތުން ފަރުވާ ދިނުމަކީ މިކަމުގައި ސަރުކާރުން އިސްކަމެއްދޭ ސިޔާސަތެއް. ކޮމިއުނިޓީ ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް މިހާރު އެ ވަނީ ބަޖެޓް ކުރެވިފަ." ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ރީހެބިލިޓޭޝަން އާއި ކުޅިވަރާއި ވަޒީފާއާއި ހުނަރު ލިއްބައިދިނުން ވަރަށް މުހިންމު ކަމަށެވެ.

ހަމައެއާއެކު ކުރިއަށް އޮތްތަނުގައި ޒުވާނުންނާއި މަސްތުވާތަކެތީގެ
މައްސަލަތަކަށް ސަރުކާރުގެ ނަޒަރު ކުރިއަށް ވުރެ ސީދާ ކުރެވޭނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދު ކުރުމާ ބެހޭގޮތުން މިދިޔަ މަހު ދިވެހި ސަރުކާރުން ވަނީ އެމެރިކާގެ ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީއީއޭ) އަދި އޮސްޓްރޭލިއާގެ އޮސްޓެރޭލިއަން ފެޑެރަލް ޕޮލިސް (އޭއެފްޕީ)އާ މަޝްވަރާ ކޮށްފައެވެ.

އެ މަޝްވަރާގައި ޑީއީއޭއާއި އޭއެފްޕީއިން ވަނީ މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އަމާޒުކޮށް މި ސަރަހައްދުގެ ގައުމުތަކުގެ ކަމާގުޅޭ އިދާރާތަކާއެކު ގާތުން މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.